މަހުޖަނާއި ސޭޓްގެ ވާހަކަ ދައްކާ ޕާޓީގެ ބޭފުޅުންނަށް ފަންޑް ކުރަނީ ކޮންބައެއްތޯ ގާސިމް ސުވާލުކުރައްވައިފި

މަހުޖަނާއި ސޭޓްގެ ވާހަކަ ދައްކާ ޕާޓީގެ ބޭފުޅުންނަށް ފަންޑް ކުރަނީ ކޮންބައެއްތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސުވާލު ކުރައްވައިފިއެވެ.ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދުގެ މަޖިލިސް ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަކި ޕާޓީއެއްގެ ނަން ވިދާޅުނުވެ އެމްޑީޕީ އަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ "މަހުޖަނާއި ސޭޓްގެ ވާހަކަ ދައްކާ ޕާޓީގެ ބޭފުޅުންނަށް ފަންޑް ކުރަނީ ކޮންބައެއްކަން" ސާފުކޮށްދެއްވަން އެބަޖެހޭ ކަމަށެވެ. އަދި ފަންޑު ކުރަނީ ބޭރު ގައުމަކުންތޯ ނުވަތަ މަހުޖަނުންތޯ ނުވަތަ ދައުލަތުގެ ބައިތުލްމާލުންތޯ ނުވަތަ ސަރުކާރު ކުންފުނިތަކުން އެހެން ގޮތަކުން ފައިސާ ހޯއްދަވައިގެންތޯ ސާފުކޮށްދޭން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.ގާސިމް އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މިހާރު ތަންދޮރު ނުފިލާ ތިބި ބައެއް ނޫން ކަމަށާ އެހެންކަމުން އޮޅުވާލައިގެން ދުއްތުރާ ކުރަން ބަޔަކު ވިސްނި ނަމަވެސް އެކަމެއް އެހެންނެއް ނުވާނެ ކަަމަށެވެ. އަދި ގައުމުގައި އަދުލް އިންސާފާއި ކަންކަން ރަނގަޅުކޮށް ދެކޮޅު ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބިގެންނެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ވަކި ޕާޓީ އެއްގެ ނަން ވިދާޅުނުވެ ފަންޑު ކުރަނީ ކޮންބައެއްތޯ ގާސިމް ސުވާލު ކުރެއްވިއިރު އެ ސުވާލަކީ ސަރުކާރު ކޯލިޝަންގަައި ހިމެނޭ މައި ޕާޓީ އެމްޑީޕީއަށް އަމާޒުކޮށް ކުރެއްވި ސުވާލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންކަން ފާހަގަކޮށްލެވެއެވެ. އެއީ އެމްޑިޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ އެކި އެކި ޕޯޑިއަމުތަކުގައި ގާސިމަށް ނިސްބަތް ވެވަޑައިގަންނަވަ ފަދަ ގޮތަކަށް މަހުޖަނަކީ ހުރިހާ ކަމެއް ގޯހުން ގޯހަސް ގެންދަ ބޭފުޅާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުކިޔަފައި ކަމަށް ވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ