ގާސިމް ރާއްޖެ ވަޑައިގެންފި

ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގެންފި އެވެ. ޖަރުމަނުން ސިޔާސީ ހިމާޔަތް ހޯއްދެވި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ބޭފުޅާއަށް މަރުހަބާ ދަންނަވާފަ އެވެ.
ގާސިމްއަށް އެއާޕޯޓްގެ ވީއައިޕީއިން މަރުހަބާ ވިދާޅުވީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ފައިސަލް ނަސީމް އެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ވެރިން ވެސް ގާސިމްއަށް މަރުހަބާ ވިދާޅުވުމަށް ވީއައިއޭއަށް ވަޑައިގަތެވެ.
ގާސިމްގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވެސް މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
އެ ދެ ބޭފުޅުން މާލެ ވަޑައިގަތުން އިއްޒުއްދީން ފާލަންގެ ކައިރީ ގިނަ އަދަދެއްގެ ޖޭޕީގެ ސަޕޯޓަރުން ވަނީ އެ ދެ ބޭފުޅުންނަށް ހޫނު މަރުހަބާ ކިޔައިފަ އެވެ. ގާސިމް އާއި އަލީ ވަހީދު ވަނީ މ. ކުނޫޒަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަދައްކަވައިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމްގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެ ހުކުމް އިއްވީ ގާސިމްގެ ޣައިރު ހާޒިރުގަ އެވެ. އޭރު އޭނާ އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. އެ ހުކުމަށްފަހު ގާސިމް ޖަލަށް ގެންގޮސްފައެއް ނުވެ އެވެ. ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވި އެވެ. ނަމަވެސް ފަހުން ވަނީ ޖަރުމަންވިލާތަށް އަމިއްލަފުޅަށް ވަޑައިގެންފަ އެވެ. ބޭސްފަރުވާއަށް ދިން މުދައްތު މިހާރު ވަނީ ހަމަވެފަ އެވެ.
ގާސިމް ޖަރުމަންވިލާތުގައި ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމަށް ނިންމެވީ، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރު ކުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ