ލުތުފަރުގެ މަރުގެ މައްސަލަ: ދައުވާއަށް ޖަވާބުދާރީވުމުގެ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފި

ށ. ޅައިމަގު "ކުރިމަގު 1'' ބޯޓުން ގެއްލުނު ލުތުފަރު މަރާލި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހަށް ތާވަލްކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އޮންނާނީ، ދައުވާ ލިބޭ ފަރާތްތަކުން ދައުވާއަށް ޖަވާބުދާރީވުން ކަމަށް އެންމެފަހުން ބޭއްވި އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ ވިދާޅުވެފައެވެ.
ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ، ބަންގްލަދޭޝް ތިން މީހެއްގެ މައްޗަށެވެ. އެއީ އަލަމިން އާއި ނޫރުލްއިސްލާމް އަދި އެމްޑީ އަކޮތޮރު ހޮސައިންގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް އިއްވި ދައުވާގައި ބުނެފައި ވަނީ، އަލަމިން އިތުރު ދެމީހަކާއެކު 21 އޭޕްރީލް 2019 ވަނަ ދުވަހު 21:30 އެހާކަންހާއިރު، އެމީހުން މަސައްކަތްކުރާ ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ލުތުފަރު ރަހްމާނާއި އަލަމިންއާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި، ލުތުފަރު އެ ބޯޓުގެ ދިރުނބާކޮޅަށް ވައްޓާލައި، އަލަމިން އާއި އަހޮތޮރު، ލުުތުފަރުގެ ކަރާއި އަނގަޔާއި ނޭފަތުގައި ހިފަހައްޓައި ނޫރުލްއިސްލާމް، ލުތުފަރުގެ ގައިގާ ހިފަހައްޓައި، ލުތުފަރު މަރުވުމުން، ށ. ޅައިމަގު ބަނދަރާ ދިމާލު ބޭރުން ގާތްގަނޑަކަށް 200 ވަރަކަށް ފޫޓު ދުރު ހިސާބަށް ލުތުފަރުގެ ހަށިގަނޑު ކަނޑުފައްތާފައިވާކަމަށް އިއުތިރާފް ވެފައިވާ ކަމަށެވެ.
ލުތުފަރު މަރާލިކަމަށް އެ ތިން މީހުން އިއުތިރާފްވެފައިވަނީ، މި މައްސަލާގައި ފުލުހުން ހިންގި ތަހުގީގުގައެވެ.
އެ ތިން މީހުންގެ މައްޗަށްވެސް އުފުލާފައި ވަނީ، އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުވާ އިއްވުމުން، އަލަމިންއާއި ނޫރުލްއިސްލާމް، އެ ދައުވާއަށް އިންކާރު ކުރާކަމަށް ދެ މީހުންގެ ގާނޫނީ ވަކީލުން ވިދާޅުވިއެވެ.
އަހޮތޮރުގެ ގާނޫނީ ވަކީލެއް އައްޔަން ކުރެވިފައިނުވާތީ، އޭނާއަށް ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް ފުރުސަތު ދެއްވާފައެވެ.
ލުތުފަރު މަރާލި މައްސަލަ، އެ ތިން މީހުންގެ މައްޗަށް ސާބިތު ކުރުމަށް، ގިނަ ސަފަވީ ހެކިތަކާއި ކިތާބީ ހެކިތަކެއް ދައުލަތުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ