ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ދިމާކޮށް އެމްޑީޕީ އާއި ޑީއާރުޕީގެ ކުލަތައް މާލޭގެ ބައެއް ގެތަކުގެ ފާރުތަކުގައި ލާން ފަށައިފި އެވެ.
މިދިޔަ ހަފުތާއިން ފެށިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ރީނދޫ ކުލަ އާއި ސަރުކާރު ހިންގާ ޑީއާރްޕީގެ ނޫ ކުލަ ލުމުގެ މަސައްކަތް ވަރަށް ވާދަވެރިކަމާއެކު ކުރިއަށް ގެންދާކަން ފާހަގަވެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި މާލޭ ދާއިރާގެ ރައީސް އަމީން ފައިސަލް މިއަދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ގޭގޭގެ ފާރުތަކުގައި އެ ޕާޓީއަށް ނިސްބަތްވާ ރީނދޫކުލަ ލުމުގެ މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. އެގޮތުން އެމްޑީޕީގެ މެމްބަރުންނާއި އެ ޕާޓީއަށް ތާއީދުކުރާ ގޭގޭގެ ފާރުތަކުގައި ކުލަލަމުންދާ ކަމަށް އަމީން ވިދާޅުވި އެވެ.
"މިއީ އެމްޑީޕީގެ ވިޒިބްލް ކެމްޕެއިނެއް. މިކަން މިކުރަނީ ޕާޓީގެ މާލޭ ދާއިރާއިން އިސް ނަގައިގެން. މިހާތަނަށް 98 ގޭގޭގެ ފާރުގައި އަޅުގަނޑުމެން މި ވަނީ ކުލަ ލައިފައި. މި ވަގުތު މި ޓާގެޓްކުރަނީ އެމްޑީޕީގެ މެމްބަރުންގެ ގެތަކުގެ ފާރުގައި ކުލަ ލުމަށް. އަދި ފަހުން އެމްޑީޕީގެ ސަޕޯޓަރުންގެ ގޭގޭގެ ފާރުގައި ވެސް ކުލަ ލާނަން،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ރީނދޫކުލަ ލާފައި ހުރި ފާރުތަކުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ގެ ރިޔާސީ ކެމްޕެއިން ސްލޯގަންތައް ވެސް ފަހުން ލިޔަމުންދާނެ ކަމަށެވެ.
"މިއީ ހިލޭސާބަހަށް ކުރަމުންދާ ކަމެއް. ހެޔޮއެދޭ ފަރާތްތަކުން ކުލަ ދެނީ ވެސް އެއްވެސް ކަހަލަ ހަރަދެއް އަޅުގަނޑުމެންގެ އަތަކުންނެއް ނުދޭ. މާލޭގެ ކޮންމެ ގޯޅިއެއްގައި މަދުވެގެން އެއް ގެއެއްގެ ފާރުގައި އެމްޑީޕީގެ ކުލަ ލުމަކީ އަޅުގަނޑުމެންގެ ބޭނުމެއް. އެމްޑީޕީގެ ކުލަ ނުފެންނަ އެއްވެސް ގޯޅިއެއް މާލޭގައި ހުރެގެން ނުވާނެ،" އަމީން ވިދާޅުވި އެވެ.
ޑީއާރުޕީން މިއަދު ބުނީ މާލޭގެ ބައެއް ގޭގޭގެ ފާރުތަކުގައި އެ ޕާޓީގެ ކުލަ ލަމުންދަނީ ޑީއާރުޕީން ނޫން ކަމަށެވެ. އެހެން ނަމަވެސް ޑީއާރުޕީއަށް ނިސްބަތްވާ ދެ މެމްބަރަކު މުއައްސިސުންގެ ގޮތުގައި ތިބި ނިއު މޯލްޑިވްސް މޫވްމަންޓުން މިއަދު ބުނީ މާލޭގެ ގޭގޭގެ ފާރުގައި ނޫކުލަ ލަމުންދަނީ އެ ޖަމާއަތުން ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ މާލޭ ގޭގޭގެ ފާރުތަކުގައި ކުލަ ލަމުން. ޑީއާރުޕީ މެމްބަރުންނާއި ސަޕޯޓަރުން އެކަންޏެއް ނޫން. ފާރުގައި ނޫކުލަ ލައިދޭން އެދޭ ކޮންމެ ފަރާތަކަށް ވެސް އަޅުގަނޑުމެން ހިދުމަތް ދޭނަން،" ނިއު މޯލްޑިވްސް މޫވްމަންޓުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
މާލޭގެ އެކި ގޭގޭގެ ފާރުގައި ނޫކުލަ ލަނީ ޑީއާރުޕީން އެދިގެންތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެއީ ޕާޓީއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.
"ގަދަ ނޫކުލަ އަކީ ލޮލަށް ވަރަށް ފަސޭހަ، ރީތި ކުލައެއް ކަމަށް ވާތީ އެ ކުލަ ލަމުން މިދަނީ. މިއީކީ ޑީއާރުޕީގެ މެމްބަރުންގެ ހައިސިއްޔަތުން ކުރާ ކަމެއް ނޫން. މިއީ ނިއު މޯލްޑިވްސް މޫވްމަންޓުގެ ކަމެއް. މިއީ ހިލޭސާބަހަށް އަޅުގަނޑުމެން ނިއު މޯލްޑިވްސް މޫވްމަންޓުން ކުރާ ކަމެއް. ރަށްރަށުގެ ގޭގޭގެ ފާރުތަކުގައި ވެސް ނޫކުލަ ލަމުންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ރިޔާސީ ކެމްޕޭނާ ދިމާކޮށް އެމްޑީޕީ އާއި ޑީއާރުޕީގެ ކުލަ މާލޭގެ އެކި ފާރުތަކުގައި ލާން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ