2012 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބިލިޔަރަނެއްގެ ދަރިއަކު އޮބާމާއާ ވާދަކުރައްވަނީ
އެމެރިކާގައި 2012 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޗައިނާގައި ހުންނަވާ އެމެރިކާގެ ސަފީރު ޖޯން ހެންޓްސްމަން ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވާނެ ކަމަށް ލަންޑަންގައި ޝާއިޢުކުރެވުނު މީޑިޔާ ރިޕޯޓެއް ބުނެފި އެވެ.ޢުމުރުފުޅުން 50 އަހަރުގެ ހެންޓްސްމަންއަކީ 2009 ވަނަ އަހަރު ރައީސް ބަރަކް އޮބާމާ އެމަޤާމަށް ޢައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ އެމެރިކާގެ އިދިކޮޅު ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.ވަރަށް ޢާއިލީ ދިރިއުޅުމެއް އުޅުއްވާ ހެންޓްސްމަންއަށް ގާތްގާތުގައި ހަތް ކުދިން ލިބިވަޑައިގެންފައި ވުމުގެ ސަބަބުން އޭނާއަކީ މިހާރު ޅަދަރިބަފައިބޭފުޅެކެވެ. އޭނާއަކީ އެމެރިކާގެ ވަރަށް މުއްސަނދި ޢާއިލާ އަކަށް ނިސްބަތްވާ ބޭފުޅެކެވެ.ހެންޓްސްމަންގެ ބައްޕައަކީ ބިލިޔަނަރެކެވެ. އެހެންކަމުން އޭނާއަކީ ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކަށް ވުމަށް ކޭންޕޭންކުރުމުގެ މާއްދީ ތަނަވަސްކަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.ދެހާސް ބާރަ ވަނަ އަހަރު ރައީސް ބަރަކް އޮބާމާއާ ވާދަކުރެއްވުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ހެންޓްސްމަން ބޭނުންފުޅުވާކަމުގެ އިޝާރާތެއް އޭނާގެ ފަރާތުން ލިބުނު ކަމުގެ ޚަބަރު ފުރަތަމަ ޝާއިޢުކުރީ ލަންޑަންގައި ނުކުންނަ ޑެއިލީ ޓެލެގްރާފް ނޫހުގައެވެ.ނަމަވެސް އެމެރިކާގައި ނުކުންނަ ނިއުޒްވީކަށް ދެއްވި ބަސްދީގަތުމެއްގައި، މިކަމަށް ކުރިމަތިލެއްވުމަށް މަސައްކަތަށް ކުރައްވާކަމަށް ދެކެވޭ ވާހަކަ ހެންޓްސްމަން ދޮގުކުރެއްވި އެވެ. ހެންޓްސްމަންއަކީ 2008 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ރައީސް ބަރަކް އޮބާމާއާ ވާދަކުރެއްވި ޖޯން މެކޭންއަށް ކޭންޕޭންކޮށްދެއްވުމުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވުމުގެ އިތުރުން އެކޭންޕޭނަށް ފައިސާވެސް ޚަރަދު ކުރެއްވި ބޭފުޅެކެވެ.ޚަބަރުތައް ބުނާގޮތުން ހެންޓްސްމަން ގެންދަވަނީ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށްޓަކައި އެޕާޓީގެ އިސްފަރާތްތަކާ ގުޅުއްވައި ފަރުދާގެ އަނެއް ފަރާތުން ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ. ހެންޓްސްމަން ދާދިފަހުންވަނީ ވޮޝިންގޓަންގެ މުއްސަނދިން ދިރިއުޅޭ އަވަށަކުން ވަރަށް ލަގްޒަރީ ގެއެއްވެސް ބައްލަވައި ގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ