ނާޒިމް ވަގުތުން މިނިވަންކުރުމަަށް ރައީސް މައުމޫން ގޮވާލައްވައިފި

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަގުތުން މިިނިވަންކުރުމަށް ކުރީގެ ރައީސް އަދި ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިކަމަށް ގޮވާލައްވާފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ކާނަލް ނާޒިމް ވަގުތުން މިނިވަން ކުރުމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ގޮވާލާފައިވާ ގޮވާލުމާއި އެއްގޮތަށް އެމަނިކްފާނު ވަގުތުން މިިނިވަންކުރުމަށް ސަރުކާރަށް ގޮވާލައްވާކަމަށެވެ.
ކާނަލް ނާޒިމް މިނިވަންކުރުމަށް ރައީސް މައުމޫން ގޮވާލައްވާފައިވާއިރު، މިއީ ނާޒިމްގެ މައްސަލައާއި ގުޅިގެން ރައީސް މައުމޫން ވާހަކަދެއްކެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ނާޒިމްގެ މައްސަލަ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އދ.ގެ ވޯކިން ގުރޫޕަށް ހުށަހެޅީ ނާޒިމްގެ އާއިލާގެ އެދުމަކަށް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ އެމްނެސްޓީ އިންޓަނޭޝަނަލް އިންނެވެ. އެޖަމިއްްޔާއިން ނާޒިމުގެ މައްސަލަ ވޯކިން ގުރޫޕަށް ހުށަހެޅީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ނާޒިމަށް އިންސާފު ލިބޭނެ އެއްވެސް މަގެއް ނެތް ކަމަށް ބުނެ އެވެ.
އދ.ގެ ވޯކިން ގުރޫޕުން މިމައްސަލަ ނިންމުމަށްފަހު ދިވެހި ސަރުކާރަށް ގޮވާލާފައިވަނީ ކާނަލް ނާޒިމު މިނިވަން ކުރުމަށާއި ގާނޫނާ ގަވައިދާ ހިލާފަށް ނާޒިމް ބަންދުގައި ބަހައްޓާފައިވާތީ އޭނާއަށް ބަދަލު ދިނުމަށެވެ.
ވޯކިން ގުރޫޕުގެ މި ނިންމުމާއި ގުޅޭގޮތުން ސިޔާސީ ގިނަ ބޭފުޅުން ގެންދަވަނީ ނާޒިމް ވަގުތުން މިނިވަންކުރުމަށް ގޮވާލަމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކާނަލް ނާޒިމް ހައްޔަރުކޮށް ޝަރީއަތްކޮށް ޖަލަށްލާފައިވަނީ ފްރޭމް ކޮށްގެންކަމަށާ އެހެންކަމުން އެމަނިކްފާނު މިނިވަންކުރަންޖެހޭކަމަށެވެ. އަދި ރައީސް ނަޝީދުވެސް ވަނީ ވޯކިން ގުރޫޕުން ގޮވާލާފައިވާގޮތަށް ނާޒިމް ވަގުތުން މިނިވަންކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
މީގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ އިތުރަށް ގާނޫނީ ވަކީލުންވެސް ގެންދަވަނީ ނާޒިމް މިނިވަންކުރުމަށް ގޮވާލަމުންނެވެ. އެ ބޭފުޅުން ވިދާޅުވީ ބައިނަލްއަގްވާމީ ފަރާތްތަކުގެ ގޮވާލުންތަކަށް އިޖާބަދޭންޖެހޭކަމަށާ ވޯކިން ގުރޫޕުގެ ނިންމުމުން ނާޒިމްގެ މައްޗަށް ހިންގާފައިވަނީ އިންސާފުވެރި ޝަރީއަތެއް ނޫންކަން ހާމަވެގެން ހިނގައްޖެކަމަށެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 27 މާޗް 2015 ގައެވެ. ކްރިމިނަލް ކޯޓުން ނާޒިމުގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށެވެ. މިހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން މިމައްސަލަ ބަލައިނުގަތުމަށް ނިންމާ މިމައްސަލަ ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.
ނާޒިމުގެ ކުރިން މިފަދަ މައްސަލައެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އދ.ގެ ވޯކިން ގުރޫޕަށް ހުށަހެޅުއްވި އެވެ. އެމައްސަލަ ވެސް ނިމިފައިވަނީ ނަޝީދާ އެއްކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ