ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ފާސްކޮށްފައިވާ ކޮމެޓީ އެލަވަންސް ފައިސާ ދޫކުރުމާ މެދު، ސިވިލް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން އެ ފައިސާ ދޫނުކުރުމަށް ސިވިލް ކޯޓުން ރޭ ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފި އެވެ.
އެ މައްސަލައިގައި ސ. މަރަދޫ، ޕެންޒީމާގޭ، މާހް ޖަބީން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ސިވިލް ސާވަންޓުންގެ އުނިކުރި މުސާރަ ނުދީ މަޖިލީހުގެ ކޮމެޓީ އެލަވަންސް ފައިސާ ދިނުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށެވެ.
އެ މައްސަލައިގެ ވަގުތީ އަމުރު އިއްވަވަމުން ގާޒީ ހާތިފް ހިލްމީ ވިދާޅުވީ ދައުވާކުރާ ފަރާތުގެ ހައްގު މި މައްސަލައިގައި ބިނާކޮށްފައިވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ތަފާތުނުކުރުމުގެ ހައްގާއި 20 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމުގެ ހައްގާއި 43 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ އަދުލްވެރިކަމާ އެކު އިދާރީ ފިޔަވަޅު އެޅުމުގެ ހައްގުގެ މައްޗަށް ކަމަށެވެ.
ގާޒީ ވިދާޅުވީ ދައުވާކުރާ ފަރާތުގެ އެ ހައްގުތަކާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ދައުވާގެ މަގްސަދު ގެއްލިދާނެ ފަދަ އެއްވެސް ކަމެއް މެދުވެރިވުމަކީ، ދައުވާކުރާ ފަރާތުގެ ހައްގަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް ޝަރީއަތުން ދެކޭ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ދައުވާގެ މަގްސަދު ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފިނޭންސްގެ މައްޗަށް ގާޒީ އަމުރުކުރެއްވި އެވެ.
"ދައުވާކުރާ ފަރާތުގެ ހައްގުތަކާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން މި ދައުވާގެ މަގްސަދު ގެއްލިދާނެ ފަދަ އެއްވެސް ކަމެއް މެދުވެރިވުމަކީ މި މައްސަލައިގައި ދައުވާކުރާ ފަރާތުގެ ހައްގަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމުގައި ޝަރީއަތަށް ގަބޫލުކުރެވޭތީ، މި މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ދައުވާގެ މަގްސަދު ގެއްލިދާނެ ފަދަ އެއްވެސް ކަމެއްނުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މައްޗަށް އަމުރުކޮށްފިން،" ގާޒީ ވިދާޅުވި އެވެ.
މި މައްސަލައިގައި އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުވާކުރާ ފަރާތުން ބުނެފައިވަނީ ކޮމެޓީ އެލަވަންސް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި ނަމަވެސް އެފަދަ ނިންމުމެއްގެ ރަސްމީ ލިޔުމެއް ނެތް ކަމަށެވެ. އެހެންކަމުން ރޭ އެ މައްސަލައިގައި ވަގުތީ އަމުރު ނެރުމުގެ ކުރިން އިއްޔެ ހަވީރު ބޭއްވި އަޑު އެހުމުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ގާޒީ ވަނީ ދެއްވައިފަ އެވެ. ހެކީގެ ގޮތުގައި ދައުވާކުރާ ފަރާތުން ވަނީ ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ހުށަހަޅައިފަ އެވެ.
އެ ވީޑިއޯގައި ރައީސް ވިދާޅުވެފައިވަނީ ގާނޫނީ ގޮތުން ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރަންޖެހޭނެ ކަމަށެވެ. އަދި ކޮމެޓީ އެލަވަންސްގެ މައްސަލައަކީ އެ މަނިކުފާނު ރުހިވަޑައިގަތަސް އަދި ރުހިވަޑައިނުގަތަސް އެ މަނިކުފާނާ ހަމައިން ހުއްޓެން އޮތް ކަމެއް ނޫން ކަމަށް ވެސް ރައީސް އެ ވީޑިއޯގައި ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން ވިދާޅުވެފައިވަނީ މަޖިލީހުގެ ނިންމުން އެ މަނިކުފާނު ލައްވާ އެހެން އަތަކަށް އަނބުރާލުން އެއީ ދައުލަތުގެ ނިޒާމް ހިނގާ ގޮތެއް ނޫން ކަމަށެވެ.
ހެކި ހުށަހެޅުއްވުމަށް ފަހު ދައުވާކުރާ ފަރާތުގެ ގާނޫނީ ޓީމުގެ ފަރާތުން މުހައްމަދު ޝަފާޒް ވިދާޅުވީ ރައީސްގެ އެ ވާހަކަފުޅަކީ އިދާރީ ފިޔަވަޅެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެކަން އިދާރީ ފިޔަވަޅެއްގެ ގޮތުގައި ނުބަލާ ނަމަ ދެން އިދާރީ ފިޔަވަޅެއްގެ ގޮތުގައި ބަލަންޖެހޭނީ ކޮމެޓީ އެލަވަންސް ދޫކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން ދައުވާގެ މަގްސަދު އޮންނާނީ ގެއްލިފައި ކަމަށާއި ގެއްލުމެއް ހިނގުމުގެ ކުރިން މައްސަލައެއް ކޯޓަށް ހުށަހެޅުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ދައުވާކުރާ ފަރާތުން ހުށަހެޅި އެ ވީޑިއޯ އަށް ރިއާޔަތްކުރެވިދާނެ ކަމަށް ވަގުތީ އަމުރު ނެރުމުގެ ކުރިން ގާޒީ ވަނީ ވިދާޅުވެފަ އެވެ.
ކޯޓުން ގޮތެއް ކަނޑައަޅަންދެން ކޮމެޓީ އެލަވަންސް ފައިސާ ދޫނުކުރުމަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ