ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ބުރާސްފަތި ދުވަހު ފަށައިފި އެވެ.
އެހެން ނަމަވެސް ހަމީދުގެ ގޮނޑި ހުސްވެފައިވާ ކަމަށް ވެސް އަދި ހުސްނުވާ ކަމަށް ވެސް ބަންޑާރަ ނާއިބު ބުރަނުވާ ކަމަށާއި އެ މައްސަލާގައި ބަންޑާރަ ނާއިބު ވަކި ސްޓޭންޑެއް ނުނަންގަވާ ކަމަށް އެ އޮފީހުން ޝަރީއަތުގައި ނުބުންޏެވެ.
އެ މައްސަލައިގައި ދައުވާ ކުރައްވަނީ ރިޔާސީ ކޮމިޝަނުގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަބްދުﷲ ހަސީނެވެ.
ހަސީންގެ ދައުވާ ހުށަހެޅުއްވުމުން ދައުލަތުގެ ވަކީލު އަހުމަދު ހުޝާމް ޖަވާބުގައި ވިދާޅުވެފައި ވަނީ މި މައްސަލައިގައި ދައުވާ ކުރުމުގެ ހައްގު ހަސީނަށް ލިބިގެން ނުވާ ކަމަށެވެ. އެހެންކަމުން އެގޮތަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް ގާނޫނީ ނުކުތާ އަށް އެއްޗެއް ވިދާޅުވުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވުމުން ދައުލަތުން ބުނީ އަސާސީ ހައްގެއް ގެއްލޭ ގޮތަށް ގާނޫނު އަސާސީ މާނަނުކުރެވޭނެ ކަމަށާއި އިސްތިއުނާފްކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ.
އެ މައްސަލައިގެ ދައުވާ ހުށަހަޅުއްވަމުން ހަސީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް އެއް އަހަރާއި ހަ މަސް ދުވަހުގެ ޖިނާއީ ހުކުމެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމާމެދު ހިޔާލު ތަފާތުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ގާނޫނު އަސާސީގެ 74 ވަނަ މާއްދާ އަށް ރިއާޔަތްކޮށް އެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ހަސީން އެދިވަޑައިގެންނެވި އެވެ.
އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވި މޫސާ އަންވަރު ޝަރީއަތުގައި ވިދާޅުވީ ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ އެ މީހަކު މެންބަރު ކަމުން ވަކިވާނެ ކަމަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި ބުނެފައިވާ ކަމަށެވެ.
މޫސަ ވިދާޅުވީ ޝަރުއީ އިތުރު މަރުހަލާއަކުން ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރި ނަމަވެސް ހަމީދުގެ ހާލަތަށް ބަދަލު ނާންނާނެ ކަމަށެވެ. އަދި އެ ހުކުމް ބާތިލްކުރި ނަމަވެސް އަދި ބާތިލް ނުކުރި ނަމަވެސް ކްރިމިނަލް ކޯޓުން ހުކުމްކުރި ހިސާބުން ފެށިގެން ހަމީދަކީ މަޖިލީހުގެ މެންބަރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމެންދެން ހަމީދުގެ ގޮނޑިއާމެދު ގޮތެއް ނުނިންމުމަކީ ކާށިދޫ ދާއިރާގެ އަދި އާންމުކޮށް ހުރިހާ ރައްޔިތުންގެ ވެސް ހައްގުތަކެއް ގެއްލިގެންދާނެ ކަމެއް ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޝަރީއަތް ކުރުމަށް ދާ ވަގުތު ނުލައި ވެސް ޖުމްލަ 867 ދުވަސް ހަމީދަށް އޭރުން ލިބޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުން ސުޕްރީމް ކޯޓުން ނިންމާލެއްވީ ވަކި އެއްޗެއް ވިދާޅުނުވެ އެވެ. އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި 74 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ސުވާލު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ހަމީދުގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ