ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން ބޭނުންވާކަން ރައްޔިތުން ގަބޫލުކުރޭ: ރައީސް

ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން ބޭނުންވާކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖުގައެވެ.
އެ މެސެޖުގައި ރައީސް ސޯލިހު ވިދާޅުވީ ޒީރޯ ޓޮލަރެންސް ކެމްޕެއިން ފެށިފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ ޢަމަލުތައް އިތުރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި ނަމަވެސް ވިސްލްބްލޯ ޕޯރޓަލް އާއި ވިސްލްބްލޯ ޤާނޫނު ވުޖޫދަށް އައިފަހުން، ކޮރަޕްޝަންގެ ޢަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ.
"އެކަން އެހެން މެދުވެރިވަނީ، ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ޤަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތީމަ" ރައީސް ވިދާޅުވިއެވެ.
އަދި ނިޒާމުގެ ތެރެއިން ހުށަހަޅާ ޝަކުވާތަކާމެދު، އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާ ކަމަށާއި އެފަދަ މައްސަލަތަކުގެ ތެރެއިން ތަޙުޤީޤީ އިދާރާތަކުގެ ލަފައަށް ބިނާކޮށް، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޕޯރޓަލްއިން ފާހަގަވާ ކަންކަމާމެދު، މުއައްސަސާތަކާ މަޝްވަރާކޮށް، ޕޮލިސީ ލެވެލްގަޔާއި، ހިންގުމުގެ ލެވެލްގައި ގެންނަންޖެހޭ އިޞްލާޙުތައްވެސް ގެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސްގެ މެސެޖުގައި ވަނީ ހަމައާއި އުޞޫލުން ބޭރުން ރާއްޖޭގައި ކަންތައްތައް ކުރުމުގެ ޘަގާފަތް މިހާރުން މިހާރަށް ބަދަލުކުރަންޖެހިފައިވާކަމުގައި ވިދާޅުވެ، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެ ވާހަކަ ދައްކާ މީހާވެސް، ކޮރަޕްޝަނާ ދުރުވާންޖެހޭ ކަމުގައި ވިދާޅުވެފައެވެ.
އަދި މިސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ކޮރަޕްޝަނާއި ދެކޮޅަށް ކުރަން ރާވާފައިވާ ކަންތައްތަކުގެ މަޢުލޫމާތު ހިއްޞާކުރައްވަމުން ރައީސް ވަނީ ކޯވިޑް-19އަށް ފަހު ޤައުމު ބިނާކުރުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން އެކުލަވާލައްވާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެ.
އޭގެ ތެރެއިން އެއް ކަމަކީ، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމާއި، މާލީ ބަޔާންތައް ޢާއްމުކޮށް ފެންނާނޭހެން ހާމަކުރުންކަމަށާއި، މީގެ ތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކަށް ޢައްޔަންކުރެވޭ ބޭފުޅުން ހިމެނޭނެކަމުގައި
ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން، ޤާނޫނުލް ޢުޤޫބާތަށް ދެ ކުށެއް އިތުރުކުރުމަށް މިހާރުވާނީ ދެ އިޞްލާޙެއް ހުށަހަޅާފައިކަމަށާއި، މާލިއްޔަތު ޤަވާޢިދުން ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށާއި ޤަވާޢިދަށް، އަދި ޕްރޮކިއުމަންޓް ގައިޑްލައިންތަކަށް ބަދަލު ގެނައުން ފަދަ ކަންކަންކުރުމަށް ރާއްވަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ