އަބްދުﷲ ހަމީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް އަމުރުކޮށްފި

ކުރީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ ހަމީދު ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް އިއްޔެ އަމުރުކޮށްފި އެވެ.
އަބްދުﷲ ހަމީދުގެ އިތުރުން އެހެން 18 މީހަކު ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ.
އެ އަމުރުގައި ބުނެފައި ވަނީ އެމީހުންނަކީ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހާޒިރުކުރުމަށް ބެލިއިރު ރާއްޖެއިން ބޭރުގައި އުޅޭތީ ހާޒިރުކުރެވިފައިނުވާ މީހުން ކަމަށެވެ. އެހެންކަމުން އެމީހުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށް އަމުރުގައިވެ އެވެ.
"ތިރީގައި މި ދަންނަވާ މީހުންނަކީ އެމީހުންގެ މައްޗަށް މި ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ހާޒިރުކުރަން ބެލިއިރު ރާއްޖެއިން ބޭރުގައި ވުމުގެ ސަބަބުން ހާޒިރު ނުކުރެވިފައިވާ މީހުން،" އެ އަމުރުގައިވެ އެވެ. "ވީމާ، އެމީހުން ބަންދުގައި ބަހައްޓައިގެން މި ކޯޓަށް ހާޒިރު ކުރުމަށް އަމުރު ކުރަން."
އެ އަމުރުގައި އަބްދުﷲ ހަމީދުގެ މައްޗަށް ދައުވާ ލިބޭ ކަމަށް ބުނެފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރެއްވި ކަމަށް ބުނާ މައްސަލައެއްގަ އެވެ.
އަބްދުﷲ ހަމީދުގެ އިތުރުން މާފުށީ ޖަލުގައި ބަޑި ޖެހި ހާދިސާއާ ގުޅިގެން އިނގިއްޔެއް ބުރިވި، ސ. ފޭދޫ، ފްލޮރިޑާ، މުހައްމަދު ފަސީހު ވެސް، ބަންދުގައި ބަހައްޓައިގެން ޝަރީއަތަށް ހާޒިރުކުރަން ކޯޓުން އަމުރުކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ. އޭނާ މިހާރު ދިރިއުޅެމުންދަނީ އިންޑިޔާގެ ޓްރިވެންޑްރަމްގަ އެވެ. އެތަނުގައި އޯވާސްޓޭ ވެގެން ފަސީހު ވަނީ މިހާރު އިންޑިޔާ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރެއްވުމުގެ އިތުރުން ނިޝާން ޣާޒީގެ ލަގަބު ވެސް ލިބިވަޑައިގެންފައިވާ އަބްދުﷲ ހަމީދުގެ މައްޗަށް ދިވެހި ދައުލަތުން ދައުވާކުރަނީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ހުރި ޚިޔާނާތުގެ މައްސަލަތަކަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ނޮވެމްބަރު ،17 2009 ގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އޭނާ ކޯޓަށް ހާޒިރުކުރެވިފައެއް ނުވެ އެވެ. އަދި އަބްދުﷲ ހަމީދު ކޯޓަށް ހާޒިރު ކުރުމަށް ފުލުހުން ކައިރި އެދުމުން އޭނާއަކީ ހޯދާ ނުފެނިފައިވާ މީހެއް ކަމަށް ފުލުހުން އަންގާފައިވާ ކަމަށް މީގެ ކުރިން ކޯޓުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ