ރަފާގެ އިރުމަތީ ފަޅި ހުސްކޮށް ފައިބަން އަންގައި އިޒްރޭލުން ބޮން އަޅަން ފަށައިފި!

ރަފާ އަށް އަރާނެ ކަމުގެ އިންޒާރާ އެކު ރޭ ވަރުގަދައަށް ބޮން އަޅާ 22 މީހަކު ޝަހީދު ކޮށްލުމަށް ފަހު ރަފާގެ އިރުމަތީ ފަޅިން މީހުން ފައިބަން އިޒްރޭލުން އަންގައިފިއެވެ.
އިޒްރޭލުން ބުނަނީ އެއީ 'ކުޑަ އަސްކަރީ އޮޕަރޭޝަނެއް' ހިނގަން ކަމަށާއި އެއީ ވަގުތީ ކަމެއް ކަމަށެވެ. އެހެން ކަމުން މީހުން ބޭލުމަކީވެސް ވަގުތީ ކަމެއް ކަމަށް ބުނެފައި ވެއެވެ.
އިޒްރޭލުން ނެރުނު ކުރު ބަޔާނެއްގައި ބުނީ, ރަފާގެ އިތުމަތީ ބިތުން ކަނޑައަޅާ ސަރަހައްދުތަކުން އާންމުން ބާލާނީ މަޑުމަޑުން ކަމަށާއި އެމީހުން ރައްކާތެރި ސަރަހައްދުތަކަށް ފޮނުވާލާނެ ކަމަށެވެ. އަދި އެއީ ވަގުތީ ކަމެއް ކަމަށާއި ދާންވީ ތަންތަނާއި ހަދަންވީ ގޮތުގެ މައުލޫމާތު ފްލަޔާސް އާއި އެސްއެމްއެސް ގެ ޒަރީއާއިންނާއި ފޯނުގެ އިތުރުން ބްރޯޑްކާސްޓް މީޑިއާ މެދުވެރިކޮށް އަރަބި ބަހުން އަންގަމުން ގެންދާނެ ކަމަށެވެ.
އިޒްރޭލުން ހުސްކުރަން އެންގި ރަފާގެ ސަރަހައްދަކީ އިޒްރޭލާ ގާތަށް އޮންނާ ރަފާގެ ސަރަހައްދެވެ. އެމީހުން ފައިބައިގެން ދާން އަންގާފައި ވަނީ ހާން ޔޫނިސް އާއި އަލް މަވާސީ އޭރިއާ އަށެވެ. މި ދެ ސަރަހައްދަކީވެސް އިޒްރޭލުން ގާޒާއަށް ހަމަލާ ދީ އަދި އެއްގަމު މަގުން އަރާ ގާޒާގެ އުތުރު ތަޅާ ސުންނާފަތިކޮށް ރައްޔިތުން ފައްސާލުމުން ހިމާޔާތް ހޯދަން ގޮސް ތިބޭ ސަރަހައްދެވެ. މިތަންތަނަށް ވެސް އިޒްރޭލުން ބޮން އަޅާ މިސައިލް އާއި ޑްރޯން ހަމަލާ ދޭ އިތު މިއީވެސް ރައްކާތެރިކަމެއް އޮތް ސަރަހައްދުތަކެއް [ކޭމްޕް ތަކެއް] ނޫނެވެ.
ރޭ އިޒްރޭލުން އިންޒާރު ދިނުމަށް ފަހު އެ ސަރަހައްދަށް ވަނީ ބޮން އަޅަން ފަށާފައެވެ. މި އުދުވާނުގައި މިހާތަނަށް 22 މީހަކު ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.
ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނީ މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 8 ކުޑަކުދިން ހިމެނޭ ކަމަށެވެ.
އިޒްރޭލުން އިންޒާރު ދީ ރަފާ ހުސްކުރަން ފަށާފައި މިވަނީ އިޒްރޭލާއި ހަމާސް އާ ދެމެދު ސުލްހަ ގާއިމު ކުރުމަށް މިސްރުގެ ވެރިރަށް ގާއިހިރާގައި މަޝްވަރާތައް ކުރިއަށް ދާ ވަގުތެއްކަންވެސް ފާހަގަ ކުރެވެއެވެ. މި މަޝްވަރާތަކުގައި އެއްބަސްވުމަކާ ހަމައަށް ދެވިފައި ވާކަމަށް ބައެއް ރިޕޯޓުތައް ބުނާއިރު, އަނެއްބައި ރިޕޯޓުތައް ބުނެފައި ވަނީ, އެއްބަސްވުމަކަށް ނުދެވޭ ކަމަށާއި އެކަމަށް ހުރަސް އަޅަނީ އިޒްރޭލުން ކަމަށެވެ. ސުލްހައިގެ ވާހަކަތަކުގެ އެޖެންޑާގައި ހުރި ކަންކަމުގެ ތެރެއިން އެއްބަސްވެފައި ވާކަމަށް އަރަބި ބައެއް މީޑިއާތަކުން ބުނާ ދެވާހަކަ އަކީ ހަމާސްގެ އަތްދަށުގައި ތިބި ރަހީނުންގެ ތެރެއިން 33 މީހަކު ދޫކޮށްލުމާއި 40 ދުވަހުގެ މުއްދަތަކަށް ހަމަލާތައް ހުއްޓާލުމެވެ. މިވާހަކަތައް ސައުދީގެ ބައެއް ނޫސްތަކުގައި އޮތް ނަމަވެސް ހަމާސް އާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވަނީ އެއްބަސްވުމަކަށް އަދި ނުދެވޭ ކަމަށާއި އެކަމަށް ހުރަސް އަޅަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށެވެ.
ނަތަންޔާހޫ ބުނެފައި ވަނީ އެއްބަސް ވިޔަސް ނުވިޔަސް ރަފާއަށް އެރުން ކުރިއަށް ދާނެ ކަމަށާއި އެކަމުގައި އިޒްރޭލާ ބައިވެރިވާ އަދި މަދަދުދޭ ފަރާތްތަކުން ރުހުނަސް ނުރުހުނަސް ހެޔޮ ކަމަށެވެ.
އިޒްރޭލުން ރަފާ އަށް އަރާ މައްސަލައިގައި އިޒްރޭލުގެ އެންމެ ބޮޑު ބައިވެރިޔާ އެމެރިކާއިން ބުނެފައި ވަނީ އިޒްރޭލުން ރަފާ އަށް އެރުމަށް ގެންގުޅޭ ޕެލޭން ނުފެންނަހާ ހިނދަކު ރަފާ އަށް އެރުމަށް އެމެރިކާއިން ތާއީދު ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ