ހާއްސަ މަޖިލީހުގެ ޖަލްސާ: އިންތިގާލީ މަރުހަލާ ކުރިއަށް ގެންދާނޭ ގޮތުގެ ހަތަރު ޑްރާފްޓެއް މަޖިލީހުގެ ތަޅުމަށް މެމްބަރުން ހުށަހަޅުއްވައި

އިންތިގާލީ މަރުހަލާ ކުރިއަށް ގެންދާނެ ގޮތުގެ ހަތަރު ޑްރާފްޓެއް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތަޅުމަށް މިއަދު މެމްބަރުން ހުށަހަޅުއްވައިފި އެވެ.
މިއަދު ހެނދުނު ބޭއްވި ހާއްސަ މަޖިލީހުގެ ޖަލްސާގައި އިންތިގާލީ ބާބުގެ ޑްރާފްޓު ހުށަހެޅުއްވި މެމްބަރުންނަކީ ހާއްސަ މަޖިލީހުގެ ނާއިބު ރައީސްކަމުގައި ހުންނެވި ރ. އަތޮޅު މެމްބަރު ޝާހީން ހަމީދާއި ޑިއާރުޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސާކަމުގައި ހުންނެވި މ. މެމްބަރު އަނީސާ އަހްމަދާއި ހާއްސަ މަޖިލީހުގެ ހއ. މެމްބަރު އަހްމަދު ސަމީރު އަދި ދ. މެމްބަރު އަހްމަދު ނާޝިދެވެ. މި ހަތަރު ޑްރާފްޓަށް ވެސް ވަނީ ތާއިދު ލިބިފަ އެވެ.
ޝާހީން ހުށަހެޅުއްވި ޑްރާފްޓަކީ ޕްރޮފެސަރު ޑަގްލަސް ޝުމައިޒާ އެކުލަވާލެއްވި އިންތިގާލީ ބާބުގެ ޑްރާފްޓް އަސްލަކަށް ބައްލަވައިގެން ލިޔުއްވާފައިވާ ޑްރާފްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ޝުމައިޒާގެ ޑްރާފްޓުގައި ހިމެނޭ ބައެއް މާއްދާތައް ހުރި ގޮތަށް ހިމަނުއްވާފައިވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުމައިޒާގެ ޑްރާފްޓުގައިވާ ގޮތަށް، ޝާހީންގެ ޑްރާފްޓުގައި ވާނީ ރިޔާސީ އިންތިހާބާއި އާންމު އިންތިހާބު އެކުއެކީގައި ބޭއްވުމަށެވެ. އެގޮތުން ގާނޫނު އަސާސީ ތަސްދީގުކުރާތާ ހަ މަހާއި އަށް މަހާ ދެމެދުގައި އިންތިހާބު ބޭއްވުމަށެވެ.
މިއަދުގެ ޖަލްސާގައި ޝާހީން ވިދާޅުވީ ރިޔާސީ އިންތިހާބާއި އާންމު އިންތިހާބު އެކުއެކީގައި ބޭއްވުމުން ވަރަށް ގިނަ މައްސަލަތަކަށް ހައްލު އަންނާނެ ކަމަށެވެ.
ގާނޫނު އަސާސީ ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި އިންތިގާލީ އިލެކްޝަން ކޮމިޝަނާއި އިންތިގާލީ ސްޕްރީމް ކޯޓް ގާއިމުކުރުމަށް ވެސް ޝާހީންގެ ޑްރާފްޓުގައިވެ އެވެ. ސައްބީސް މާއްދާގެ މައްޗަށް އެކުލަވާލައިފައިވާ އެ ޑްރާފްޓްގައި ވަނީ އިންތިގާލީ މަރުހަލާގައި އަތޮޅުވެރިންނާއި ކަތީބުން އަދި މާލޭ މުނިސްޕަލްޓީގެ ރައީސް ސިވިލް ސާވިސްގައި ހިމެނެންޖެހޭނެ ކަމަށެވެ.
ޝުމައިޒާ އެކުލަވާލެއްވި އިންތިގާލީ ބާބުގެ ޑްރާފްޓުގައިވާ ގޮތަށް، ޝާހީން ވެސް ހުށަހަޅުއްވާފައި ވަނީ އިންތިގާލީ މަރުހަލާގައި އަތޮޅުވެރިންނާއި ކަތީބުން ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެންނުވާނެ ކަމަށެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރެއްވުމުގެ ގޮތުން އަދި ދަތިކުރެއްވުމުގެ ގޮތުން އެއްވެސް ކަމެއް ކުރައްވައިގެން ނުވާނެ ކަމަށެވެ.
އިންތިގާލީ މަރުހަލާގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ބަދަލެއް ގެނައުމަށް ހުށަހަޅާފައި ނެތަސް، އެ މަރުހަލާގައި ރައީސުލްޖުމްހޫރިއްޔާ އަށް އާ މަގާމެއް ނުއުފެއްދޭނެ ކަމަށާއި މަގާމަކަށް މީހަކު އައްޔަން ނުކުރެވޭނެ ކަމަށާއި އަދި މަގާމުގެ ކުރިއެރުން ވެސް ނުދެއްވޭނެ ކަމަށް ޝާހީން ހުށަހަޅުއްވާފައިވެ އެވެ. ނަމަވެސް ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ މަގާމާއި މަގާމަށް މީހުން އައްޔަން ކުރުމާއި ޕްރޮމޯޝަން ދިނުން މިކަމުން އިސްތިސްނާވާ ކަމަށް އެ ޑްރާފްޓްގައިވެ އެވެ. މި ޑްރާފްޓަށް ތާއިދުކުރައްވާފައިވަނީ އެމްޑީޕީ އަށް ނިސްބަތްވާ ސ. މެމްބަރު ހުސްނުއް ސުއޫދެވެ.
މި ޑްރާފްޓަށް ސުއޫދު ތާއިދުކުރެއްވީ، އޭނާގެ ހުށަހެޅުން އަނބުރާ ގެންނަވައިފަ އެވެ. އޭނާ ހުށަހެޅުއްވީ އިންތިގާލީ ބާބެއްގެ ގޮތުގައި ޝުމައިޒާ ޑްރާފްޓްކޮށްފައިވާ ބާބު އޮތްތައް ފާސްކުރުމަށެވެ.
މ. މެމްބަރު އަނީސާ ހުށަހެޅުއްވި އިންތިގާލީ ބާބުގެ ޑްރާފްޓުގައި ވަނީ ރިޔާސީ އިންތިހާބު 10 އޮކްޓޯބަރު 2008ގެ ކުރިން ބޭއްވުމަށެވެ. އަދި އާންމު އިންތިހާބު 10 މާޗް 2009ގެ ކުރިން ބާއްވައި، އާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މޭ 1 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށެވެ. އަދި ކައުންސިލްތަކުގެ އިންތިހާބު 1 ޖުލައި 2009ގެ ކުރިން ބޭއްވުމަށް ވެސް އަނީސާ ހުށަހަޅުއްވައިފައިވެ އެވެ.
އއ. މެމްބަރު މުހައްމަދު މަޖުދީ އިބްރާހީމް ތާއިދުކުރެއްވި މި ޑްރާފްޓްގައި ވަނީ އިންތިގާލީ މަރުހަލާގައި ސަރުކާރާއި މިހާރުގެ ރައްޔިތުންގެ މަޖިލީހަށް ބަދަލެއް ނުގެނެވޭ ގޮތަށެވެ.
ދ. އަތޮޅު މެމްބަރު ނާޝިދު ހުށަހެޅުއްވި ޑްރާފްޓުގެ މައިގަނޑު ތަފާތަކީ މި އަހަރުގެ ނޮވެމްބަރު 11އިގެ ނިޔަލަށް މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުން ހޮއްވަވާ ފަސް މެމްބަރުންގެ ކޮމިޓީއަކުން ހަ މަސް ދުވަސް ވަންދެން ދައުލަތް ހިންގާ ގޮތަށް ހިމަނުއްވާފައި އޮތުމެވެ.
ނާޝިދުގެ ޑްރާފްޓުގައިވާ ގޮތުން ގާނޫނު އަސާސީ ތަސްދީގު ކުރާތާ ހަ މަސް ދުވަސްތެރޭގައި ރިޔާސީ އިންތިހާބު ބާއްވައި އާ ރައީސަކު އިންތިހާބު ކުރަން ޖެހެ އެވެ. އަދި އެއަށް ފަހު ތިން މަސް ދުވަސްތެރޭގައި އާންމު އިންތިހާބު ބޭއްވުމަށް ވެސް އޭނާ ހުށަހަޅުއްވާފައިވެ އެވެ. މި ޑްރާފްޓަށް ތާއިދުކުރެއްވީ ލ. މެމްބަރު މުހައްމަދު ނައީމެވެ.
ހއ. މެމްބަރު ސަމީރު ހުށަހެޅުއްވި ޑްރާފްޓަކީ އުސޫލީ ގޮތުން ޝުމައިޒާގެ ޑްރާފްޓަށް ބައްލަވައިގެން އެކުލަވާލައްވާފައިވާ ޑްރާފްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޑްރާފްޓުގައި ބުނެފައި ވަނީ ގާނޫނު އަސާސީ ތަސްދީގުކުރާތާ 30 ދުވަހުގެ ތެރޭގައި ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށެވެ. އަދި މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމޭތާ ލަސްވެގެން 130 ދުވަސްތެރޭގައި ރިޔާސީ އިންތިހާބު ބޭއްވުމަށެވެ. އަދި ގާނޫނު އަސާސީ ތަސްދީގު ކުރާތާ ލަސްވެގެން ހަ މަސް ދުވަސްތެރޭގައި އާންމު އިންތިހާބު ބޭއްވުމަށެވެ.
ސަމީރުގެ ޑްރާފްޓުގައި ރައްޔިތުންގެ މަޖިލީހުގައި ސިވިލް ސާވިސްގައި ނުހިމެނޭ ކަމަށާއި އެގޮތުން ގޮނޑިއެއް ހުސްވެއްޖެ ނަމަ އެއް މަސް ދުވަސްތެރޭގައި ބައި އިލެކްޝަން ބޭއްވުމަށް ވެސް ހުށަހަޅުއްވައިފައިވެ އެވެ. މި ޑްރާފްޓަށް ތާއިދުކުރެއްވީ ތ. މެމްބަރު ރިޔާޒު ރަޝީދެވެ.
މި ހަތަރު ޑްރާފްޓްގެ އިތުރުން، އިންތިގާލީ މަރުހަލާ ނިމެންދެން ފުލުހުންނާއި ސިފައިންގެ ކަންތައް ހިންގާނީ ރައްޔިތުންގެ މަޖިލިހުގެ 10 މެމްބަރުންގެ ކޮމިޓީއަކުން ކަމަށް ލ. މެމްބަރު މޫސާ މަނިކު ހުށަހެޅުއްވި އެވެ. މި ހުށަހެޅުމަށް ތާއިދުކުރެއްވީ މ. މެމްބަރު އަހްމަދު ޝަފީގެވެ.
މިއަދުގެ ޖަލްސާގައި ރިޔާސީ އިންތިހާބާއި އާންމު އިންތިހާބު އެކުއެކީގައި ގެންދިއުމަށް ރ. މެމްބަރު އަލީ ވަހީދު ހުށަހެޅުއްވިއިރު، އިންތިހާބުތައް ވަކިވަކިން ގެންދިއުމަށް ތ. މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އެވެ. މި ދެ ހުށަހެޅުމަށް ވެސް ވަނީ ތާއިދު ލިބިފަ އެވެ.
ދ. މެމްބަރު މުހައްމަދު ރިޔާޒު ހުށަހަޅުއްވައި މާލޭ މެމްބަރު އަހްމަދު އާތިފް ތާއިދުކުރެއްވި ހުށަހެޅުމުގައި ވަނީ ގާނޫނު އަސާސީގެ އެއްވެސް ތަނެއްގައި މީހަކަށް ސަނާ ކިޔައި ތައުރީފްކޮށް ހަދާފައިވާ ލިޔުމެއް ހިމަނައިގެން ނުވާނެ ކަމަށެވެ.
މި ހުށަހެޅުމުގެ އިތުރުން، މިހާރު އޮތް ސިވިލް ސާވިސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންގެ މުއްދަތު ހަމަވަންދެން އެ މެމްބަރުން މަގާމުގައި ތިއްބަވާނެ ކަމަށާއި އަދި މިހާރު ހުންނެވި އޮޑިޓަ ޖެނަރަލް ވެސް މުއްދަތު ހަމަވަންދެން މަގާމުގައި ހުންނަވާނެ ކަމަށް ހއ. މެމްބަރު އަހްމަދު މުއިއްޒު ހުށަހެޅުއްވި އެވެ. ހެނދުނު ޖަލްސާ ނިމުނުއިރު މި ހުށަހަޅުމަށް ތާއިދެއް ނުލިބެ އެވެ.
މިއަދުގެ މެންދުރު ފަހުގައި ވެސް ހާއްސަ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖައްސަވާފަ އެވެ.
މިހާރު ކުރިއަށް ގެންދާ ޖަލްސާތަކަކީ ޑްރާފްޓް ކޮމިޓީން އިންތިގާލީ ބާބުގެ ޑްރާފްޓެއް އެކުލަވާނުލެވުނު ކަމަށް ބަލައި، އިންތިގާލީ ބާބުގައި ހިމަނާނެ ކަންކަން މަޖިލީހަށް ހުށަހަޅައި ނިންމުމަށް ބާއްވާ ޖަލްސާތަކެވެ.
މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ވިދާޅުވީ އެގޮތަށް ޖަލްސާ ނުބޭއްވޭނެ ކަމަށާއި އެއީ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ. އަދި މިހާރު އޮތް ޑްރާފްޓް ކޮމިޓީން ޑްރާފްޓު އެކުލަވާނުލެވުނު ނަމަ އާ ކޮމިޓީއެއް ހޮވުމަށް ވެސް ބައެއް މެމްބަރުން ގޮވައިލެއްވި އެވެ. ނަމަވެސް ރިޔާސަތުން، މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ ޖަލްސާ ބާއްވަނީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާއިން މަޖިލީހުގެ ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެއީ ގާނޫނު އަސާސީ ވީހާވެސް އަވަހަށް ނިންމުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ