އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެއްސި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ކުރުމާއި ގުޅިގެން އެ ކޯޓުގެ އަމުރަށް ތަބާވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ކޯޓުގައި ބުނެފައި މިވަނީ ފުރަތަމަ ބުރުގެ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ޖުމްހޫރީ ޕާޓީން އިންތިހާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓުގައި އެދުމާއި ގުޅިގެން މިއަދު އެމައްސަލައިގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެވެ.
މިއަދު ސުޕްރީމް ކޯޓަށް ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ހާޒިރުކޮށްފަ އެވެ.
އެ މެންބަރުންނަކީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި، ނައިބް ރައީސް އަހްމަދު ފަޔާޒު ހަސަންއާއި، މެންބަރު މުހައްމަދު ފާރޫގުއާއި އަދި މެންބަރު އަލީ މުހައްމަދު މަނިކު އެވެ. ނަމަވެސް މެންބަރު އިބްރާހީމް ވަހީދު (އޮގަރު ވަހީދު) ސުޕްރީމް ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުން އިންތިހާބު ފަސްކުރަން ނެރުނު އަމުރާއި ގުޅިގެން އިންތިހާބާއި ގުޅޭ އެއްވެސް މަސައްކަތެއް ހުއްޓާ ނުލާ ކަމަށް އިއްޔެ އެކޮމިޝަނުން ބުނުމުން އެކަމާއި ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ސުވާލު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ބުނީ ކޯޓު އަމުރުގައި އިންތިހާބާއި ގުޅޭ މަސައްކަތްތައް ހުއްޓާލަން ބުނެފައި ނުވާ ކަމަށެވެ.
ފުއާދު ވިދާޅުވީ އިންތިހާބުގެ ތައްޔާރީތައް ކުރިއަށް ގެންދަނީ ތައްޔާރީތައް ހުއްޓާލަން އަންގާފައި ނުވާތީ، ކޮންމެ ވަގުތެއްގައި ހުކުމް ކުރި ނަމަވެސް އިންތިހާބު ބޭއްވޭނެ ގޮތް ހެދުމަށް ކަމަށެވެ.
ނަމަވެސް ހޮނިހިރު ދުވަހު ބާއްވަން ތާވަލްކޮށްފައި އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބޭއްވުމަށް އަންގައި ސުޕްރީމް ކޯޓުން އިލެކްޝަން ކޮމިޝަނުގެ މައްޗަށް ނެރުނު އަމުރަށް އަމަލުކޮށް ކޯޓުގައި އޮތް މައްސަލަ ނިންމައި ހުކުމްކުރުމުގެ ކުރިން އިންތިހާބު ނުބާއްވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
މިއަދުގެ ހެނދުނު ކޯޓުގައި ބޭއްވި އަޑުއެހުން ނިންމާލީ މެންދުރު ފަހު އަޑުއެހުމެއް ބާއްވާ ދެ ފަރާތުގެ ހުލާސާ ބަޔާން ނެގުން އޮންނާނެ ކަމަށް ބުނުމަށްފަހު އެވެ. ހުލާސާ ބަޔާން އިއްވުމަށް ފަހު ދެން އޮންނާނީ ހުކުމް ކުރުމެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ކޯޓުގައި ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ