މޫސުން: މާދަމާ މެންދުރާއި ހަމައަށްވެސް ގޯސް

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ މާދަމާގެ މެންދުރާއި ހަމައަށްވެސް މޫސުން ގޯސްވާނެކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކޮށްފިއެވެ.
މެޓުން ބުނެފައިވާގޮތުގައި މާދަމާ ހެނދުނު 10:00 އާއި ހަމައަށް މެދުތެރެއާއި ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.  އަދި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެކަމަށްވެސް ލަފާކުރެވެއެވެ.
“އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 – 15 މޭލާ ދެމެދު ބާރުމިނިގައި، މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ.” މެޓުން ބުނެފައިވެއެވެ.
އެ އޮފީހުން ބުނެފައިވަނީ އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އަދި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި މި ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ