މޫސުމް: ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމް ގޯސްވާނެ ކަމަށް ލަފާކުރައްވައި މޫސުމާއިބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ (މެޓްއޮފީހުން) ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 5:15 އިން މިރޭ 7:00  އަށް ޅ.އަތޮޅުން ފެށީގެން މ.އަތޮޅާއި ހިސާބަށެވެ/
މީގެ އިތުރުން މިއަދު 05:00 އިން މިރޭ 09:00 އަށް މުޅި ރާއްޖެއަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ އެލާޓްގެ ވަގުތުގައި މުޅި ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމުގަ އެވެ.
**********************************
މޫސުމާއި ބެހޭގޮތުން ނެރޭ އެލާޓްތައް
ރާއްޖޭގެ ކޮންމެ ސަރަޙައްދަކަށް ވެސް މޫސުމް ގޯސްވެއްޖެ ނަމަ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ފުރަތަމަ ނެރުއްވަނީ ވައިޓް އެލާޓް އެވެ.
ވައިޓް އެލާޓް:
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރުއްވައިފި ނަމަ މޫސުމަށް ސަމާލުވާން ޖެހޭނެ އެވެ. ވައިޓް އެލާޓްގައި، އާއްމުގޮތެއްގައި ހުންނަވަރަށްވުރެ ވައި ބާރުވާނެ އެވެ. އަދި ވާރޭ ވެހި އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ކަނޑުތައް ވެސް ގަދަވާނެ އެވެ. ވައިޓް އެލާޓްގައި އާންމު ގޮތެއްގައި ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގަ އެވެ. ވައިޓް އެލާޓް ނެރުއްވާފައި ވާނަ މަ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއިބެހޭ ޤައުމީއިދާރާއިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަކީ ސަލާމަތާއި ރައްކާތެރިމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ރާއްޖޭގެ ކޮންމެ ސަރަޙައްދަކަށް ވެސް މޫސުމް ގޯސްވެއްޖެ ނަމަ މޫސުމާއިބެހޭ ޤައުމީ އިދާރާއިން 2 ވަނައަށް ނެރުއްވާނީ ޔެލޯ އެލާޓް އެވެ.
ޔެލޯ އެލާޓް:
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރުއްވައިފިނަމަ ޔެލޯ އެލާޓްގެ މުއްދަތުގައި ވައި ބާރުވެ ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި އާދަޔާ ޚިލާފަށް ކަނޑުތައް ގަދަވެ ވައި ބާރުވާނެ އެވެ. ޔެލޯ އެލާޓް ނެރުއްވާފައިވާ ސަރަހައްދުން ކަނޑުމަގުން ދަތުރު ކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދެެއްވުމަކީ ވަރަށް މުހިންމުކަމެކެވެ. ޔެލޯ އެލާޓްގެ ވަގުތުގައި ވިދާ ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް މޫސުމާއިބެހޭ ޤައުމީ އިދާއިން ލަފާކުރައްވަ އެވެ. މީގެ އިތުރުން ޔެލޯއެލާޓްގެ ވަގުތުގައި އުދައެރުން ފަދަ ހިތާމަވެރި ހާދިސާތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ ޔެލޯ އެލާޓް ނެރުއްވުމާއި ގުޅިގެން ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުގެ އިތުރުން ޔެލޯ އެލާޓް ނެރުއްވާފައިވާ ސަރަހައްދުގައި ދިރިއުޅުއްވާ އެންމެހައި ރައްޔިތުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައި މޫސުމަށް ސަމާލުކަން ދެއްވުމަކީ ވެސް މޫސުމާއިބެހޭ ޤައުމީ އިދާރާގެ އެދިލެއްވުމެކެވެ.
ރާއްޖޭގެ ކޮންމެ ސަރަޙައްދަކަށް ވެސް މޫސުމް ގޯސްވެއްޖެ ނަމަ މޫސުމާއިބެހޭ ޤައުމީ އިދާރާއިން 3 ވަނައަށް ނެރުއްވާނީ ރެޑް އެލާޓް އެވެ.
ރެޑް އެލާޓް:
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ރެޑް އެލާޓް ނެރުއްވާފައި ވަނިކޮށް ކަނޑު ދަތުރުފަތުރު ކުރެއްވުމަކީ ނުރައްކައުތެރި ހާދިސާއެއް ހިނގުން ދުރުގައިވާ ކަމެއް ނޫނެވެ. ވީމާ ރެޑް އެލާތްގެ މުއްދަތުގައި ކަނޑު ދަތުރުފަތުރު ކުރެއްވުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ. ރެޑް އެލާޓްގެ މުއްދަތުގައި ވަޔާއި ވިއްސާރައާއި އެކު ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ ގާތްކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރެއްވުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ރެޑް އެލާޓް ނެރެފައިވާ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ އެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ ވިދާ ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ އެވެ.  ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެ ކަމަށް ލަފާކުރައްވާ ސަރަހައްދުތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން ރައްކާތެރި ސަރަހައްދުތަކަށް ދިޔުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ނެވެ.
ރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ނެރުއްވާ 04 ވަނަ އެލާޓް އަކީ ގްރީން އެލާޓް އެވެ.
ގްރީން އެލާޓް:
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ގްރީން އެލާޓް ނެރުއްވާނީ އާންމުގޮތެއްގައި މޫސުމް ރަނގަޅު ވުމުން ނެވެ. ގްރީން އެލާޓް ނެރުމުން ވައިޓް އެލާޓް، ނުވަތަ ޔެލޯ އެލާޓް ނޫންނަމަ ރެޑް އެލާޓް، ނެރެފައިވާ ސަރަހައްދުތައް އާންމު ޙާލަތަށް ރުޖޫޢަވީ ކަމުގައި މޫސުމާއިބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ