މަޖުބޫރު ކޮށްގެން ޕީޕީއެމަށް މީހުން ވައްދަމުންދާ ކަމަށާއި އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ޕީޕީއެމަށް ސޮއި ކުރުވަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ފަދަ ކަންތައްތަކެއް ހިނގާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އެކަމަކު އެއީ އެމަނިކުފާނަށް އެނގިވަޑައިގެން ހިނގަމުންދާ ކަމެއް ނޫން ކަމަށެވެ.
ޕާޓީތަކަށް ސޮއި ކުރުމަކީ އެ މީހެއްގެ އަމިއްލަ އިހްތިޔާރުގައި އޮންނަންޖެހޭ ކަމެއް ނަމަވެސް އެކި ގޮތްގޮތުން ނުފޫޒު ފޯރުވައިގެން ޕީޕީއެމަށް މެމްބަރުން ވައްދަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެއީ އެ ޕާޓީގެ ނަމުގައި އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މައުމޫން ނެރުއްވި ބަޔާނުގައިވެ އެވެ. އަދި މިހާރު މެމްބަރުންގެ ގޮތުގައި ތިބި ބައެއް މީހުން ދެ ވަނަ ފަހަރަށް އެ ޕާޓީ އަށް ސޮއި ކުރުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ޕީޕީއެމްގެ ނަމުގައި މިކަން ކުރަމުންދާ ބަޔަކު އެކަން އެގޮތަށް ނުކުރުމަށް ގޮވާލަމެވެ،" އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ޕީޕީއެމްގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތުން ސްކޫލްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ޕާޓީގެ ހަރަކާތްތަކުގައި އުޅެން މަޖުބޫރު ކުރުވާ ކަމަށާއި އެއީ އެ ޕާޓީގެ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށް އެ ބަޔާނުގައި މައުމޫން ވިދާޅުވެފައިވެ އެވެ. އެ ކަންކަމުގައި ވަޒީރުންނާއި ކުންފުނިތަކުގެ ބޯޑު މެމްބަރުންގެ އިހުމާލު އެބައޮތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މިކަންކަން އެ ފަރާތްތަކުން އެ ކުރަނީ ޕާޓީގެ އަގު ވައްޓާލުމަށާއި ޕާޓީގައި ހެދިފައިވާ ގަވާއިދާއި އުސޫލުތަކާ ޚިލާފަށް ކަމުގައި ދެކެމެވެ،" އެ ބަޔާނުގައި މައުމޫން ވިދާޅުވެފައިވެ އެވެ.
މައުމޫން އެގޮތަށް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ޕީޕީއެމަށް ސޮއި ކުރަން މަޖުބޫރު ކުރުވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންގެ މަސައްކަތްފުޅުން އިއްޔެ އެކަނި ވެސް 11،000 މެމްބަރުން ޕީޕީއެމަށް އިތުރުވެފައިވާ ކަމަށް އިއުލާން ކޮށްފައި ވަނިކޮށެވެ.
ރައީސް ޔާމީނާ އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި މައުމޫން ވަނީ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންގޮސްފަ އެވެ.
މަޖުބޫރުކޮށްގެން ޕީޕީއެމަށް މީހުން އެބަ ވައްދާ، އެއީ ގާނޫނާ ޚިލާފް ކަމެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ