ޕާޓީގެ އަސާސްތައް ނުހިފަހައްޓައިފިނަމަ ރައީސް ނަޝިދު ދާނީ ޖަލަށް: މެމްބަރު ސަނީފް

އެމްޑީޕީގެ އަސާސްތައް ނުހިފަހައްޓައިފިނަމަ ރައީސް ނަޝީދު ޖަލަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތިނަދޫ ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ސަނީފް ވަނީ ވިޕްލައިނާ ގުޅޭގޮތުން ފާޑުވިދާޅުވެފައެވެ.
އެމްޑިޕީގެ އަސާސްތަކާއި ގަވާއިދުތަކަށް ހިފެހެއްޓުމަށް އެދި މެމްބަރު ވަނީ ޕާޓީގެ އަސާސްތައް ހިފެހެއްޓުމަށް ޕާޓީގެ ރައީސް، ރައިސް ނަޝީދަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ޕާޓީގެ އަސާސްތަކާއި އެއްގޮތަށް އަމަލުނުކޮށްފިނަމަ ޕާޓީ ހަލާކުވުމަކީ ވަރަށް ގާތް ކަމެއް ކަމަށާއި ޕާޓީ ހަލާކުވެއްޖެނަމަ ކުޑަގޮޅީގަ ތިބޭނީ އެ ބޭފުޅުން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ރާއްޖެ މިހާރު މިއޮތް ހާލަތުގައިވެސް ޑިމޮކްރަސީގެ ފޮނިމީރުކަން ލިބޭނެ ކަން ފާހަގަކުރައްވާ މެމްބަރު ސަނީފް ވިދާޅުވީ އެއްބައިވަންތަ ވެރިކަމެއް ރައީސް ސާލިހް ފިޔަވައި ކުރެއްވި ވެރިއަކު ފެނިވަޑައިނުގަންނަވާ ކަމަށެވެ.
މިކަން ރާއްޖޭގެ ހުރިހާ ސިޔާސީ ލިޑަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އިގްތިސާދީގޮތުންނާއި ސިޔާސީ އުނދަގޫ ހާލަތުގައިވެސް ރައީސް ސާލިހް ގެންދަވަނީ ކަންކަން މެނޭޖްކުރައްވަމުން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ވިޕް ލައިންގެ މައްސަލަ ހޫނުވެފައި މިވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ހުށަހެޅޭ މައްސަލަތަކުގައި އެއްވެސް ބަހުސެއް ކުރުމެއްނެތި ވަކިގޮތަކަށް މައްސަލަ ނިންމުމަށް ވިޕްލައިން ނެރެ އެގޮތަށް ފާސްކުރަމުން ގެންދާތީއެވެ.
އެގޮތުން ދަރަނި ރީސްޓްރަކްޗާ ކުރުމަށް ބޭނުންވާ ކަންކަން ތަރުތީބު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ގަރާރެއް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ފޮނުވުމުން އެ ގަރާރު ހުށަހަޅަން ތާއީދު ނުކުރަން ގިނަ މެންބަރުން ވޯޓު ދެއްވުމާއި ޕިޖީ ހުސެއިން ޝަމީމުގެ އިތުބާރުނެއް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޕީޖީ ގުރޫޕުން ފާސްކުރި ފާސްކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ