އައްޑޫގެ ކަރަންޓުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

އައްޑޫ ސިޓީގެ ކަރަންޓުގެ ނިޒާމު ރަނގަޅުކުރަން ކުރަންޖެހޭ މަސައްކަތްތައް އަންނަ އަހަރު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ހިތަދޫ މެދު ސަރަހައްދުގެ ގެތަކަށް ނަރުދަމާ ފޯރުކޮށްދޭން ފެށުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އުއްމީދަކީ އަންނަ އަހަރުގެ ތެރޭގައި އައްޑޫގައި މިހާރު އޮތް ކަރަންޓުގެ ނިޒާމު ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.
އަދި އާ ކަރަންޓުގެ ނިޒާމު ބައްޓަން ކުރެވިފައި ހުންނާނީ މިއަދު ކުރާ ކަމަކުން މާދަމާ އެ ތަކުލީފު އުފުލައި، މުޅި އެތި ބަދަލުކުރަންޖެހޭ ފަދަ ގޮތަކަށް ނޫން ކަމަށާއި އެގޮތުން އެ ނިޒާމަކީ އައްޑޫ ރައްޔިތުންނަށް ކުރިއަށް އޮތް 25 ނުވަތަ 30 ވަރަކަށް އަހަރު ކަރަންޓުގެ ހިދުމަތް ރަނގަޅަށް ފެންވަރަކަށް ލިބޭނެ ފަދަ ނިޒާމަކަށް ވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
"އިދާރަކުރެއްވިއްޔާ 2021 ވަނަ އަހަރު އެ ޕްރޮޖެކްޓު ފެއްޓޭނެ ކަމަށް ގަބޫލުކުރަނީ" ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން މިހާރުން މިހާރަށް އައްޑޫގެ އިންޖީނު ކެޕޭސިޓީ އަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން އައްޑޫ އަށް މިވަގުތަށް ވާ ވަރަށް ކަރަންޓުގެ ކެޕޭސިޓީ އެބަހުރި ކަމަށާއި ނަމަވެސް އަލަށް އަންނަ އިމާރާތްތަކާއެކު ކެޕޭސިޓި އިތުރުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ވެސް މިހާރު ކުރެވެމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ