މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ފަހަކަށް އައިސް ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެނީ އެތަނުގެ އާ އިންޖީނުތަކުގެ މައްސަލައަކުން ނޫން ކަމަށް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވެއްޖެ އެވެ.
"ހަވީރާ" ވާހަކަދައްކަވަމުން މެނެޖިން ޑިރެކްޓަރު މުހައްމަދު އިބްރާހިމް މިއަދު ވިދާޅުވީ އެއާޕޯޓުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެން ދިމާވާ މައްސަލަ ބައްލަވަމުން ގެންދާ ކަމަށެވެ.
އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ހޯލުންނާއި ޑޮމެސްޓިކް ޓާމިނަލުން ގަޑިއެއްހާއިރަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ކަރަންޓް ކެނޑިފައިވެ އެވެ. އަދި އިއްޔެ ހެނދުނު ވެސް ޑިޕާޗާ ހޯލުގެ ސެކިއުރިޓީ އޭރިއާ އިން ކަރަންޓް ކެނޑިފައިވެ އެވެ.
އެތަނުގެ އާ އިންޖީނުގެ އިން ކަރަންޓް ދޫކުރާ ތަންތަނުގެ ތެރެއިން ހޯމަ ދުވަހު ކަރަންޓް ކެނޑުނީ އިންޓަނޭޝަނަލް ޓާމިނަލްގެ ޗެކިން އޭރިއާއިންނާއި ތިރީގައި ހުންނަ ބޯޑިން ގޭޓް ސަރަހައްދުންނެވެ. މީގެ އިތުރުން ޑޮމެސްޓިކް ޓާމިނަލުން ވެސް ކަރަންޓް ކެނޑިގެން ޑޮމެސްޓިކް ފްލައިޓްތަކުގެ ދަތުރުތައް ބައިގަޑިއެއްހާ އިރަށް ލަސްކުރަން ޖެހުނެވެ.
އެއާޕޯޓުގެ އާ އިންޖީނުގެ އިން ކަރަންޓް ދޫކުރާ ތަންތަނުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަނީ ބާ އިކްއިޕްމަންޓްތަކެއް ބޭނުންކުރާތީތޯ ދެންނެވުމުން މުހައްމަދު އިބްރާހިމް ވިދާޅުވީ އެއީ އިންޖީނުގެ މައްސަލައެއް ނޫން ކަމަށާއި ކަރަންޓް ކެނޑެނީ ޑިސްޓްރިބިއުޓްކުރުމުގެ ތެރެއިން ދިމާވާ މައްސަލައަކުން ކަމަށެވެ.
"އެކަމުގައި ޓެކްނިކަލް ގޮތުން ދިމާވަނީ ކޮން މައްސަލައެއް ކަމެއް އަޅުގަނޑަށް ދަންނަވާކަށް ނޭނގެ. ނަމަވެސް އެއީ އެތަނުގައި ހުރި އިންޖީނުތަކުގެ މައްސަލައެއް ނޫންކަން އެނގޭ،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުން ކަރަންޓް ކެނޑެނީ އިންޖީނުގެ މައްސަލައަކުން ނޫން: އެމްޑީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ