ހަރަދުކުޑަކޮށް ކަރަންޓު އުފެއްދޭނެ ނިޒާމެއް އައްޑޫ ސިޓީގައި ގާއުމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮއްފި

ހަރަދުކުޑަކޮށް ކަރަންޓު އުފެއްދުމަށާއި ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދާ މިންވަރު މަދު ކުރުމަށް, އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އެއް މެގަވޮޓުގެ ބެޓެރީ ސްޓޯރޭޖް ސިސްޓަމަކާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުމަށް ޖަޕާންގެ ކުންފުންޏެއްކަމަށްވާ ނިޝިޒަވާ ލިމިޓެޑާއެކީ މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެދުނު އެންވާރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަރރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި ނިޝިޒަވާ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިންގ ބްރާންޗް މެނޭޖަރ މިސްޓަރ ސުމިއޯ ފުޖިއޯކާއެވެ.
މި މަޝްރޫގެ ޖުމްލަ އަގަކީ 4,075,016 ދިވެހި ރުފިޔާއެވެ. މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖޭގައި ބޭނުން ކުރާ ހަތައިގެ ވަރަށް ބޮޑު ބަޔަކީ ޑީސެލް އަންދައިގެން އުފައްދާ ހަކަތަ ކަމަށާއި ސަރުކާރުގެ އަމާޒަކީ ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުން ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ރާއްޖޭގެ އިންސްޓޯލްޑް ކެޕޭސިޓީ 400 މެޑަ ވޯޓުގެ ތެރެއިން 2.7 އިންސަތަ އަކީ ރިނިއުބަލް އެނާޖީ ނުވަތަ އީޔާދަ ކުރުވަނިވި ހަކަތައިން އުފައްދާ ކަރަންޓް، ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް މި މިންވަރު އިތުރު ކުރުން " މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޕީކް ލޯޑް އަކީ މިހާރު 5.8 މެގަވޮޓް ކަމަށާއި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް އެކި ސައިޒުގެ 14 ޑީސަލް ޖަނެރޭޓަރު އަދި 1.6 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރެވި މިހާރުވެސް ދަނީ ބޭނުންކުރެވެމުން ކަމަށެވެ.
މި މަޝްރޫޢުއަށް ބޭނުންވާ ފައިސާގެ އެހީ ފޯރުކޮށްދީފައިވަނީ ޖަޕާނު ސަރުކާރުގެ ފަރާތުން ހިންގާ ޖަޕާން ފަންޑް ފޮރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް) އިންނެވެ.
މި މަޝްރޫޢުގެ ދަށުން ބެޓެރީ ސްޓޯރޭޖް ޓެކްނޮލޮޖީއާއި އެނަރޖީ މެނޭޖްމަންޓްގެ ދާއިރާއިން އައްޑޫ ސިޓީގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދެވޭނެއެވެ.
މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޤާއިމުކުރެވޭ ބެޓެރީ ސްޓޯރޭޖް ސިސްޓަމާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމުގެ ސަބަބުން މި މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޤާއިމުކުރެވޭ ސިސްޓަމުގެ ސަބަބުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޕަވަރ ސިސްޓަމަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާއިރު ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު 8 އިންސައްތަ ދަށްވެގެންދާނެއެވެ.
އައްޑޫ ސިޓީގައި މި ނިޒާމު ގާއިމު ކުރަނީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި ކަރަންޓުގެ އަގު އަތްފޯރާފަށަށް ގެނައުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ދަށުނެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޕަވަރ ސިސްޓަމަކީ ތަފާތު ސައިޒުތަކުގެ ޖެނެރޭޓަރާއި އެކި ސައިޒުތަކުގެ ޑިސްޓްރިބިއުޝަން ކޭބަލް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ފޯރުކޮށްދެމުންދާ ނިޒާމެއްކަމުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް ދަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ