މާލޭ ރައްޔިތުންނަށް ދުއްތުރާ ކުރުން ނޫންކަމެއް މުއިއްޒު ނުކުރައްވާ

މާލޭ ރައްޔިތުންނަށް ދުއްތުރާ ކުރުން ނޫންކަމެއް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ނުކުރައްވާ ކަމަށް މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރައްވާ އަނަސް އަބްދުލްސައްތާރު ވިދާޅުވެއްޖެއެވެ.
އަނަސްގެ ފާޑުކިޔުން މުއިއްޒު އަށް އަމާޒުކޮށްފައިވާއިރު ކައުންސިލް އިންތިހާބުގައި މާލޭޔެ މޭޔަރު ކަމަށް އިދިކޮޅުން ނެރުމަށް ހަމަޖެހިފައިވަނީ މުއިއްޒު އެވެ.
މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމުގެ ވައުދާއެކު މުއިއްޒު މޭޔަރުގެ މަގާމަށް ވާދަކުރައްވާއިރު އަނަސް ވިދާޅުވީ 7 އަހަރު ހައުސިން މިނިސްޓަރުކަން މުއިއްޒު ކުރެއްވިއިރު ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ބާރުތައް ނަންގަވައިގެން މާލޭ ރައްޔިތުންނާއި ރަށްވެހިންނަށް ދުއްތުރާ ކުރުން ނޫން ކަމެއް ނުކުރައްވާ ކަމަށެވެ.
"ދެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ނިންމާލެއްވީ މަގުމަތިކޮށްލި ގުޅިފަޅުން ބޯހިޔާވަހިކަން ލިބުނު ފަރާތްތަކަށް ހައްލެއް ނުދެވި. އެކަމުން އެކަނިވެސް ދައްކުވައިދެނީ މާލެއަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ގެނެސްދެވޭނެ ޤާބިލުކަމެއް މުއިއްޒުގެ ކިބައިގަން ނެތްކަން" އަނަސް ވިދާޅުވިއެވެ.
މި ސަރުކާރުން ގުޅީފަޅަށް ޕޯޓު ބަދަލުކުރަން އުޅޭތީ އެކަމަށް މުއިއްޒުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އޭނާ ވަނީ މާލެ ރައްޔިތުންގެ ބޯހިޔާވެހިކަމުގެ ހައްގަށްޓަކާ އެކަނިވެސް ގުޅިފަޅުގައި ޕޯޓު ހެދުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ގުޅީފަޅުގައި ޕޯޓު ހެދުމަކީ މާލެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"ޕޯޓަށް އޮތް ދާއިމީ ހައްލަކީ އަބަދުވެސް ތިލަފުށި" މުއިއްޒު ވިދާޅުވިއެވެ.
މާލޭ ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން މި ސަރުކާރުން ފުރަތަމަ ނިންމީ ޕޯޓް ތިލަފުއްޓަށް ބަދަލު ކުރުމަށެވެ. ނަމަވެސް ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށް ފަހު ފަހުން ވަނީ ގުޅިފަޅަށް ޕޯޓް ބަދަލުކުރަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ