މިހާރު ރާއްޖޭގައި ފެތުރެމުންދާ ޗިކުންގުންޔާ އާއި އެހެނިހެން ރޯގާތަކާ ގުޅިގެން ހޮސްޕިޓަލްތައް ފުރި، ހާލަތު ގޯސްވަމުންދާއިރު ސަރުކާރުން އެކަން ސީރިއަސްކޮށް ނުނަގާ ކަމަށް ވިދާޅުވެ، ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ފާޑުކިޔައިފި އެވެ.
ހަވީރަށް ދެއްވި އިންޓަވިއުއެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ސަލީމް މި ހަފުތާގައި ވިދާޅުވީ މާލޭގައި ހުންނަ ދެ ހޮސްޕިޓަލް ފުރި، ހިދުމަތް ހޯދަންދާ މީހުންނަށް ހިދުމަތް ނުލިބޭތީ ވަރަށް ގިނަ މީހުން ޝަކުވާ ކުރަމުންދާ ކަމަށެވެ.
"ބަލި މީހުން އެތަނަށް ގޮސްފައި އެޑްމިޓް ކުރަންވެއްޖިއްޔާ ފަހަރެއްގައި ކޮޓަރިއެއް ނުލިބިދާނެ. އެކަމަކު އެނދެއް ވަރު ވެސް ލިބޭ ގޮތަށް ކަންތައްތައް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. މި ރޯގާއާ ގުޅިގެން ދެ ހޮސްޕިޓަލް ފުރި ހިދުމަތް ނުދެވޭ ކަމަށް ވަނީ ނަމަ، ހާއްސަ އިންތިޒާމްތަކެއް ވެސް ސަރުކާރުން ހަމަޖައްސައިދެވިދާނެ. ސަރުކާރުގެ ވާޖިބަކަށް ވާން ޖެހޭނީ ސިއްހީ ފަރުވާ ހޯދާ މީހުންނަށް ވީހާ ވެސް ހަރުދަނާކަންމަތީ ހިދުމަތް ދިނުން. މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރި ވަރަކަށް އަޅުގަނޑަށް ހީވަނީ ހޮސްޕިޓަލަށް ދާ މީހުން މަދުވާނެހެން. މި ރޯގާ އަކީ، ޕެރެސެޓްމޯލާއި ޕެނެޑޯލް ބޭނުންކޮށް، ދިޔާ އެއްޗެހި ބޭނުންކުރި ވަރަކަށް ރަނގަޅުވާ ރޯގާއެއް. އެހެންވެ ރޭޑިއޯ އާއި ޓީވީން ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުކުރަން އެބަ ޖެހޭ،" ސަލީމް ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް ވިދާޅުވީ ހުމުގެ ރޯގާއެއް ާއާދަޔާ ހިލާފަށް ފެތުރެމުންދާއިރު އޭގެ މައުލޫމާތުތައް ސަރުކާރުން ފޮރުވުމަކީ އެއްވެސް ހާލެއްގައި ރަނގަޅުކަމެއް ނޫން ކަމަށެވެ.
"ޓްރާންސްޕޭރެންޓް ގޮތަށް މި ބާވަތުގެ ކަންތައްތައް ހައްލުކޮށްގެން ނޫނިއްޔާ މިކަމެއް ނުވާނެ. ހުމުގެ ރޯގާއެއް އާދަޔާ ހިލާފަށް އުޅޭކަން ރައްޔިތުންނަށް އެނގިގެންތާ އެކަމަށް ރައްކާތެރިވާން އެނގި، ރައްޔިތުންނަށް ސީރިއަސްވާން އެނގޭނީ،" ސަލީމް ވިދާޅުވި އެވެ.
މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އާދަޔާހިލާފަށް އިތުރުވެ، ހިދުމަތް ހޯދަންދާ މީހުންގެ ދިގު ކިއޫއެއް އެ ހޮސްޕިޓަލުގައި އޮވެ އެވެ. އެކަން އައިޖީއެމްއެޗުން ވަނީ ފާހަގަކުރައްވައިފައި ވެސް މެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް ވިދާޅުވީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކޮށް، މާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުމުގެ ކަންތައްތައް ކުރިއަށް ގެންދިއުން މާ ބޮޑަށް ލަސްވެފައިވާ ކަމަށެވެ.
"ހުމުގެ ރޯގާއެއް އާދަޔާ ހިލާފަށް އިތުރުވީމަ ކޮންމެ ފަހަރަކު ވެސް ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގައިގެ މައްސަލަ މި ފެންމަތި ވަނީ. އޭގެ ކުރިން މިކަމާ މެދު ހައްލު ހޯދަން ވެއްޖެ. ހޮސްޕިޓަލްތަކުގެ ހިދުމަތްދޭ މީހުންގެ އަދަދު އިތުރުވާ ވަރަކަށް ޖާގަ ބޮޑުކުރަން އެބަ ޖެހޭ. މާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުން ވެސް މާ ލަސްވެއްޖެ."
ނަމަވެސް ރޯގާއާ ގުޅޭ ގޮތުން ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ސީނިއާ މެޑިކަލް އޮފިސަރު އަހުމަދު ޖަމްޝީދު މުހައްމަދު ބުރާސްފަތި ދުވަހު ވިދާޅުވީ މިހާރު ފެތުރެމުންދާ ހުމުގެ ރޯގާތަކާ މެދު ސަރުކާރުން ވަރަށް ބޮޑަށް ސީރިއަސްވާ ކަމަށާއި ސިއްހީ ހިދުމަތްދޭ ތަންތަން ފުރޭއިރު، އެކަންތައްތައް އާންމުން ވެސް ކެތްތެރިކަމާ އެކު ތަހައްމަލު ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މި އުޅެނީ ރޯގާއެއްގެ ތެރޭގައި. ރޯގާއެއްގެ ތެރޭގައި އުޅޭއިރު ސއްިހީ ހިދުމަތް ހޯދާ މީހުން ގިނަވާނެ. މިސާލަކަށް ގަޑިއެއް، ދެ ގަޑިއެއް ވަންދެން، މީހަކަށް ފަރުވާ ދިނުމަށް ފަތްޖެހި އެނދެއްގައި ބާއްވަން ޖެހުމަކީ މާ ބޮޑު މައްސަލައެއް ކަމަށް އަޅުގަނޑު ނުދެކެން. ގަޑިއެއް ހާއިރުގެ ތެރޭގައި ހުން ތިރިވާނެ. މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއަށް ސަރުކާރުން ސީރިއަސް ވޭ. ސީރިއަސް ނުވާ ނަމަ ކީއްކުރަންތޯ އަޅުގަނޑުމެން މި ވާހަކަ ދައްކަންވީ؟،" ޖަމްޝީދު ވިދާޅުވި އެވެ.
މަދިރީގެ ޒަރީއާ އިން ފެތުރެމުންދާ ޗިކުންގުންޔާ ވަނީ ވަރަށް ގިނަ ދިވެހިންނަށް ޖެހިފަ އެވެ. އަދި އެބަލި ޖެހި ރަނގަޅުވުމުން ވެސް އޭގެ އުނދަގޫ އެތަށް ގޮތަކަށް އެތައް ދުވަހެއް ވަންދެން ކުރެ އެވެ.
ރޯގާގެ މައްސަލާގައި ސަރުކާރުން ސީރިއަސް ނުވާ ކަމަށް ވިދާޅުވެ ހިއުމަން ރައިޓްސް ކޮމިޝަނުން ފާޑުކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ