ރީކޯ މޫސަ ދެއްކެވި ވާހަކަތަކަށް އެމްޑީޕީ މެމްބަރު ސަމީރު ފާޑު ވިދާޅުވެއްޖެ

ސަރުކާރު ހިންގާ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭތީ އެކަމަށް އިޝާރާތް ކުރައްވައި ރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، ހާއްސަކޮށް ޕާލަމެންޓްރީ ގުރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު ދެއްކެވި "ހަރުކަށި އިންޒާރުތަކަށް" މަޖިލީހުގެ ދިއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަދި ޕާލަމެންޓްރީ ގުރޫޕުގެ ނާއިބު ރައީސް އަހުމަދު ސަމީރު ފާޑު ވިދާޅުވެއްޖެ އެވެ.
ކުރިން ޑީއާރުޕީ މެމްބަރެއްގެ ގޮތުގައި ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއްރަހީމް ރޭ އެމްޑީޕީ އަށް ސޮއިކުރެއްވުމަށް ބޭއްވި ހަފުލާގައި ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ސަމީރުގެ އަމިއްލަ ބްލޮގްގައި ވަނީ މަޖިލީހުގެ މިހާރުގެ މެޖޯރިޓީ ލީޑަރު ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ދެއްކެވި ވާހަކަތަކަށް ފާޑު ވިދާޅުވެފަ އެވެ.
މަޖިލީހުގައި މަޑުމައިތިރި ވިސްނުމެއް ގެންގުޅުއްވާ ސަމީރު ވިދާޅުވީ އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބުނަސް އޭގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަން މަތީގައި ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް ރޭގެ ޖަލްސާގައި ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކުން އެކަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ސަމީރު ވަނީ ރީކޯ މޫސަ ޒިންމާދާރުވުމަށް ވެސް އެދިވަޑައިގެންފަ އެވެ.
"މެޖޯރިޓީ ލީޑަރެވެ. ޒިންމާދާރުވާން ޖެހޭނެ އެހެން ނޫންތޯ އެވެ؟ ޒާތީ އެއްވެސް ކަމެއްގެ ބަދަލު ހިފުމަށް މި މެޖޯރިޓީގެ ބޭނުން ނުހަމަ ގޮތުގައި ހިފައިފިނަމަ ދެން ވާނީ ކިހިނެއްތޯ އެވެ؟،" ރީކޯ މޫސަ އަށް އިޝާރާތް ކުރައްވައި ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން މަޖިލީހުގައި މެޖޯރިޓީ ހޯދައިގެން ތިބި ފަރާތްތަކުން ކަންކުރި ޒިންމާދާރުކަން ކުޑަގޮތަށް ޕާޓީގެ ކޮންމެ މެމްބަރަކު ކޮންމެ އެއްޗެއް ހުށަހެޅިޔަސް އެކަމަށް ތާއީދުކުރާ އުސޫލަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތެރޭގައި އޮވެދާނެ އުސޫލެއް ކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށެވެ.
"މެޖޯރިޓީއާ އެކު ދައުރު ފެށޭއިރު މާޒީގެ ޖަލްސާތައް މަތިން ހަނދާންކޮށްލުމަކީ ނެތްކަމެއް ނޫން ދޯ އެވެ. މާޒީގައި ފެނިފައިވަނީ އެކަކު އެކަނި ވެސް ހިތްހަމަ ނުޖެހުނީމާ ޖަލްސާތައް ހުއްޓާލުމަށް މަޖުބޫރު ކުރުވިތަން ފެނިފައިވޭ ނޫންތޯ އެވެ؟ އެހެންކަމުން އެފަދަ ހާލަތެއް އާ ދައުރުގައި މަޖިލީހުގެ ތެރެއިން ފެނިގެން ހިނގައްޖެ ނަމަ، ދައުރުގެ މުޅި ޖަލްސާތަކަށް ވެގެންދާނެ ގޮތަކާ މެދު ވެސް މިއަދުގެ ސިޔާސީ ފިކުރުގައި ވިސްލަމުން ދަންނަވަން ޖެހެނީ ހުންގާނު ނެތް އޮޑިއެއް ފަދައިން ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ދެވޭ ނުދެވޭ ތަނެއް ނޭނގި ކަނޑުވެ ބެހިގެންދާތަން ނޫންބާވަ އެވެ؟،" ސަމީރްހާއަލިފުޑޮޓްކޮމްގައި ލިޔުއްވާފައިވެ އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރީކޯ މޫސަ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަކީ ރެއަށް ފަހު އެމްޑީޕީ ކަމަށާއި މާލިއްޔަތު ގާނޫނާއި އެހެން ގާނޫނުތައް ވެސް ސަރުކާރުން ބޭނުންވާ ގޮތަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު މަގާމުން ވަކި ކުރައްވާނެ ކަމުގެ އިންޒާރުގެ އިތުރުން ކުރީގެ ރައީސް މައުމޫނަށް ދެމުން އަންނަ އިނާޔަތްތައް ވެސް ހުއްޓުވާލައްވާނެ ކަމަށެވެ. އެކަން ނުކޮށް ކުރިއަށް ދެވެން ނެތް ކަމަށް ވެސް މޫސަ ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން މަޖިލީހުގައި އެ ޕާޓީ އަށް 39 މެމްބަރުން ހަމަވާ ދުވަހަކީ "މި ރާއްޖޭގެ ފަނޑިޔާރުން ވެސް، މިނިވަން މުއައްސަސާތަކުން ވެސް ވިސްނަން ޖެހޭނެ" ދުވަހެކެވެ. އަދި ގަވަރުނަރު ފަޒީލާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އެކަން ހަނދާން ބެހެއްޓެވުމަށް މޫސަ އިންޒާރުދެއްވި އެވެ.
އޭނާ އަދި ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު ނާޒިމަށް ވެސް އެ ގޮނޑީގައި ދެން ނުހުންނެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ