އިންޖީނަކަށް މައްސަލަތަކެއް ދިމާވެގެން ކަރަންޓް ކަނޑަން ފަށައިފި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އިންޖީނަކަށް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ދޭތެރެ ދޭތެރެ އިން ކަރަންޓް ކަނޑަން ފަށައިފި އެވެ.
މިގޮތުން ފާއިތުވި 2 ދުވަހު ވެސް، ކުރިން އެންގުމަކާއި ނުލައި ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލުމުގެ ސަބަބުން އިލެކްޓްރޯނިކް ސާމާނު ހަލާކުވަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އައްޑޫގައި ހިންގާ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި، ކަރަންޓު ކަނޑާލަމުން ދަނީ އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށާއި މިހާރު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އޭނާ ބުނިގޮތުގައި ކަރަންޓު ކަނޑާލަމުން ދަނީ އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތ ކުރަމުން ގެންދާތީ ކަމަށާއި މިއަދުގެ ނިޔަލަށް އިންޖީނަށް ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ވަނީ 2 އިންޖީނެއް ގެނައި ނަމަވެސް އެ އިންޖީނުތައް ބޭނުން ކުރަން ނުފެށެނީސް ވަނީ އެނބުރި މާލެ ގެންގޮސްފައެވެ. އިންޖީނުތައް މާލެ ގެންދިޔައީ މިނިވަން50 ގެ ހަރަކާތްތަކަށް މާލެ ގެންދިއުމަށް ފަހު އަނބުރާ އައްޑޫއަށް ގެންނާނެ ކަމަށް ބުނެފައެވެ.
އެހެން ނަމަވެސް ފަހުން ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ވަނީ އައްޑޫއަށް ދެން ފޮނުވާނީ މުޅިން އާ އިންޖީނުތަކެއް ކަމަށް ބުނެ އައްޑޫ އިން ގެންދިޔަ އިންޖީނުތައް އަނބުރާ އައްޑޫއަށް ނުފޮނުވަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ