ރައްޔިތުން ބަލައި ނުގަންނަ ގޮތަށް ކުރެވިފައިވާ ކަންކަން އެމްޑީޕީން އިސްލާހު ކުރަން ޖެހޭ: ޗެއާޕާސަން

ރައްޔިތުން ބަލައި ނުގަންނަ ފަދަ ކަންކަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ)އަށް ވެސް ކުރެވިފައި ވާނެ ކަމަށާއި އެކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށް އެޕާޓީގެ ޗެއާޕާސަން ކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ލީޑަޝިޕް އަލުން އިންތިހާބު ވުމާ ގުޅިގެން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބެއްގެ ވޯޓަކާ ހަމައަށް ދާއިރު އެމްޑީޕީން އަލުން އަނބުރާ ވެރިކަމަށް އައުމަށް ކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށެވެ.
"...ރިޔާސީ އިންތިހާބުގެ ވޯޓަކަށް އިރާދަކުރެއްވިއްޔާ ކުރިމަތިވާއިރު، އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އަލުން އަނބުރައި އަންނަން. އެހާ ހިސާބަށް ދާއިރު އެމްޑީޕީން ވެސް، އަޅުގަނޑުމެންނަށް ވެސް ހުންނާނެ ހަމަ ރައްޔިތުން ބަލައި ނުގަންނަ ގޮތަށް ވެފައި ހުރި ކަންކަން. އެކަންކަން އިސްލާހު ކުރަން އަޅުގަނޑުމެންނަށް ޖެހޭނީ،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޅަފަތުގެ ދައުރު ނިމިއްޖެ ކަމަށާއި އެއް ގެއެއްގެ ތެރޭގައި ވެސް ތާފު ސިޔާސީ ޕާޓީތަކަށް އުޅެވެން ވާނެ ކަމަށެވެ. ސިޔާސީ ޕާޓީތަކަށް ތާއީދު ކުރުމަކީ ހަމަ އެކަނި މަގުމައްޗަށް ނުކުމެ "ވަށްވަށް ޖެހުން" ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"...އަޅުގަނޑުމެންގެ ޅަފަތުގެ ދައުރު އެނިމުނީ. އޭރު ދާނީ އެންމެން ވެސް އާކޮށް ނޫންތޯ؟ މީ ޕާޓީ ސިސްޓަމެއް ވިއްޔަ. މިހާރު ހަމަ އެއްކޮށް ކައިބޮއި ހަދައި ހަމަ ގޭތެރޭގައި ވެސް ތަފާތު ޕާޓީތަކުގައި އުޅެވެން ވާނެ. ދެން ސިސްޓަމެޓިކް ކޮށް ދާނީ. ހަމަ އެކަނި މަގުމައްޗަށް ނުކުމެ ވަށްވަށް ޖެހުމެއް ނޫން އެއްޕާޓީއަށް އަނެއް ޕާޓީއަށް ތާއީދު ކުރުމަކީ،" އަލީ ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ އާ ޗެއާޕާސަން ވިދާޅުވީ، ގައުމަށް ރަނގަޅަށް ވާން ހުރި ކަންކަމުގައި އެއް ބަޔަކު އަނެއް ބަޔަކަށް ތާއީދުކުރެން ވާނެ ކަމަށާއި އެއްޕާޓީ ވެރިކަމަށް އަންނަން ޖެހޭނީ އަނެއް ޕާޓީއަކުން ވެރިކަން ކޮށް ފެއިލްވީމާ، ނުވަތަ އެއަށް ވުރެ ރަނގަޅު ސިޔާސަތު ތަކަކައިގެން ކަމަށެވެ.
"...ގައުމަށް ރަނޅަށް ވާން ހުރި ކަންކަމުގައި ތާއީދު ކުރެވި، އެއް ބަޔަކު ވެރިކަން ކޮށް، އެބަޔަކުގެ ސިޔާސަތުތައް ފެއިލްވެ، ނުވަތަ އެއަށް ވުރެ ރަނގަޅު ސިޔާސަތުތަކެއް އައިމަ އަނެއް ބަޔަކު ވެރިކަމަށް އަންނަ ޖެހޭނީ. ދެން ޒަމާނީ ޑިމޮކްރަސީއަށް އިރާދަކުރެއްވިއްޔާ ބަދަލުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ލީޑަޝިޕް ލެވެލްގައި ވެސް އަދި ގްރާސްރޫޓް ލެވެލްގައި ވެސް އެމްޑީޕީއަށް އަންނަ ބަދަލު ދެން ފެނިގެންދާނެ ކަމަށެވެ.
އެމްޑީޕީގެ ލީޑަޝިޕަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ނައިބު ރައީސް ކަމަށް އިންތިހާބުވި މުޙައްމަދު ޝިފާޒްއާއި ވައިސް ޗެއާޕާސަން ކަމުގެ މަގާމަށް އިންތިހާބުވި އަލީ ނިޔާޒު ވެސް މިއަދުގެ ނޫސްކޮންފަރެންސްގައި ބައިވެރިވިވެވަޑައިގެންނެވިއެވެ. ނަމަވެސް އެ ޕާޓީގެ ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގައި މިވަގުތު ނޫޅުއްވާތީ ކޮންފަރެންސްގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ