ރައީސް ނަޝީދު ވެރިކަން ކުރައްވަމުން ގެންދަވަނީ އެއްވެސް ގާނޫނެއް ނެތް އިރު ރާއްޖޭގައި ވެރިކަން ކުރި ގޮތަށް: ގާސިމް

ރައީސް މުހައްމަދު ނަޝީދު ވެރިކަން ކުރައްވަމުން ގެންދަވަނީ އެއްވެސް ގާނޫނެއް ނެތި 1932 ގެ ކުރިން ރާއްޖޭގައި ވެރިކަން ކުރަމުން އައި އުސޫލުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ޖުމްހޫރީ ޕާޓީން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ހުރިހާ ދިމާލަކުން ވެސް ފެންނަނީ ރައީސް ނަޝީދު ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް މަސައްކަތް ކުރައްވަމުން ގެންދަވާތަން ކަމަށެވެ.
"މި ގާނޫނު އަސާސީ ބަލާލީމަ އެބަ އިނގޭ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން. އެއީ ދިވެހި ރައްޔިތުން ހަވާލުކުރާ އަމާނާތެއް،" ރައީސް ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ހޯމް މިނިސްޓަރު ކަމުގައި އެންމެ 21 ދުވަހު ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވި ގާސިމް ވިދާޅުވި އެވެ.
ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ހަފުލާގައި އޭނާ އިތުރަށް ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އުފެއްދުމުގެ ގާނޫނުގައިވާ ގޮތަށް ރައީސް ނަޝީދު އަމަލު ކުރައްވާފައި ނުވާތީ އެ ގާނޫނާ ވެސް އެ މަނިކުފާނު ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.
"މި ގާނޫނު އަސާސީގައި ބުނަނީ، އޭނާ މާތް ﷲ ގަންދީ ކޮށްގެން ހުރި ހުވާގައި މި ބުނަނީ، ގާނޫނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި އިސްލާމްދީނާއި މި ކަންތައްތަކުގެ މައްޗަށް އަމާނާތްތެރިވެ އިހުލާސްތެރިކަން މަތީ އެކަންކަން އަދާކުރުމަށް ދެމި ހުންނެވުމަށް. [އެމްބީސީ ގާނޫނަށް އަމަލު ނުކުރުން އެއީ] ކިހިނެއް ކުރެވޭނެ ކަމެއްތޯ،" ގާނޫނު އަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް ވިދާޅުވި އެވެ. "ދެން ކެބިނެޓް އިސްތިއުފާ ދީފައި މި ބުނަނީ [ވަޒީރުންނަށް] ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނަސް އެ މީހުން ވަތްކެއް ނުކުރެވޭނެ އޭ. ބަލަ ކިހިނެއް ކުރާނެ ކަމެއްތޯ އޭ އަޅުގަނޑު ހިތަށް އަރަނީ. ބަލަ މި ގާނޫނު އަސާސީގެ ކޮންމެ އަކުރެއް، ކޮންމެ ފިއްޔެއް ކޮންމެ މާއްދާއެއް މިވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށްފައޭ. ހިތަށް އެރި ގޮތަކަށް ކޮށްފައި އޮތް ކަމެއް ނޫނޭ އެއީ. އެއް ލަފްޒާއި އަނެއް ލަފްޒާ ދޭތެރޭ ސްޕޭސް ދީފައި އޮތް މިންވަރު ވެސް މިވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށްފައޭ. އެއީ ނޭނގިގެން، ތަރުތީބެއް ނެތި އޮޅުވާލެވިގެން، ނޭނގިގެން ބަޔަކު މީހުން ޖެހި ކުޅިމަޖާގަނޑެއް ނޫނޭ."
ގާސިމް ވިދާޅުވީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކޮށް އެތަނުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 27 ޑޮލަރު ނެގުމުން 25 އަހަރު ތެރޭ 1.3 ބިލިއަން ޑޮލަރު ލިބޭ ކަމަށެވެ. އަދި އެ ތަނުން ލިބޭ އެހެނިހެން ފައިދާއަށް ބަލާއިރު 25 އަހަރަށް ބަހާލިޔަސް 2.5 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އެއްޗެއް ލިބޭނެ ކަމަށެވެ.
"މިވަރުގެ ބޮޑު އާމްދަނީއެއް މިވަރުގެ ނިކަމެތި ގައުމަކަށް ލިބިލިބި އޮތް އެއްވެސް ކަމެއް މި ވުޖޫދަށް ދެން ނުގެނެވޭނެ ހަމަ ގައިމު ވެސް. އެވަރުގެ ކަމެއް އަޅުގަނޑުމެންގެ އަތްމަތިން ދޫކޮށް ބީކޮށްލަނީ ކޮން ފަދަ އެދުމެއް ފަހަތުގައި އޮވެގެން ބާވައޭ އަޅުގަނޑުގެ ހިތަށް އަރަނީ،" ގާސިމް ވިދާޅުވި އެވެ.
ގާނޫނު އަސާސީ އިސްލާހު ކުރެއްވި ދުވަސްވަރުގެ ހަނދާން އާ ކުރައްވަމުން ގާސިމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތައުރީފް ކުރެއްވި އެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީ ވުޖޫދަށް ގެނެސްފައި ވަނީ ރައީސް މައުމޫންގެ މަސައްކަތްޕުޅާއެކު ކަމަށެވެ. އެ ގޮތުން ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެން އެ މަނިކުފާނު ތިން ސިޓީ ފޮނުއްވި ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ މައުމޫންގެ އެއްބާރުލެއްވުން ނެތި، އެއްވެސް ލޭ އޮހޮރުމެއް ނެތި ސުލްހަވެރިކަމާއެކު ގާނޫނު އަސާސީ ވުޖޫދަށް ގެނައުމަށް ލާހިކު ނޫން ކަމަށެވެ.
"އެހެންވީމަ އެކަމަށްޓަކައި ދިވެހި ގައުމު ރައީސް މައުމޫނަށް ދަރާފައިވާ ދަރަނި އަޅުގަނޑުމެންނަށް އަދައެއް ނުކުރެވޭނެ. އެހެންވީމަ އެކަމަށްޓަކައި އަޅުގަނޑު އެ މަނިކުފާނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް މައުމޫންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރައްވައި ފަހުން އިސްތިއުފާ ދެއްވި ގާސިމް ވިދާޅުވި އެވެ. "ތިރީސް އަހަރު ދުވަހުގެ ދިގު މުއްދަތެއްގައި ކަންތައްތަކެއް ކުރެވުނު. އެ މަނިކުފާނު ވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތާއި ނިންމާފައި ވަޑައިގެންނެވިއިރު ގައުމުގެ ހާލަތު އަޅުގަނޑުމެން ބަލާލި ކޮންމެ މީހަކު އަންތަރީސްވެ އަޖާއިބު ނުވާނީ ކޮންކަމަކަށް ކޮން ބިނާއަކަށް ބަލާލީމަތޯއޭ އަޅުގަނޑު ހިތަށް އަރަނީ."
ގާސިމް ވިދާޅުވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނެއްގެ ދަށުން ދޭންޖެހޭ އިނާޔަތްތައް ރައީސް މައުމޫނަށް ނުދެއްވައި ސަރުކާރުން ހިފަހައްޓަވާފައިވާ ކަމަށެވެ. އަދި އެ ކަމުގައި ވެސް ރައީސް ނަޝީދު ގާނޫނާ ހިލާފުވެ ވަޑައިގެންފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ދެވަނަ ބުރުގައި ރައީސް ނަޝީދަށް ބައިއަތު ހިއްޕަވައި ބޮޑެތި ހަރަދުތަކެއް ކުރެއްވި ގާސިމް ވިދާޅުވީ ރައީސް ނަޝީދު ވެރިކަން ބޭނުންފުޅު ނޫން ކަމަށް ވިދާޅުވި ނަމަވެސް މިއަދު އަމަލު ކުރައްވާ ގޮތްތަކުން "ވެރިކަން ބޭނުން ނޫން މިންވަރު" ހާމަވަމުންދާ ކަމަށެވެ.
އަދި ވިދާޅުވީ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނިއްޔާ އެއްވެސް މުދަލެއް އެއްވެސް އެއްޗެއް ވިއްކައި، މީހަކަށް ދީގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު ސަރުކާރުން އަމަލުކުރަމުންދަނީ އެފަދަ ގާނޫނެއް ނެތި ކަމަށެވެ. އެ ގޮތުން މާލިއްޔަތު ގާނޫނު އިސްލާހުކުރުމުގެ ބިލް ރައީސް ނަޝީދު ތަސްދީގު ނުކުރައްވާކަން ގާސިމް ފާހަގަ ކުރެއްވި އެވެ. އެހެންވެ އެ އުސޫލުން ބަލާއިރު ސުޕްރީމް ކޯޓުގައި ތަޅު އަޅުވައި އަދި ކަންތައް ވެފައިވާ ގޮތުން ރައީސް ނަޝީދު "ގާނޫނުގެ ހުދޫދުގެ ތެރެއިން ނެއްޓެން" ވަކި ކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފާއިތުވި ދެ އަހަރު ގިނަ ކަންތައްތަކެއް ހާސިލުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ އޭނާ ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ޖަޕާނުން ހޯދި ލޯނެއްގެ އެހީގައި ހަ ރަށެއްގެ ބަނދަރާއި 16 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވި ކަމަށެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ އާ ބިލްޑިންގަކާއި ޑިފެންސް މިނިސްޓްރީގެ އާ ބިލްޑިންގާއި ވެލާނާގޭ ބިލްޑިންގް މިދިޔަ ޖުލައި 26 ގައި ހުޅުވުނީ ފިނޭންސް މިނިސްޓަރު ކަމުގައި އޭނާ ހުންނެވި ދުވަސްވަރު ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. މީގެ އިތުރުން ދާރުލް އާސާރުގެ އާ އިމާރާތް ވެސް ހުޅުވުނީ އޭނާގެ މަސައްކަތުން ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާގެ ހިއްސާ އޮންނަ ހޮރައިޒަން ފިޝަރީޒަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ދޭން ނިންމާފައި އޮތް ލޯނެއް ނުލިބި ލަސްވަމުން ދަނީ ދިވެހި ސަރުކާރުން "ޖެއްސުން" ކުރަމުން ގެންދާތީ ކަމަށެވެ.
"އެއީ އަޅުގަނޑު އިސްލާހަށް މަސައްކަތް ކުރަން ވާހަކަ ދައްކާތީ. މި ގާނޫނު އަސާސީއާ އެއްގޮތަށް ކަންތައް ކުރަން ވާހަކަ ދައްކާތީ. ބަލަ އަޅުގަނޑު އޭނަ [ރައީސް ނަޝީދު] ހޮވަން މަސައްކަތް ކޮށްދިނީ މި ގާނޫނީ ދުސްތޫރުގެ ތެރެއިން ކަންތައްތައް ކުރާނެ އިހުލާސްތެރިކަމާއެކު އަމާނާތްތެރިކަމާއެކު ޒިންމާދާރުކަމާއެކު ކަމެއް ކުރާނެ މީހެއް ކަމަށް ހީކޮށްގެން. އެކަމަކު އެކަން ނުކުރާނެކަން 21 ދުވަސް ކުރިން ވެސް ޔަގީންވީމަ ދެން ކީއްކުރަންތޯ މިކަމުގެ ތެރޭގައި ހުންނަންވީ، ދިވެހި ރައްޔިތުން ދަންޖައްސަން؟" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދަށް ވެރިކަން ހޯއްދަވައި ދެއްވަން މަސައްކަތް ކުރެއްވުނީ "އަޅުގަނޑަށް އޮޅިގެން" ކަމަށެވެ. އަދި މިއަދު ރައީސް ނަޝީދު މުޅިން ހައްދަވަނީ އިތުރުފުޅު ކަމަށާއި ނުކުރައްވާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ކުރައްވައި ނިންމަވައިފިކަން މިހާރު އެނގިވަޑައިގެންފި ކަމަށް ގާސިމް ވިދާޅުވި އެވެ.
ރޭގެ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ކުރީގެ އެޓާނީ ޖެނެރަލް އަދި އެމްޑީޕީގެ ދެވަނަ ރައީސް ޑރ. މުހައްމަދު މުނައްވަރެވެ. މި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބާއި ކުރެންދޫ ދާއިރާގެ އަހުމަދު މޫސާ ވަނީ ރަސްމީކޮށް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ