އަހުމަދިއްޔާގެ އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ޝިފާޒް ހޮވައިފި

މަދްރަސަތުލް އަހުމަދިއްޔާ އިން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަހުމަދު ޝިފާޒް އިއްޔެ ހޮވައިފި އެވެ.
އަހުމަދިއްޔާގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޝިފާޒު ވަނީ އެ އަހަރުގެ އޯލެވެލް އިމްތިހާނުގައި އޭނާ ބައިވެރިވި އަށް މާއްދާއިން ވެސް އޭ ފާސް ހޯދައިގެން ގަދަ 10 ގެ އެއްވަނަ މަގާމުގައި ވެސް ހިމެނިފަ އެވެ. އޭގެ އިތުރުން ހދ. ވައިކަރަދުއަށް އުފަން ޝިފާޒަކީ އަހުމަދިއްޔާ އިން މިދިޔަ އަހަރު ކިޔެވުމަށް އެންމެ މޮޅު ދަރިވަރު ވެސް މެ އެވެ. އަހުމަދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ޝިފާޒު ހޮވިފައި ވަނީ އެ އަހަރުގެ އޯލެވެލް އިން އަހުމަދިއްޔާއަށް އެންމެ މަތީ ކާމިޔާބީ ހޯދައިދިން ދަރިވަރުގެ ގޮތުގަ އެވެ. އެއީ އަށް އޭ ފާހެވެ. އަދި ޝިފާޒަކީ އަހުމަދިއްޔާގެ ސްކައުޓުންގެ ތެރެއިން ކިޔެވުމަށް އެންމެ މޮޅު ސްކައުޓު ވެސް މެ އެވެ.
ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށާއި އެހެން ކުދިންނަށް އިނާމުތައް ބައްސަވައިދެއްވީ އިއްޔެ ހަވީރު ސޯޝަލް ސެންޓަރުގައި ބޭއްވި އަހުމަދިއްޔާގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގަ އެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ހާއްސަ އިނާމުތައް ބައްސަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ މިނިސްޓަރު އަނީސާ އަހުމަދެވެ. އެހެނިހެން އިނާމުތައް ބައްސަވައިދެއްވީ މައްޗަންގޮޅީ އަވަށު އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޔާމީނާއި ސްކޫލުގެ ޕްރިންސިޕަލް ހަސަން ނާޝިދެވެ.
ޝަރަފުވެރި މެހުމާނުގެ ވާހަކަފުޅުގައި އޯލެވެލް އިމްތިހާނުން އަހުމަދިއްޔާ މިދިޔަ އަހަރު ހޯދި ކާމިޔާބީ ދެމެހެއްޓުމަށް މި އަހަރު ގްރޭޑް 10 ގައި ކިޔަވަމުންދާ ކުދިންނަށް ގޮވާލެއްވި އެވެ.
އަހުމަދިއްޔާ ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން 114 ޕޮއިންޓް ހޯދައިގެން އެ އިމްތިހާނުގެ އެއް ވަނަ މަގާމު ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ