މި މަހުގެ ފަސްވަނަ ދުވަހު މާލެއަށް ކުރި ބޯ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ގެއްލުން ލިބުނު ގެތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެގޮތުން މިހާތަނަށް 62 ގެއަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެންޑީއެމްސީ) އިން ބުނެފިއެވެ.
ނިމިގެން މިދާ ހަފްތާގެ ބުދަ ދުވަހު ގޭގެއަށް ފައިސާ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، ޖުމުލަ 127 ގެއަކަށް ފައިސާގެ އެހީތެރިކަން ދިނުމަށް އެސެންޓަރުން ވަނީ ނިންމާފައެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޕްރޮޖެކްޓް މެނޭޖަރ ހިސާން ހުސައިން ވިދާޅުވީ ފައިސާ ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ގުރޫޕުތަކަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން އެގެތަކުގެ ވެރިންނަށް ގުޅުމުން، ބޭނުންވާ ލިޔުންތައް ހިފައިގެން ސެންޓަރަށް ދިއުމުން، ކަނޑައެޅިފައިވާ މަރުހަލާތަކެއް ފުރިހަމަވުމުން އެހީތެރިކަން ދެނީކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ގެތައް ކަނޑައަޅާފައިވަނީ ޓީމުތައް ގެތަކަށް ފޮނުވައިގެން ހެދި ޑަމޭޖް އެސެސްމަންޓުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން، އެންމެ ގިނައިން ގެއަކަށް ދޭ ފައިސާގެ އެހީތެރިކަމަކީ 45،000 ރުފިޔާއެވެ.
މި އެހީތެރިކަން ދިނުމަށް އެކި ފަރާތްތަކުންވަނީ 1.3 މިލިޔަން ރުފިޔާ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ހަދިޔާ ކޮށްފައެވެ.
ވިއްސާރައިގައި ގެއްލުންވި ގެތަކަށް ފައިސާ ދިނުން ކުރިއަށް، މިހާތަނަށް 62 ގެއަކަށް ފައިސާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ