ވެރިކަން ލިބުމުން މަހުޖަނުން ގޯސްވެއްޖެ – ގާސިމް

ވެރިކަން ލިބުމުން މަހުޖަނުން މިހާރު ގޯސްވެއްޖެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް މިރޭ ފާޑުވިދާޅުވެއްޖެއެވެ.
މިރޭ ޖޭޕީގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގާސިމް ވަނީ "ރާއްޖޭގެ މައްސަލައަކީ ފައިސާ ބަހާ މަހުޖަނު" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުމަށް ރައްދުދެއްވާފައެވެ.
ގާސިމް ވިދާޅުވީ މަހުޖަނުން ހުރިހާ ކަމެއް ބޭނުން ވަނީ ކަމަށް މިހާރު އެބަވިދާޅުވާ ކަމަށެވެ. އެހެން ވިދާޅުވާއިރު ކަންތައްތައް ހަވާލު ކުރަންވީ އެއްވެސް ޒިންމާއެއް ނެތް މީހުންނާތޯ ގާސިމް ތަކުރާރުކޮށް ސުވާލު ކުރެއްވިއެވެ.
ކުރީގެ ރައީސް ނަޝީދުގެ ނަން ވިދާޅުނުވެ ނަމަވެސް ނަޝީދަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ "(އެއީ) ލިބިފައިވާ އަނބިދަރިން ވެސް ބަލަން ނުޖެހޭ މީހެއް" ކަމަށެވެ.
"ލިބިފައި ތިބި އަނބިދަރިން ވެސް ބަލަން ނުޖެހޭ ހާލަތުގައި ހުންނަ މީހަކު ދެން ގައުމު ރަނގަޅު ކުރަން ކުރާނީ ކޮންކަމެއްތޯ؟ އޭނާގެ އަމިއްލަ ނަފްސު އެންޖޯއީ ކުރުން ފިޔަވައި ދެން ކޮންކަމެއްތޯ އޭނާ ކުރާނީ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގައުމުގެ އިންޖީނަކީ ޕްރައިވެޓް ސެކްޓަރާއި ވިޔަފާރިތައް ކަމަށެވެ.
"ބޭނުންހާ ބާރެއް ލިބުނީ މިކަންކަން ކުރަން ތިބި މީހުން ގޯސްވެއްޖެ. މިއަދު ވިލާ ވެސް ގޯސް. ޗަމްޕާ ވެސް ގޯސް. އެމްޔޫ މަނިކު ވެސް ގޯސް. ޔުނިވާސަލް ވެސް ގޯސް. ހުރިހާ ރިސޯޓެއް ވެސް ގޯސް" ގާސިމް ވިދާޅުވިއެވެ.
ކަންތައް ކުރެވޭނީ ހަމައެކަނި އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން ކަމަށް ވަކި ބޭފުޅަކު ވިދާޅުވާ ކަމަށާއި ނަމަވެސް އެއީ ހަޤީޤަތެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ނަޝީދަށް 2008 ގައި ވެރިކަން ލިބިވަޑައިގަތުމުން ކަންކަން ކުރެއްވި ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެ ފަހަރު ކަމެއް ރަނގަޅަށް ކުރެވުނު ނަމަ އެކަމުގެ 50 ޕަސެންޓް ހިއްސާ ވަނީ ޖުމްހޫރީ ޕާޓީ ކަމަށެވެ. އެހެންވެ، އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބޭ ނަމަ ގައުމެއް ނޯންނާނެ ކަމަށް ވިދާޅުވުން އެއީ ވަރަށް ހައިރާންވާ ވާހަކަފުޅެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ރައްޔިތުންނަށް އޮޅުވާލަން، ވަކި ޕާޓީ އަކަށް މެޖޯރިޓީ ނުލިބުނިއްޔާ، އާދެ އެމްޑީޕީ އަށް މެޖޯރިޓީ ނުލިބުނިއްޔާ މި ސަރުކާރެއް ނޯންނާނެއޭ. އެވެނި ކަމެއް ނުކުރެވޭނެއޭ. މިވެނި ކަމެއް ނުކުރެވޭނެއޭ. މި ދައްކަނީ ކޮން ވާހަކައެއްތޯ؟،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ