ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމަށް ދައުވާ ކުރެވިގެން ނުވާނެ: އުމަރު

ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ފެސިލިޓީގައި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ބައްޕަ ދިރިއުޅުނު ކަމަށް ބުނާ މައްސަލައިގައި ދައުވާ ކުރެވިގެން ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އެ މައްސަލައިގައި ޝިޔާމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އުފުލަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. ޝިޔާމްގެ ބައްޕަ އެ ފެސިލިޓީގައި އުޅުނީ ޝިޔާމްގެ އެންގުމަށް ކަމަށާއި، އޭނާގެ ބައްޕައަށް ސިފައިން އެކި ހިދުމަތްތައްވެސް ދިން ކަމަށްވެ އެވެ. އެ މައްސަލައިގައި އުމަރު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިފައިންގޭގައި ޒަމާނުއްސުރެ އޮންނަ އުސޫލުން، ސިފައިންގޭގެ މަތީ މަގާމު ތަކުގައި ތިއްބަވާ ބޭފުޅުންގެ އާއިލާތަކަށް ސިފައިންގޭގެ އެފަދަ ވަސީލަތްތައް ބޭނުން ކުރެއްވުމުގެ ހުއްދަ އޮންނާނެ އެވެ. "ސިފައިންގެ ހިދުމަތަކީ ދައުލަތުގެ އެހެނިހެން ހިދުމަތްތަކާ ތަފާތު އިނާޔަތްތަކަކާ ރައްކާތެރިކަމެއް ލިބިގެންވާ ހިދުމަތެކެވެ. މިއީ މުޅި ދުނިޔޭގައިވެސް މިކަން އޮންނަ އުސޫލެވެ." އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ މިފަދަ "ކުދިކުދި ކަންކަމުގައި" ގައުމުގެ އެންމެ މަތީ ހިދުމަތްތެރިންނަށް މިފަދަ ދައުވާ ކުރުމީ މުޅި ދައުލަތް ރޫޅި، ދައުލަތުގެ ހައިބަތު ކުޑަވާ ކަމެއް ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން އުމަރު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅެއްގައި މަޖިލީހުގެ ބަޖެޓުން އަމިއްލަ ހަރަދު ކުރެއްވި މައްސަލަ އެވެ. މަޖިލިސް ރައީސް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމާލުމަށް ފަހު، އެހެން ރަށަކަށް ދިއުމުން މަޖިލީހުގެ އިދާރާގެ ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރުވި 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދައްކަން އޭސީސީން އެމަނިކުފާނަށް އެންގި އެވެ. އަދި މަޖިލިސް ރައީސް ވަނީ އެ ފައިސާ ދައްކަވައިފަ އެވެ. "މިއީ މިފަދަކަންކަން ނިންމަވަން ޖެހޭނެ ގޮތެވެ. ނަމަވެސް ޖެނެރަލް ޝިޔާމް އާއިމެދު މި ނިންމެވީ ދައުވާ ކުރުމަށް ފޮނުއްވުމަށެވެ. މިއީ ހަމަހަމަ ކަން ގެއްލިފައިވާ ބޭއިންސާފު، ސިޔާސީ ނިންމުމެއް ކަން ޔަގީނެވެ." އުމަރު ވިދާޅުވި އެވެ. އޭސީސީިއިން ބުނީ ވީއައިޕީ ފެސިލިޓީގައި ޝިޔާމްގެ ބައްޕަ އުޅުއްވީ 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް ކަމަށެވެ. އެތަނުގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތްނަމަވެސް، އެތަނަކީ އާންމުންނަށް ދިރިނޫޅެވޭނެ ތަނެއް ކަމަށް އޭސީސީއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ގާނޫނެއް، ގަވައިދެއް ނުވަތަ އުސޫލެއް ނެތްކަމުން އޭނާ އެތަނުގައި ދިރިއުޅޭނެ ހައިސިއްޔަތެއް ނެތް ކަމަށްވެސް އޭސީސީއިން ބުނެފައިވެ އެވެ. "ވީއައިޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ހިދުމަތްތަކަށް އަންނަ ހާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދައުލަތުގެ މާލިއްޔާއިން ހަރަދުކުރާ ތަނެއްގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން، މަގާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަސީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ އަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫނެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ. ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި މީހަކު ވީއައިޕީ ފެސިލިޓީގައި ދިރިއުޅެފައިވާ ކަމަށްވެސް އޭސީސީއިން ބުންޏެވެ. އަދި އެތަނުގެ ވަސީލަތްތަކާއި ހިދުމަތްތައް ޝިޔާމްގެ ބައްޕައަށް ބޭނުންކުރެވޭގޮތަށް އޮތުމުން، އޭނާއަށް ލިބެން ނުޖެހޭ މަންފާތަކެއް ލިބިފައިވާ ކަމަށް އޭސީސީއިން ބުންޏެވެ. އަދި ޝިޔާމްގެ އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ އަމަލެއް ކަމަށް އޭސީސީއިން ބުންޏެވެ. ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތެއް ފޯރުކޮށްދިނުމަށް ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެ ކަމަށްވެސް އޭސީސީއިން ބުނެފައިވެ އެވެ. މީގެ ކުރިން އޭސީސީއިން ވަނީ އެ މައްސަލަ ބަލައި ނާޖާއިޒު ފައިދާއެއް ހޯދައިނުދޭ ކަމަށް ނިންމައި މައްސަލަ ފައިލްކޮށްފަ އެވެ. ނަމަވެސް، އެ މައްސަލަ އަލުން ބެލީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އަންގަވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ