ގާނޫނު އަސާސީ އަށް އަހަރު ފުރުން: މި ގާނޫނު އަސާސީއަކީ ކުރީ ސަރުކާރުގެ ފޮނި މޭވާއެއް: މައުމޫން

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އަކީ "ސިޔާސީ އިސްލާހީ އެޖެންޑާ"ގެ ދަށުން ކުރީގެ ސަރުކާރުންނާއި ޑީއާރުޕީން އިސްނަގައިގެން ކޮށްފައިވާ ވަރަށް މުހިންމު އަދި އެހާމެ ބުރަ މަސައްކަތްތަކުގެ ފޮނި މޭވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.
އޮގަސްޓް ،7 2008ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މައުމޫން ތަސްދީގު ކުރެއްވި ގާނޫނު އަސާސީ އަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޔެ ނެރުއްވި ބަޔާނެއްގައި އެ މަނިކުފާނު ވިދާޅުވީ މިހާރު އަމަލުކުރާ ގާނޫނު އަސާސީ އަކީ 2003 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަ އަށް އަމަލީ ސިފަ ގެނައުމުގެ ގޮތުން ތައާރަފު ކުރެއްވި "ސިޔާސީ އިސްލާހީ އެޖެންޑާ"ގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދެއްވި މަސައްކަތެއްގެ ފޮނި މޭވާ ކަމަށެވެ.
"މި ގޮތުން 1998 ވަނަ އަހަރު ދިވެހިރާއްޖޭގައި އަމަލުކުރަން ފެށި ގާނޫނު އަސާސީގެ ހިޔާވަހިކަމުގެ ދަށުގައި، ދިވެހިރާއްޖެ އަށް އަންނަމުންދިޔަ އިޖުތިމާއީ އަދި އިގުތިސޯދީ ބޮޑެތި ބަދަލުތަކާއި ދުނިޔެ އަށް އަންނަމުންދިޔަ ބަދަލުތަކަށް ރިއާޔަތް ކުރިއިރު، ދައުލަތް ހިންގުމުގެ ދިމިގްރާތީ ނިޒާމުތަކާއި އޮނިގަނޑުތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށާއި ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުމަށާއި ރައްޔިތުންނަށް ލިބިދެވޭ ހައްގުތައް ފުޅާކޮށް، އެ ހައްގުތައް ރައްކާތެރިކޮށް ހަރުދަނާ ކުރުމަށްޓަކައި އޭރު އަމަލުކުރަމުން ދިޔަ ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވުނެވެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެ މަނިކުފާނަށް އެކަން ގަބޫލު ކުރެއްވުމާ އެކު އޭރުގެ ގާނޫނު އަސާސީގެ 94 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖުލައި ،19 2004ގައި ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރައްވައި އޭރުގެ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް އެ މަޖިލީހާ ހަވާލު ކުރެއްވި ކަމަށެވެ. އަދި އެ މަސައްކަތް ޖޫން ،26 2008ގައި ހާއްސަ މަޖިލީހުން ޑީއާރުޕީގެ ފުރިހަމަ އަޣުލަބިއްޔަތާ އެކު ނިންމައި އާ ގާނޫނު އަސާސީ ތަސްދީގު ކުރެއްވުމަށްޓަކައި އެ މަނިކުފާނުގެ އަރިހަށް ފޮނުއްވި ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ހިތާބުގައި އިތުރަށް ވިދާޅުވެފައިވެ އެވެ؛ "މި ގާނޫނު އަސާސީ އަކީ މި ޒަމާނުގެ ހުޅުވާލެވިފައިވާ ދިމިގްރާތީ ގައުމުތަކެކޭ އެއްފަދައިން، ދައުލަތް ހިންގުމުގެ ތިން ބާރު ފުރިހަމަ އަށް ވަކިކޮށް، އެއް ބާރެއްގެ ނުފޫޒު އަނެއް ބާރެއްގެ މައްޗަށް ނުފޯރާ ގޮތަށް ކަނޑައެޅުމާއި ދިވެހި ގައުމުގެ އެކި ކަންކަމާއި ނިންމުންތަކުގައި ރައްޔިތުން ހިއްސާވާ މިންވަރު އިތުރު ކުރުމާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލުއި ފަސޭހަވެ، އެބައި މީހުންގެ އުފާ ފާގަތިކަން އިތުވާނޭ ގޮތުގެ މަތިން އަމާންކަންމަތީގައި ދިރިއުޅެވޭނެ ތަނެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމާއި ދިވެހިރާއްޖެ ހާސިލްކޮށްފައިވާ އަދި އޭރު ހާސިލް ކުރަމުން ގެންދިޔަ އިޖުތިމާއީ ތަރައްގި އާއި އިގުތިސޯދީ ކުރިއެރުންތައް އާ އުސްމިންތަކަކަށް ވާސިލުވުމަށް މަގު ފަހިކޮށްދިނުމުގެ މަގުސަދުގެ ރޫހު އެކުލެވިގެންވާ މާއްދާތަކެއްގެ މައްޗަށް ގެތިފައިވާ ގާނޫނު އަސާސީ އެކެވެ،" މިހެންނެވެ.
މައުމޫންގެ ހިތާބު ނިންމަވާލައްވާފައި ވަނީ އާ ގާނޫނު އަސާސީގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ހައްގުތަކާއި ރައްކާތެރިކަމުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުން ހިފުމަށާއި ހުރިހާ ފަރާތްތަކުން ވެސް އެ ގާނޫނު އަސާސީ އަށް ފުރިހަމައަށް ކިޔަމަންގަނެ ބޯލެނބުމަށް އިލްތިމާސް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ