ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް އެއް ޕާޓީއަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ނުދެއްވާތި: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެއް ޕާޓީއަކަށް ނުދެއްވުމަށް ދިވެހިރައްޔިތުންގެ ކިބައިން ޖުމްހޫރީ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ގާސިމް ރައްޔިތުންގެ ކިބައިން މިހެން އެދިވަޑައިގެންފައި ވަނީ ޖުމްހޫރީ ޕާޓީން މަޖިލީހަށް ކުރިމަތިލައްވާ ކެނޑިޑޭޓުންނަށް ޕާޓީގެ ޓިކެޓު ދެއްވުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވަނީ އެއް ޕާޓީއަކަށް މުޅި މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ދިޔުމުން ކަންވެގެންދާގޮތް އަޅުގަނޑުމެންނަށް ފެނިއްޖެކަމަށާއި ދެންވެސް ވީ އަލުން އެ ތަޖުރިބަ ހާސިލްކުރަންތޯ ސުވާލު ކުރައްވައިފައެވެ. އަދި ވަކި އެއް ޕާޓީއަކަށް މަޖިލީހުގެ އަޣުލިބިއްޔަތު ލިބުމުން މިނިސްޓަރުން ޒިންމާދާރު ނުކުރެވޭކަމަށާއި ހަގީގަތަށް ބަލާއިރު މިހާރުވެސް ރައްޔިތުންގެ މަޖިލީސް ވަނީ މިނިސްޓަރުން ޒިންމާދާރު ކުރުވުމަށް ނުކުޅެދިފައި ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިއްޖެ ހާލަތެއްގައި ސަރުކާރުގެ އެއްވެސް އިދާރާއެއް މަޖިލީހުން ޖަވާބުދާރީ ކުރުވުމަށް މަސައްކަތެއް ނުކުރާނެއެވެ. މިގޮތަށް ކަން ވެގެން ދިޔަގޮތް މީގެ ކުރިން ފެނިފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރު ބޭނުން ކަމެއް ސުޕާ މެޖޯރިޓީ އޮވެގެން ނޫނީ ނުވާނެއޭ ބުނަނީ ބޭނުން ގޮތަށް ކަން ނުކުރެވޭނެތީ ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް މިހެން ކަން ހިނގައިފިނަމަ އަނިޔާވެރިކަން އިންތިހާއަށް ގޮސް އިންސާފު ނުލިބޭނެ ކަމާއި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށްވެސް ގާސިމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރު ހިންގާ ޕާޓިއަކަށް މަޖިލީހުގެ ސުޕާ މެޖޯރިޓީ ލިބުން ވާނީ ތިންބާރު އެއްބާރަށް ބަދަލުވުން ކަމަށް ގާސިމް ވިދާޅުވިއެވެ.
މި ޖަލްސާގައި ގާސިމް ވަނީ ބަޔަކު ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތް ކުރިނަމަވެސް އެއީ ރާއްޖެފަދަ ގައުމަކަށް މަންފާއެއް އަދި ފައިދާއެއް ލިބޭނެކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ޖުމްހޫރީ ނިޒާމެއްގައި މަޖިލީހަށް އަދި ވެރިކަމަށް މީހަކު އައްޔަން ކުރާނީ ރައްޔިތުން ކަމަށާއި ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި ޕްރައިމް މިނިސްޓަރާއި ސަރުކާރުގެ މިނިސްޓަރުން އައްޔަން ކުރާނީ މަޖިލީހުން ކަމުން މިނިސްޓަރުން އަދި ގައުމުގެ ވެރިން ކުރާ ކަންކަމަށް ޒިންމާދާރު ކުރުވަން ތިބޭނީ މަދު ބައެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން މީގެ ކުރިންވެސް ޕްރައިމް މިނިސްޓަރަކު ވެރިކަމަށް އައުމުން ގައުމުގައި ކަން ހިނގަމުން އައިގޮތް ފެނިއްޖެ ކަމަށާއި އަލުން އެފަދަ މަންޒަރެއް ދުށުމަށް ބޭނުން ނުވާކަން ގާސިމް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އޮތީ ޖުމްހޫރީ ނިޒާމާއެކު ކަމަށާއި ޖުމްހޫރީ ޕާޓީން ބޭނުންވަނީ ރިޔާސީ ނިޒާމެއް ރާއްޖޭގައި ދެމިއޮންނަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ