އޭޑީކޭ ހޮސްޕިޓަލުން ވައްކަން ކުރަމުންދިޔަ އަންހެނަކާއި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި

އޭޑީކޭ ހޮސްޕިޓަލުން ވައްކަން ކުރަމުންދިޔަ އަންހެނަކާއި ފިރިހެނަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އޭޑީކޭގެ ބަލި މީހުންގެ ކޮޓަރިތަކުން ވައްކަންކުރާ ކަމަށް އެ ހޮސްޕިޓަލުން ލިބުނު ރިޕޯޓަކާ ގުޅިގެން ވައްކަންކުރި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވި ގޮތުގައި ބަލި މީހުންގެ ކޮޓަރިތަކުން ވައްކަން ކުރަމުންދާ ކަމަށް އިއްޔެ ހެނދުނު ލިބުނު ރިޕޯޓަކާ ގުޅިގެން ބެލި ބެލުމުގައި ބަލިމީހުންގެ ކޮޓަރިތަކަށް ވަދެ، އެ ދެ މީހުން ވަގަށް ނަގައިފައިވާ ތަކެތީގެ ތެރޭގައި މޯބައިލް ފޯނަކާއި ވީޑިއޯ ކެމެރާއެއް ފެނިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހޮސްޕިޓަލުގައި ބަހައްޓައިފައި ހުރި ސެކިއުރިޓީ ކެމެރާތައް ޗެކްކުރި ކުރުމުގައި، ވައްކަންކުރި ދެ މީހުން ވައްކަންކޮށްފައި ވަނީ އެ ކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންކަން ވީޑިއޯ އިން އެނގެން ހުރި ކަމަށެވެ.
"ވައްކަން ކުރަމުންދިޔަ ފިރިހެން މީހާ ހުރީ ކޮނޑުގައި ދަބަހެއް އަޅުވައިގެން، އަންހެން މީހާ ފައިލެއް ހިފައިގެން ވަރަށް އޮގަނައިޒްކޮށް ކޮޓަރިތަކަށް ވަންނަމުން ދިޔައީ. މޯބައިލް ފޯނު ވަގަށް ނަގައިގެން ނުކުމެ އޭގެ ސިމް ކާޑު ނަގައި ލޭބަ ރޫމް ކައިރީގައި ހުރި ޑަސްބިނަކަށް ވައްޓާލައި އަނެއްކާ ވެސް ކޮޓަރިތަކަށް ވަންނަމުން ދިޔައީ،" އަފްއާލް ވިދާޅުވި އެވެ.
ކޮޓަރިތަކުން ވައްކަން ކުރަމުންދާ ކަމަށް ބަލިމީހުންނަށް އެނގިގެން އެ ވަގުތު ހޮސްޕިޓަލް ތެރެއަށް މީހުން އެއްވެ، އަޑުގަދަކުރި ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.
"އެ ވައްކަންކުރި މީހުން ދަންނަ ބަޔަކަށް ފެނިގެން އެ ދެ މީހުން ހޮސްޕިޓަލް ތެރެއަށް ގެނެސް ފުލުހުންނަށް ގުޅީ. ފަހުން އެނގުނީ އެ ދެ މީހުންނަކީ ވެސް ވައްކަމުގެ ރެކޯޑް އޮންނަ ބައެއްކަން،" އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ، ބަލި މީހުންގެ ކޮޓަރިތަކުން ވައްކަންކުރާ މީހުން އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ހޮސްޕިޓަލަށް ދާ މީހުން ވެސް އެކަމަށް ސަމާލުވުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކުރި އެވެ.
"ކުށުގެ ރެކޯޑް އޮންނަ މީހުން ގިނައިން ވައްކަން ކުރަން މި އަންނަނީ. އެ މީހުންގެ ޓާގެޓަކީ ބަލި މީހުންގެ ކޮޓަރިތައް،" އަފްއާލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ