ރާއްޖޭގެ ޑިމޮކްރަސީގެ ހަގީގީ ބާނީއަކީ ގާސިމް: ކާނަލް ނާޒިމް

ގާސިމް އަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަގީގީ ބާނީ ކަމަށް ކުރީގެ ޑިފެންސް މިިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. 
ނާޒިމް މިހެން ވިދާޅުވީ، ޓެރަރިޒަމްގެ މައްސަލައެއްގައި 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް، ސުޕްރީމް ކޯޓުން އެ ހުކުމް ތަންފީޒުކުރުން ވަގުތީގޮތުން މަޑުޖައްސާލިފަހުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނާޒިމް ޖޭޕީއަށް ސޮއިކުރައްވާފައިވަނީ މިއަދު ހަވީރު އެޕާޓީގެ އިދާރާ ކަމުގައިވާ ކުނޫޒްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޖޭޕީގެ ފަރާތުން ނާޒިމްގެ މެންބަރޝިޕް ފޯމާއި ހަވާލުވެ ވަޑައިގެންނެވީ އެޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްއެވެ. 
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާާޅުވީ، ގާސިމް އިބްރާހީމް އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށާއި، ގާސިމް އަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަގީގީ ބާނީ ކަމަށެވެ. އަދި އެބޭފުޅާގެ ހިދުމަތް އާ ސަރުކާރުން ބޭނުންވާ ދާއިރާއަކުން ދެއްވާނެކަމަށް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
ނާޒިމް މީގެކުރިން ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ