ދޮޅު އަހަރަށް އަރުވާލުމަށް ހުކުމްކޮށްފައިވާ ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއީލް އަބްދުލް ހަމީދުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުން އެއްބަސްވެ ވަޑައިގެންފައި ވިޔަސް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެއްޖެ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހު ވިދާޅުވީ މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ކޮމިޓީގައި މަޝްވަރާކުރަން ފެށީ، ކާށިދޫ ދާއިރާގެ ގޮނޑީގެ މައްސަލައާ ގުޅިގެން، މަޖިލީހުގެ މެމްބަރެއްގެ ގޮނޑީގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީއާ ގުޅިގެން ކަމަށެވެ.
އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމަށް އެއްބަސް ނުވެވުނީ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުން އެއްބަސްވެފައިވާ ގޮތާ މެދު، ޑީއާރުޕީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެމްބަރު އަހްމަދު ތަސްމީން އަލީގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ ދެކޮޅު ހެއްދެވުމުން ކަމަށް ވެ އެވެ.
ކޮމިޓީގެ މުގައްރިރު ވިދާޅުވީ ލީޑަރުން އެއްބަސްވެ ވަޑައިގެންފައި ވަނީ ހަމައެކަނި އިސްމާއީލްގެ މައްސަލައާ ގުޅިގެން ލަފައެއް ހޯދުމުގެ އިތުރުން، މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައިވާ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގައިވާ ދެ ހާލަތު ކުރިމަތިވެއްޖެ ނަމަ ގޮނޑި ހުސްވާނެ މަރުހަލާއެއް ކަނޑައެޅުމުގެ ލަފައެއް ހޯދުމަށެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި ހުކުމާ އެއްގޮތަށް ސާބިތު ދަރަނި އަދާކުރަމުން ނުދާނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށްވުރެ ގިނަ މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ނަމަ ވެސް ގޮނޑި ގެއްލޭނެ ކަމަށެވެ.
"ޑީއާރުޕީގެ މެމްބަރަކު [ވިޝާމް] ހިޔާލު ތަފާތުވީ، ހުކުމާ އެއްގޮތަށް ސާބިތު ދަރަނި އަދާކުރަމުން ނުދާނަމަ ގޮނޑި ގެއްލޭނެ މަރުހަލާއެއް ކަނޑައެޅުމަށް ލަފައެއް ހޯދުމަށް. އެ މެމްބަރު ވިދާޅުވީ މިހާރު އެފަދަ މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށް. ލަފާ ހޯދަން ޖެހޭނީ ހަމައެކަނި ދިމާވެފައިވާ މައްސަލަ އަށް ކަމަށް. ނަމަވެސް ފަހުން ޑީއާރުޕީގެ މެމްބަރުން ވެސް، ޕާޓީތަކުގެ ލީޑަރުން އެއްބަސްވެފައިވާ ގޮތަށް ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން އެއްބަސްވި. ނަމަވެސް އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ކުރިން އެއްބަސްވި ކަމަށް ހިޔާލު ތަފާތުވުމަށް ފަހު، އަލުން އެއްބަސްވުމުން ޝައްކު އުފެދިއްޖެ ކަމަށް. އެހެންވެ އެމްޑީޕީގެ މެމްބަރުން އެއްބަސް ނުވުމުން، އެ މައްސަލަ ކޮމިޓީގައި ބެހިގެން ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ޖެހެނީ ދަށު ކޯޓަކުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ގޮނޑި ގެއްލުމަށް ފަހު، މައްސަލަ އިސްތިއުނާފުކޮށް، ސުޕްރީމް ކޯޓުން ކުށް ސާބިތު ނުވާ ކަމަށް ނިންމައިފި ނަމަ، "އަލުން އަނބުރައި ނުގެނެވޭނެ ހާލަތްތެއް އޮންނާނީ ކުރިމަތިވެފައި" ކަމަށެވެ.
"ދަށު ކޯޓުގެ ހުކުމާ ގުޅިގެން ގޮނޑި ގެއްލިއްޖެ ކަން ކަނޑައަޅައިފި ނަމަ، ގާނޫނު އަސާސީގައިވާ ގޮތަށް އެ ގޮނޑިއެއްގެ ބައި އިލެކްޝަން ބާއްވައި މެމްބަރަކު އިންތިހާބު ކުރަންޖެހޭނެ. ނަމަވެސް އިސްތިއުނާފު ކުރުމުގެ ހައްގު ލިބިގެންވާއިރު، ސުޕްރީމް ކޯޓުން ކުށް ސާބިތުނުވާ ނަމަށް ނިންމައިފި ނަމަ ދެން އޮންނާނީ އަލުން އަނބުރައި ނުގެނެވޭނެ ހާލަތެއް ކުރިމަތިވެފައި،" ނަޝީދު ވިދާޅުވި އެވެ.
މިކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ކޮމިޓީގައި މަޝްވަރާކުރި ސަބަބުތަކުގެ ތެރޭގައި މަޖިލިސް މިހާރު ހުއްޓިފައިވާ މައްސަލަ އަށް ލުޔެއް ހޯދުން ވެސް ހިމެނޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ހުއްޓާލީ، ކާށިދޫ މެމްބަރު އިސްމާއީލް އަބްދުލް ހަމީދު އެ ދުވަހުގެ ޖަލްސާ އަށް ވަޑައިގެންނެވުމުންނެވެ. އެއަށް ފަހު މަޖިލީހުގެ ޖަލްސާއެއް އަދި ނުބޭއްވެ އެވެ. މި މައްސަލައިގައި އިދިކޮޅު މެމްބަރުން ވިދާޅުވީ އިސްމާއީލަށް ދޮޅު އަހަރަށް ހުކުމްކޮށްފައި ހުރުމުން މަޖިލީހަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން ވިދާޅުވަނީ އިސްތިއުނާފު ކުރުމުގެ މަރުހަލާތައް ފުރިހަމަ ނުވަނީސް މެމްބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑަނޭޅޭނެ ކަމަށެވެ.
ހަމީދުގެ މައްޗަށް ކުރި ހުކުމް އޭނާ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
ކާށިދޫ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން އެއްބަހެއް ނުވެވުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ