ކުރިއަށް އޮތް ތާނގައި ވެސް ފައްސިވާ މީހުންގެ އަދަދު އިތުރުވާނެ: ޑރ. އަފްޒަލް

ކުރިއަށް އޮތްތާނގައި ވެސް ކޯވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށާއި، މިކަހަލަ ފުރަބަންދެއް ނިމިގެން ދާއިރު އަދި އާންމު ހާލަތަކަށް ނުވަތަ ކުރީގެ ހާލަތަށް ދާން ވަރަށް ގިނަ ދުވަސް ނަގާނެ ކަން ކުރިއަށް އޮތްތާނގައި ވިސްނާލަން ޖެހޭ ކަމަށް ޑރ. އިބްރާޙީމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ފުރަބަންދެއް ނިމިގެން ދާއިރު އަދި އާންމު ހާލަތަކަށް ނުވަތަ ކުރީގެ ހާލަތަށް ދާން ވަރަށް ގިނަ ދުވަސް ނަގާނެ ކަން ކުރިއަށް އޮތްތާނގައި ވިސްނާލަން ޖެހޭ ކަމަށެވެ.
ފުރަބަންދު ނިމުނީމާވެސް ބައްޔާ އެކު ދިރިއުޅެން ދަސްކުރަން ޖެހޭނެ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.
“މިހާރު ލޮކްޑައުންގެ ހާލަތުން އަޅުގަނޑުމެން ސަލާމަތްވެ، ނުވަތަ އެކަން ނިމިގެންދާއިރުވެސް އަދި ވަރަށް ދުވަސް ނަގާނެ އެންމެ އިހުގެ ދިރިއުޅުމަށް އަނބުރާ ދާން. ދުވަސްތަކަކަށް އަޅުގަނޑުމެން ޖެހޭނެ ކޮވިޑް އާއި އެކީ ދިރިއުޅެން ދަސްކުރަން. މާނައަކީ ކޮވިޑްގެ ހާލަތުގައި ދިރިއުޅުމަށް ގެންނަން ޖެހޭ ގިނަ ބަދަލުތައް ގެންނަން ޖެހޭނެ،” ޑރ. އަފްޒަލް ވިދާޅުވި އެވެ.
މި ދުވަސްވަރަކީ މޫސުން ގޯސްވެ، ވިއްސާރަ ދުވަސްވަރަކަށް ވާތީ ވަރަށް ބޮޑަށް ސާފުތާހިރު ކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށާއި، ހާއްސަކޮށް ޑެންގީން ސަލާމަތްވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލަން ސަމާލުކަން ދޭން ވާނެ ކަމަށްވެސް ޑރ. ވިދާޅުވިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ރާއްޖެއިން ކޯވިޑަށް ފައްސިވި ޖުމްލަ އަދަދަކީ 128 އެވެ. އަލަށް މިބައްޔަށް ފައްސިވި މީހުންގެ ޢަދަދަކީ 20 މީހުން ކަމަށް އެޗްޕީއޭގެ މައުލޫމާތުން ހާމަވާއިރު، އޭގެ ތެރޭ ހިމެނެނީ 60 ދިވެހިންނާއި 68 ބިދޭސިންނެވެ. މާލެއިން ފައްސިވި މީހުން އަދަދު ވަނީ 107 އަރާފަ އެވެ.
މިހާތަނަށް 5441 ސާމްޕަލް ނަގާފައިވާއިރު 5071 ސާމްޕަލް ވަނީ ނައްސިވެފައެވެ. މިވަގުތު ކަރަންޓީންގައި ތިބީ 1329 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 125 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ