އެކަހެރިކުރާ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި ޗުއްޓީން ނުކަނޑަން ނިންމައިފި

ކޮރޯނާވައިރަސްގެ ސަބަބުން ކަރަންޓީންކުރާ ނުވަތަ އެކަހެރިކުރާ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޗުއްޓީ އާއި މުސާރަ އާއި އިނާޔަތްތަކުން އެ މުއްދަތަށް އުނި ނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ކޮރޯނާވައިރަސް އިން ޖެހޭ ކޮވިޑް-19 ހުރި 13 މީހަކު ރާއްޖެއިން ފެނުމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އަދި ވައިރަސްގެ އަލާމާތްތައް ފެނިގެން ބައެއް މީހުން މިހާރު ވެސް އަންނަނީ ކަރަންޓީންކޮށް، ޓެސްޓް ކުރަމުންނެވެ.
ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ ފަނޑިޔާރަކު ނުވަތަ ޝަރުއީ ދާއިރާގެ މުވައްޒަފަކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އައިސޮލޭޝަނަށް ނުވަތަ ކަރަންޓީނަށް ފޮނުވައިފި ނަމަ، ވަޒީފާ އަށް ނުނިކުމެ ހުންނަ މުއްދަތުގައި އަހަރީ ޗުއްޓީ އާއި އެހެނިހެން ޗުއްޓީތަކުން ނުކެނޑޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މުއްދަތަށް މުސާރަ އާއި އިނާޔަތްތައް ވެސް ދޭން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ފަނޑިޔާރުންގެ ސިއްހަތާއި ރައްކާތެރިކަމަށް އެ ކޮމިޝަނުން ޚާއްސަ ސަމާލުކަމެއް ދޭނެ އެވެ.
ޖޭއެސްސީން އެގޮތަށް ނިންމިއިރު، ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް ހުރިހާ ކޯޓުތަކުން ވެސް އަޅަމުން ގެންދަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ އަންގައިފަ އެވެ. އެގޮތުން ނުރަސްމީ ގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ނޫނީ ނުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ