ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވާނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށާއި ބޭސްފަރުވާގެ ކަންތައް ފުރިހަމަކުރުމަށް ފުރުސަތު ދިނުމަށް ގޮވާލާ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވިއެވެ.
މިރޭ އަދީބު އަނބުރާ ޖަލަށް ގެންދިއުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ އަދީބުގެ ބޭސްފަރުވާ ނިމެންދެން ގޭގައި ހުންނެވޭނެ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވާ ކަމަށެވެ.
"އަދީބުގެ މެޑިކަލް ކަންތައް ވެސް މި ހަމަވަނީ 27އާ ހަމައަށް. އެހެންވީމާ އަދި ކުރިއަށް ދުވަސް އެބައޮތް. އަނބުރާ ޖަލަށް ގެންދެވި ގެންދެވުމުން މިއަދު އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިހާރުން މިހާރަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާނަށް ވެސް އަދި ސަރުކާރުގެ ހުރިހާ ފަރާތްތަކަށް މި ގޮވާލަނީ ގެއަށް ބަދަލުކުރައްވައިގެން ބޭސްފަރުވާގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް. އަދީބުގެ ބޭސްފަރުވާ އަދި ނުއެއް ނިމޭ. ސިއްހީ ހާލަތު އަދި ވަރަށް ގޯސްކޮށް އޮތީ،" އޭނާ ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އަދީބު އަނބުރާ ޖަލަށް ނުގެންގޮސް ބޭސްފަރުވާގެ ފުރުސަތު ދޭނެ ކަމަށް އެމްޓީޑީން ފަހު ވަގުތާ ޖެހެންދެން ވެސް އުންމީދުކޮށްގެން ތިބި ކަމަށާއި ކަރެކްޝަންސްގެ އޮފިސަރުންނާ އަދީބު ސުވާލުކުރުމުން ބުނެފައިވަނީ އެމީހުންނަށް އަންގާފައިވަނީ އަދީބު ގެންދިއުމަށް ކަމަށެވެ.
"ކަރެކްޝަންސްގެ ބޭފުޅުން ވަޑައިގެންނެވީމަ އަދީބު ސުވާލުކުރެއްވި މެޑިކަލް އެބައޮތެއް ނޫންތޯއޭ. އަދި މުއްދަތު ހަމަނުވާ ކަމަށް. އެހެން ވިދާޅުވީމަ، ވިދާޅުވި ތިމަންނާމެންނަށް މަތިން އަންގަވާފައޭ އޮތީ ގެންދަވަން. އޭގެ އިތުރަށް އިތުރު ތަފްސީލެއް އެބޭފުޅުންނެއް ނުދެއްވާ،" އޭނާ ވިދާޅުވިއެވެ.
ތަފާތު އެކި ކުށްތައް ސާބިތުވުމާ ގުޅިގެން ޖުމުލަ 33 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އަދީބު ގޭބަންދަށް ބަދަލުކުރުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ގައެވެ.
އަދީބުގެ ބޭސްފަރުވާއަށް ދިން މުއްދަތު ހަމައެއް ނުވޭ، އެކަމަށް ފުރުސަތު ދިނުމަށް ގޮވާލަން: މެމްބަރު ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ