ފައިސާ ފޮނުވުމުގެ ޚިދުމަތުގެ ތެރެއިން މިދިޔަ އަހަރު 70 މިލިއަން ޑޮލަރު ބޭރަށް

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް މިދިޔަ އަހަރު ރާއްޖެއިން ބޭރަށް 70 މިލިއަން ޑޮލަރު ފޮނުވާފައިވާކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.
މި އަދަދަކީ 2022 ވަނަ އަހަރާ އަޅާބަލާއިރު 43 އިންސައްތަ އިތުރު އަދަދެކެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ މާލީ ރިޕޯޓުވާގޮތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޙިދުމަތްދީފައި ވަނީ 2 ކުންފުންޏަކުންނެވެ. އެއީ އައިލެންޑް ފައިނޭންޝިއަލް ސަރވިސް އާއި އެންބީއެލް މަނީ ޓްރާންސްފަރއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއިން ބޭރަށް 70 މިލިއަން ޑޮލަރު ފޮނުވާފައިވާއިރު، މިއީ އޭގެކުރީ އަހަރު ރާއްޖެއިން ބޭރަށް ފޮނުވި 50 މިލިއަން ޑޮލަރާއި އަޅާބަލާއިރު 43 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުތެރޭ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ 84000 މުއާމަލާތެއް ކުރިއަށްގެންގޮސްފައިވެއެވެ. މިއީ 2022އާ އަޅާ ބަލާއިރު %24 އިންސައްތަ އިތުރު އަދަދެކެވެ.
ރެމިޓަންސް ކުންފުނިތައް ނުވަތަ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޙިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް މިދިޔަ އަހަރު ފޮނުވާފައިވާ ފައިސާގެ %84 އަކީ ބިދޭސީން ފޮނުވާފައިވާ ފައިސާއެވެ. އަދި ދިވެހިން މި ޙިދުމަތް ހޯދާފައިވާ މިންވަރަކީ %16 އެވެ.
އެމްއެމްއޭއިން ފާހަގަކޮށްފައިވާގޮތުން ރެމިޓެންސްގެ ޙިދުމަތް ހޯދާ ދިވެހިންގެ އަދަދު މިދިޔަ އަހަރު ވަނީ 14 އިންސައްތަ ދަށްވެފައެވެ. އަދި މި ހިދުމަތް ހޯދާ ބޭރު މީހުންގެ އަދަދުވަނީ 63 އިންސައްތަ އިތުުރުވެފައެވެ.
ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް އެންމެ ގިނަ އަދަދެއްގެ ފައިސާ ފޮނުވާފައި ވަނީ ބަންގްލަދޭޝްއަށެވެ.
ބަންގްލަދޭޝް : %46
ނޭޕާލް : %9
ފިލިޕީންސް : %8
މިސްރު : %7
އިންޑިއާ : %6
އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުތެރޭ ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް އެހެން ޤައުމުތަކުން ރާއްޖެއަށް ފޮނުވާފައިވާ ފައިސާގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުތެރޭ 3000 މުއާލަތެއް ކުރިއަށްގެންގޮސްފައިވާއިރު، ޖުމްލަ 2.8 މިލިއަން ޑޮަލަރުވަނީ ބޭރު ޤައުމުތަކުގައި އުޅޭ ފަރާތްތަކުން ރާއްޖެއަށްވަނީ ފޮނުވާފައެވެ.
ޔޫއޭއީ : %15
އެމެރިކާ : %7
ޖަރުމަންވިލާތް : %6
ޗައިނާ : %6
އިނގިރޭސިވިލާތް : %5
އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުތެރޭ ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް އެހެން ޤައުމުތަކުން ރާއްޖެއަށް ޖުމްލަ 2.8 މިލިއަން ޑޮަލަރު ފޮނުވާފައިވާއިރު، މި އަދަދަކީ 2022ވަނަ އަހަރާއި އަޅާ ބަލާއިރު %8 ދަށް އަދަދެކެވެ. ރާއްޖެއަށް ފައިސާ ފޮނުވުމުގެ ހިދުމަތް އެންމެ ގިނައިން ހޯދާފައިވަނީ ދިވެހިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ