ރައީސް ސޯލިހު މިއަދު ހަވީރު 4:45ގައި ނޫސްވެރީންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުން ދާދި ދެންމެ ބުނީ، ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައި ވަނީ މިއަދު ހަވީރު 04:45 ގައި ކަމަށެވެ.
ރައީސް ސޯލިހު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާއިރު، މި ވަގުތަކީ ކޮވިޑުގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެ، އެތައް ގައުމެއްގައި އެކަމަށް ރައްކާތެރިވުމަށް އެކި މިންގަނޑުގައި ފިޔަވަޅުތައް އަޅާފައިވާ ވަގުތެކެވެ. ބައެއް ގައުމުތަކުގެ ބޯޑަރު އެއްކޮށް ބަންދުކޮށް އެކި ދިގުމިނުގެ ލޮކްޑައުން އަށް ގޮސްފައިވާ އިރު، ރާއްޖޭން ވެސް ވަނީ މިކަމާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ.
ކޮވިޑް ފެނިފައިވާ ގައުމުތަކަށް ބަލާ އިރު، މި ބަލި އެ ގައުމެއްގެ ރައްޔިތަކަށް ނުޖެހޭ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އަދި ހަމަ އެހެންމެ ބަކި ފެތުރުން އެންމެ ކުޑަ ގައުކުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނެ އެވެ. އެ ގޮތުން ކޮވިޑަށް ޕޮސިޓިވް 13 މީހުން ރާެއްޖޭން ފެނިފައިވާ އިރު އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު މިހާރު އެއްކޮށް ރަނގަޅުވެފައި ވާއިރު، ބާކީ ތިބީ އަށް މީހުންނެވެ.
ކޮވިޑް19 އާއި ގުޅިގެން، މީގެ ކުރީން ވެސް ރައީސް ސޯލިހު ވަނީ ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވާފަ އެވެ. އެ ގޮތުން މި ހާލަތުގައި ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް ހުއްޓުމެއް ނައިސް އެ ހިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ