ޑީއާރްޕީގެ މެނިފެސްޓޯ މިރޭ މާލޭގައި އިއުލާން ކުރައްވާނެ ކަމަށް އެޕާޓީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕޭން ކުރެއްވުމަށް އައްޑު އަތޮޅަށާއި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ސ. ފޭދޫގައި ހުންނަ ޑީއާރްޕީ އޮފީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެނިފެސްޓޯ ނެރުއްވުމާއި މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކާ ބެހޭ ގޮތުން ތަފުސީލުކޮށް ވާހަކަ ނުދެއްކެވި ކަމުގައި ވިޔަސް މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އިގުތިސާދީ ސިޔާސަތުގެ ބައެއް ކަންތައްތަކަށް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ. އޭގެތެރޭގައި އިސްލާމީ ބެންކެއް ރާއްޖޭގައި ހުޅުވުމާއި މުއްސަނދިކަން ހަމަހަމަ ގޮތެއްގައި ބެހިގެންދާނެ ނިޒާމެއް ގާއިމު ކުރެއްވުމާއި އިގުތިސާދީ ބޮޑެތި ހާއްސަ ސަރަހައްދުތަކެއް ގާއިމު ކުރެއްވުމާއި އިގުތިސާދީ ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގާއިމު ކުރެއްވުން ހިމެނެ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ކަންތައްތައް ގާއިމު ކުރެވުމުން ދިވެހިންނަށް ވަޒީފާގެ ވަރަށް ގިނަ ފުރުސަތުތައް ލިބި، ކުރިއަށް އޮތް ފަސް އަހަރަކީ ވެސް އިގުތިސާދީ ގޮތުން ރާއްޖެ އަށް އިތުރު ކުރިއެރުންތަކެއް ލިބި، އިތުރު އުސްމިންތަކަކަށް ވާސިލްވެގެން ދާނެ ފަސް އަހަރު ކަމަށް ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ޖަލްސާގައި ޕާޓީ އަށް ސަޕޯޓް ހޯދުމުގެ ގޮތުން، ރައީސް މައުމޫނުގެ ވެރިކަމުގައި ފާއިތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި އައްޑުއަށާއި ދިވެހި ގައުމަށް ކުރައްވައިފައިވާ ވަރަށް ގިނަ ކަންތައްތައް ޑީއާރްޕީގެ މެންބަރުންނަށް ހާމަކޮށް ދެއްވި އެވެ.
އައްޑު އާއި ފުވައްމުލަކުގައި ކެމްޕޭން ކުރެއްވުމަށް ފަހު މާލެ ފުރާ ވަޑައިގަތުމުގެ ކުރިން މިއަދު ގަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން ވިދާޅުވީ އެމަނިކުފާނަށާއި ޕާޓީގެ ރަނިން މޭޓަށް އައްޑު އަތޮޅުން ވަރަށް ބޮޑު ތާއިދެއް ލިބިގެން ދާނެ ކަމަށެވެ. އަދި ޕާޓީ އަށް ތާއިދު ހޯދުމަށް އެއްވެސް ބަޔަކަށް ފައިސާތަކެއް ދެއްވައި ނުވާ ކަމަށް ވެސް ޑީއާރްޕީގެ ޒައީމް ވިދާޅުވި އެވެ.
"ހުރިހާ ރަށަކަށް ދިޔައިމާ ވެސް އަޅުގަނޑަށް ފެނުނީ އެމަންޒަރު. އަޅުގަނޑުމެންނަށް ތާއީދުކުރާ މީހުން ވަރަށް ގިނަ. ވަރަށް ބޮޑު އައުލަބިއްޔަތެއް ލިބޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑާ ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ އަދަދު ވަރަށް މަދުކޮށް ފެނުނީ. އެހެންވީމާ އިރާދަކުރެއްވިޔާ އަޅުގަނޑަށާއި ތަސްމީނަށް އައްޑު އަތޮޅުން ވަރަށް ބޮޑު ކާމިޔާބީ އެއް ލިބޭނެ."
ރިޔާސީ އިންތިހާބު 2008: ޑީއާރްޕީގެ މެނިފެސްޓޯ އިއުލާންކުރުން މިރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ