ޕްރައިމަރީއަކާ ނުލައި 12 މެމްބަރުންނަށް ޓިކެޓް ދިނުމަށްވީ ވައުދު މަތީ ދެމިހުންނާނަން: މައުމޫން

ޕްރައިމަރީ އަކާ ނުލާ ބާރަ މެމްބަރުންނަށް ޓިކެޓް ދިނުމާ ގުޅޭގޮތުން ކޯލިޝަންގެ ލީޑަރުން ވެވަޑައިގެންފައިވާ ވައުދުގެ މަތީގައި ދެމިހުންނަވާނެ ކަމަށް ކޯލިޝަންގައި ހިމެނިވަޑައިގެންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއް ޕީޕީއެމުން ވަކިވުމާއި ގުޅިގެން އެމެމްބަރުންގެ ގޮނޑި ގެއްލުނުކަމަށް އިލެކްޝަން ކޮމިޝަނުން އޭރު ވަނީ ނިންމާފަ އެވެ. އަދި މިކަމުގައި އުފެދުނު މައްސަލަތަކަކާ ގުޅިގެން އެމެމްބަރުންނަށް ވަނީ މަޖިލީހުގައި ގާނޫނީ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ފުރުސަތު ނުލިބި އަހަރެއްހާ ދުވަސް ހޭދަވެފަ އެވެ.
މިދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް މެމްބަރުން ކުރެއްވި މަސައްކަތްޕުޅުގައި ސިފައިން ވަނީ ތަކުރާރުކޮށް ހުރަސް އަޅާފަ އެވެ. ނަމަވެސް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ފަހުން ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.
12 މެމްބަރުންގެ ޓިކެޓްގެ މައްސަލާގައި މީގެކުރިންވެސް ރައީސް މައުމޫން ވަނީ 12 މެމްބަރުންނަށް ޕްރައިމަރީ އަކާ ނުލައި ޓިކެޓް ދިނުމަށް ކޯލިޝަންގައި ހިމެނިވަޑައިގެންނަވާ ހަތަރު ލީޑަރުން ވައުދުވެވަޑައިގެންފައިވާ ގޮތަށް އެކަން ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. މިއަދު އެ ވިދާޅުވުން ތަކުރާރުކުރައްވާ ކުރެއްވި ޓްވީޓްގައި ވަނީ ކުރީގެ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުމަކަށް ގެނައުމަށާއި އިސްލާހީ މަސައްކަތް ކުރާނެ ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް 12 މެމްބަރުން ކުރެއްވި މަސައްކަތާއި ވެވަޑައިގެންނެވި ގުރުބާނީ ތަކުގެ އަގު ވަޒަންކޮށް އެމެމްބަރުންނަށް ޕްރައިމަރީ އަކާ ނުލައި މަޖިލީހުގެ އިންތިޚާބުގެ ޓިކެޓް ދިނުމަށް ވެވަފައިވާ ވައުދުގެ މަތީގައި ދެމި ހުންނަވާނެ ކަމަށެވެ.
12 މެމްބަރުންގެ ޓިކެޓްގެ މައްސަލާގައި ކުރީގެ ރައީސް ނަޝީދު އަދި އެމްޑީޕީން ބުނެފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީން ޓިކެޓް ދޭނީ ޕްރައިމަރީ ބާއްވައިގެން ކަމަށެވެ. މިކަމުގައި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ޖުމްހޫރީ ޕާޓީން އަމަލުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ