އަބްދުﷲ ރިޔާޒު ރައީސް ޔާމީނަށް: ވެރިކަމުގައި ހުންނެވިއިރު ގާސިމް ކަމަކު ނުދިޔަ

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދެއްކެވުމުން ޖޭޕީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު ރައީސް ޔާމީނަށް ފާޑުވިދާޅުވެއްޖެ އެވެ.
ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު ޔާމީނަށް ގާސިމް ކަމު ނުދާކަމަށް ވިދާޅުވެފައެވެ.
''ވެރިކަން ގެއްލި ކޮށްފައިވާ ވަށްކަމާއި ކޮރަޕްޝަންގެ ތުހުމަތުތައް ބޯމަތިވެ، ޕާޓީ ގެއްލި، ކައިރީގައި ތިބި މީހުންވެސް ދުރަށްގޮސް އެކަނިވާ ހިސާބަށް ދިއުމުން މިހާރު ތިޔަހެން ވިދާޅުވުމުން ހަމަ ތިޔަ ވާހަކަވެސް ގަބޫލުކުރަންވީތޯ'' ރިޔާޒު ކުރެއްވި ޓުވީޓުގައި ވެއެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓު 13 ފަރާތަކަށް ދިނުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ރައީސް ގާސިމް އިބްރާހީމަކީ އެމްޑީޕީގެ ހަރުކަށި ފިކުރު ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ.
އަދި ސަރުކާރުގެ ކަންކަން މާބޮޑަށް ގޯސްވެ، ރައްޔިތުންގެ ހައްގުތައް ގެއްލި ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ގޮސްފިނަމަ ގާސިމް ކޯލިޝަންގައި ހުންނަވަައިފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. ގާސިމަކީ އަބަދުވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި މީގެކުރިންވެސް ގާސިމާއެކު ސިޔާސީ އެއް ޕްލެޓްފޯމެއްގައި މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ސިޔާސީ މަސައްކަތެއް ކުރުމަށް ގާސިމް ވަޑައިގެންފިނަމަ މަރުހަބާ ދަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ