ކުޅުދުއްފުށީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް އަނދައި ހުލިވެއްޖެ

ހދ. ކުޅުދުއްފުށީގައި ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ދަންވަރު މި ރަށު ލިޒްބަންގޭގައި ހިނގި ހާދިސާގައި އެ ގޭތެރޭގައި ހުރި ހުރިހާ އެއްޗަކާއި ގޯތި ތެރޭގައި ހުރި ހުރިހާ އެއްޗެއްހެން ވެސް ވަނީ އަނދައި ހުލިވެފަ އެވެ. އެހެން ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
މި ހާދިސާ ހިނގިއިރު އެ ގޭގައި އެއްވެސް މީހަކު ނޫޅޭ ކަމަށާއި އެ ގޭގައި ދިރިއުޅޭ ދެ މީހުން ވަނީ މައްސަލައެއްގައި މާލެ ގެންގޮސްފައި ކަމަށް ވެ އެވެ.
ލަކުޑި އާއި ފިލައިން ހަދާފައިވާ ގޭގެ ވެރިފަރާތުގެ ދަރިއެއް ކަމަށްވާ އިނާޝާ އަހުމަދު ބުރާސްފަތި ދުވަހު ބުނީ ޓީވީ އަކާއި ލަވަޖަހާ ސެޓަކާއި ބައެއް އަންނައުނު ފިޔަވައި އެހެން އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވުނު ކަމަށެވެ.
"މި ހާދިސާގައި ބައްޕަގެ ދިރިއުޅުމަށް ކޮށްފައިވާ ހުރިހާ ކަމެއް އަދި ހުރިހާ އެއްޗެއް ނެތި ދިއައީ. ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާގެ އަގުހުރި ތަކެތި އަދައިގެން ގޮސްފައިވޭ،" އިނާޝާ ބުންޏެވެ. އޭނާގެ ބައްޕަ އަކީ ރެފްރިޖެރޭޝަން މަސައްކަތްތާއި އެހެނިހެން ބައެއް މަސައްކަތްތައް ގޭގައި ކުރާ މީހެކެވެ.
މި މައްސަލަ ފުލުހުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ