ހައްޖު ޖަމާއަތްތަކަށް ހުއްދަ ދިނުން ފަސްކޮށްދިނުމަށް ކޯޓުން އަމުރުކޮށްފި

މިއަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމަށް ކުރިމަތިލި ޖަމާއަތްތަކަށް ހުއްދަ ދިނުން މަޑުޖައްސާލަން ސިވިލް ކޯޓުން އިސްލާމިކް މިނިސްޓްރީ އަށް މިދިޔަ ބުދަދުވަހު އަމުރުކޮށްފި އެވެ.
ގާޒީ މަރިޔަމް ނިހާޔަތު ނެރުއްވި ވަގުތީ އަމުރުގައި ބުނެފައި ވަނީ އެސްބީޓީ ހައްޖު އުމްރާ ސާވިސަސް އިން ހުށަހެޅި ދައުވާއާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، އިސްލާމިކް މިނިސްޓްރީގެ އިއުލާނަށް އަމަލްކުރުން ފަސްކުރުމަށެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހޯދަން އެކި ފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، ވަކި ގޮތެއް ނިންމުމަށް މިނިސްޓްރީ އަށް ފުރުސަތު ދެވިފައި އޮތުމުން އެސްބީޓީގެ ދައުވާ ނިންމުމަށް އަސަރުކޮށްފާނެ ކަމަށް ވަގުތީ އަމުރުގައިވެ އެވެ. އެހެންކަމުން އެ ގަޒިއްޔާގައި ހުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން މިނިސްޓްރީގެ އިއުލާނަށް އަމަލުކުރުން ފަސްކުރުމަށާއި އެ އިއުލާނާ ގުޅިގެން އެއްވެސް ކަމެއް ނުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ދީދީ (ޑީޑީ) މިއަދު ވިދާޅުވީ މިއަހަރު ހައްޖަށް މީހުން ގެންދަން ކުރިމަތިލި އެސްބީޓީ ޖަމާއަތުން ހުށަހެޅި ޕްރޮޕޯސަލް ކެންސަލްކުރުމުން އެ މައްސަލަ އޭސީސީ އަށާއި ސިވިލް ކޯޓަށް އެ ޖަމާއަތުން ހުށަހެޅި ކަމަށެވެ.
"ހަވީރަ"ށް އެނގިފައިވާ ގޮތުގައި އެސްބީޓީގެ ހުށަހެޅުން މިނިސްޓްރީން ބަލައިނުގަތީ އޭގައި އެ ޖަމާއަތުގެ ލެޓާ ހެޑް ނެތުމުންނެވެ. އަދި އެ މައްސަލަ އޭސީސީ އަށް ހުށަހެޅުމުން އެ ކޮމިޝަނުން އެންގީ އިސްލާމިކް މިނިސްޓްރީން ހަދާފައިވާ ގަވާއިދުގައި ހައްޖަށް މީހުން ގެންދާ ޖަމާއަތުގެ ލެޓާ ހެޑް ހުށަހަޅަން ޖެހެނީ ހުއްދަ ލިބޭތާ 15 ދުވަހުގެ ތެރޭގައި ކަމަށް އޮންނާތީ އެގޮތަށް އަމަލްކުރުމަށް ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވި ގޮތުގައި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގެ މައްސަލަ މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފައިވާކަން އޭނާ އަށް އެނގިވަޑައިގެންފައެއް ނެތެވެ. އެކަމަކު އެސްބީޓީން އެ މައްސަލަ ކޯޓަށް ލުމުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގެ މަސައްކަތް މަޑުޖައްސާލަފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ސާފުކޮށް އަންގާފައިވާނެ ޕްރޮޕޯސަލްތައް ހުށަހަޅާއިރު ހުރިހާ ލިޔެކިއުންތައް ފުރިހަމަކޮށްފައި ހުށަހެޅުމަށް. އަދި އެއްވެސް އެއްޗެއް މަދުވެއްޖެ ނަމަ ބަލައިނުގަންނާނެ ކަމަށް. އެ ގޮތުން އެ ޖަމާއަތުން ހުށަހެޅި ޕްރޮޕޯސަލްގައި ހިމަނަން ޖެހޭ ޑޮކިއުމަންޓެއް މަދުވެގެން އަޅުގަނޑުމެން ބަލައިނުގަތީ،" ޑީޑީ ވިދާޅުވި އެވެ.
މިއަހަރު ހައްޖަށް މީހުން ގެންދަން 17 ޖަމާއަތަކުން ޕްރޮޕޯސަލް ހުށަހެޅި އެވެ. އޭގެ ތެރެއިން ކެންސަލްވީ ހަމައެކަނި އެސްބީޓީގެ ޕްރޮޕޯސަލް އެވެ.
މިކަމާ ގުޅޭ ގޮތުން އެސްބީޓީގެ ބަހެއް މިއަދު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސަރުކާރުން ވަނީ ހައްޖަށް ދާ ކޮންމެ މީހަކަށް މި އަހަރުން ފެށިގެން 10،000ރ.ގެ ޑިޕޮސިޓެއް ބަހައްޓަން ޖެހޭ ގޮތަށް ވެސް ހަމަޖައްސައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައި ވަނީ މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޭނީ އަށް ޖަމާއަތަކަށް ކަމަށެވެ. އަދި ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ދީފައިވާ 1،000 މީހުންގެ ކޯޓާ ބެހާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތްތަކުގެ ޖުމްލަ ޕޮއިންޓަށް ބަލައި، އެ ޖަމާއަތްތަކަށް ލިބުނު ޖުމްލަ ޕޮއިންޓްގެ ރޭޝިއޯ އިން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ