ދެވަނަ ފަހަރަށް މިފަދަ ކަމެއް ނުހިނގާނެ ކަމަށް ވިސްނައިގެން ނުވާނެ، އެކަމަށް ތައްޔާރަށް ތިބެން ޖެހޭ: ރައީސް މައުމޫން

ނޮވެމްބަރު ތިނެއް 1988 ގައި ހިނގި ފަދަ ނުރައްކާތެރި އަދި ހިތާމަވެރި ކަމެއް ދެވަނަ ފަހަރަށް ނުހިނގާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމަށާއި، އެފަދަ ކަމަކަށް އަހަރެމެން ތައްޔާރަށް ތިބެން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމް އިން އިންތިޒާމުކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އަދުގެ ހާލަތު ހުރި ގޮތުން ކުއްލިއަކަށް ބޭރު ގައުމެއްގެ ލަޝްރަކެއް ރާއްޖެއަށް ހަމަލާދިނުމަކީ ދުރުގައިވާ ކަމެއް ކަމަށެވެ. ނަމަވެސް ބޭރުގެ ގައުމެއްގެ ލަޝްކަރެއް ރާއްޖެއަށް ހަމަލާދިނުން ނޫން ގޮތްގޮތަށްވެސް ނުރައްކަލާ ކުރިމަތިވެދާނެ ކަމަށް ރައީސް މައުނޫނު ވިދާޅުވިއެވެ.
މިކަމުގެ މިސާލަކަށް ތަމަޅަ ޓައިގަރުން ނަންގަވައި ރައީސް މައުމޫނު ވިދާޅުވީ ތަމަޅަ ޓައިގަރުން ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ހަމަލާދިނީ ރާއްޖެ ހިފައި، ރާއްޖެއިން ލިބޭ އާމްދަނީގެ އެހީގައި އެމީހުންގެ ހަނގުރާމަ ކާމިޔާބު ކުރުމަށް ބޭނުން ކުރުމުގެ ގޮތުން ކަމަށެވެ. އަދި ތަމަޅަ ޓައިގަރުން އެމީހުންގެ އަމިއްލަ ބޭނުމަށް ރާއްޖެއަށް ހަމަލާ ދިން އުސޫލުން، އެކިއެކި ބޭނުމުގައި އުފެދިފައިވާ އެކި އެކި ޖަމާއަތްތަކުން ރާއްޖެއަށް ހަމަލާއެއް ދީފާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިފަދަ ޖަމާއަތްތަކުގެތެރޭ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާއި ޓެރަރިސްޓު ޖަމާއަތްތައް ހިިމެނޭކަން ރައީސް މައުމޫނު ފާހަގަ ކުރެއްވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ކަން މިހެން ހުރިއިރު ދެވަނަ ފަހަރަށް ނޮވެމްބަރު ތިނެއްގެ ހާދިސާ ފަދަ ހާދިސާއެއް ނުހިނގާނެ ކަމަށް ބެލެވެން ނެތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން ދެއަހަރު ނުވަނީސް އެމަނިކުފާނު ވެރިކަމުން ބޭލުވުމަށް ވެސް ބަޔަކު މަސައްކަތް ކުރި ކަމަށެވެ. އަދި އޭރުވެސް ވެރިކަމާ ތޮޅެން ބަޔަކު އައިކަމަށާއި، އަދިވެސް އެކަން އޮންނަ ކަމަށް މައުމޫނު ފާހަގަ ކުރެއްވިއެވެ.
''އޭރުވެސް އަޅުގަނޑު ހިތަކަށް ނާރާ، ސަރުކާރު ބަދަލުކޮށްލާހާ ހިޔާލު އަންނާނެ ކަމެއް. އަޅުގަނޑުގެ ވެރިކަމުގައި ދެއަހަރު ހަމަނުވެ ބަޔަކު އަތުވެއްޖެ. ވެރިކަން ބަދަލުކޮށްލަން. އޭރު އަދި އަޅުގަނޑު ވެރިކަމަށްވީ އެއްއަހަރާއި ތިންމަސް ކަންނޭނގެ. އެހާކުޑަދުވަސްކޮޅެއްގެ ތެރޭގައި އަތުވެއްޖެ. އޭގެ ފަހުންވެސް އަންނަމުންދޭ. މިދެން ހަމަ ދުނިޔޭގެ ހާލަތު. އެހެންވީމަ އެހެން ނުވާނެއޭ ހިތަށް އަރުވާކަށް ނުވާނެ. ތިބެން ޖެހޭނީ ތައްޔާރަށް.''
އޭރާއި މިހާރާއި މިފަދަ ކަމަށް ތައްޔާރުވާނެ ގޮތް ތަފާތުކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. މިފަދަ ހަމަލާއަކަށް ތައްޔާރުވާން ޖެހޭނީ އެފަދަ ކަންކަމަށް ވިސްނައިގެން ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް މައުމޫނު ވިދާޅުވީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ރާއްޖެއަށް ނަސްރު ލިބުނީ މާތްﷲ ގެ ރަހުމަތްފުޅުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެދުވަހު އެމަނިކުފާނަށް އެޅުއްވުނު ގިނަ ފިޔަވަޅުތަކަކީ ކުރިން ރާވާފައިނުވާ، ނަމަވެސް ﷲގެ އިރާދަފުޅާއެކު ނިންމެވުނު ނިންމެވުންތަކެއް ކަމަށެވެ.
އެދުވަހު އެންމެ ފުރަތަމަވެސް ސިފައިންނަށް ފަހަތަށް ނުޖެހި، ސާބިތުކަމާއެކު، ތަމަޅަ ސިފައިންނަށް ދޫނުކޮށް މަސައްކަތް ކުރެއްވުމަށް އެންގެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއަށްފަހު މަސައްކަތް ކުރެއްވީ ބޭރު ގައުމުތަކުގެ އެހީ ހޯއްދެވުމަށް ކަމަށާއި އެގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީއަށް ގުޅައި އެހީތެރިކަމަށް އެދިވަޑައިގެންނެވި ކަމަށާއި، ލަންކާގައި ހުންނަ އެމެރިކާގެ ސަފީރަށް ގުޅުއްވައިގެން އެމެރިކާގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންނެވި ކަމަށް މައުމޫން ވިދާޅުވިއެވެ.
އާންމުގޮތެއްގައި އެތައް ދުވަހަކުން ބޭރުގެ އެހީތެރިކަން ލިބޭ އިރު، އެ ދުވަހު އިންޑިއާ ސިފައިންގެ އެހީތެރިކަން ވަރަށް ފަސޭހައި ލިބުނުކަން ރައީސް މައުމޫން ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ