ކަރަންޓު ބިލު ނުދެއްކިގެން އަރާ ޖޫރިމަނާ މާފު ކުރެވޭނެ އުސޫލެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް އެހެން ވިދާޅުވީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޝަރީފް ވިދާޅުވީ މަގާމާ ހަވާލުވުމަށް ފަހު، އެ ކުންފުނީގެ ކަންކަން ދިރާސާކޮށް، ރަނގަޅުކުރަން ޖެހޭ ކަންކަމަކީ ކޮބައިތީ ބެލި ބެލުމުން ބައެއް ކަންކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ސްޓެލްކޯއަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ހިންގަމުން އަންނަ ކުފުންޏެއް ނަމަވެސް، ކޮންމެ ކަމެއްގައިގައި ކަންކަން ރަނގަޅު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން، ރައްޔޮތުންނާ ގުޅިފައި ހުރި ކަންކަމުގައި މީގެ ކުރިން ހަދާފައި ހުރި ބައެއް އުސޫލުތައް އެހާ ހަރުދަނާ ގޮތެއްގައި ހެދިފައި ނެތްކަން ފާހަގަ ކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ބައެއް އުސޫލުތައް ހަދައި، ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެގޮތުން ބިލު ނުދެއްކިގެން އަރާ ޖޫރިމަނާ މާފް ކުރެވޭނެ އުސޫލެއް ގާއިމުކުރުމަށް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
“މިސާލަކަށް އެ ބިލު ދައްކަން ޖެހޭ މީހާގެ ބާރުގެ ދަށުގައި ނެތް ކަމެއް ދިމާވެގެން ނުވަތަ އޭނާއަށް ނޭނގި އޮތް ކަމެއް ދިމާވެގެން ބިލުގެ ޖޫރިމަނާ އަރާކަމުގައި ވަންޏާ އެ ޖޫރިމަނާ މާފް ކުރެވޭނެ އުސޫލުތަކެއް މިހާތަނަށް ހެދިފައެއް ނުއެއް ނެތް” ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގެއެއް ކުއްޔަށް ދީފައި ހުންނަ އިރު، ކުއްޔަށް ހިފާ މީހާ ބިލު ނުދައްކައިގެން ޖޫރިމަނާ އަރާފައިވާކަން ގޭގެ ވެރިމީހާއަށް ނޭނގިދާނެ ކަމަށެވެ. އަދި ކުއްލިއަކަށް އެ މީ ހާ ގެ ދޫކޮށްލާފައި ދާއިރު، ޖޫރިމަނާއަށް އަރާ ފައިސާ ދައްކަން ޖެހެނީ ގޭގެ ވެރިމިހާއަށް ކަމަށެވެ. އެކަހަލަ ހާލަތްތަކާއި އެނޫންވެސް އެފަދަ ހާލަތްތަކުގައި ޖޫރިމަނާގެ ފައިސާ ވެގެންދަނީ އެ މީހުންނަށް ލިބޭ އިތުރު ތަކުލީފަކަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ޖޫރިމަނާގެ ފައިސާ މާފް ކުރުމުގައި އެކަންކަމަށް ބަލާނެ ކަމަށް ވިދާޅުވިއެވެ.
ކުންފުނީގެ ކަންކަމަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ވާހަކަ ދައްކަމުން ޝަރީފް ވިދާޅުވީ، އެ ކުންފުނީގެ ހިދުމަތްތަކަށް އެދުމަށް މިހާރު ބޭނުންކުރާ ފޯމު ތަކަކީ ވަރަށް ކުރީއްސުރެ ބޭނުންކުރަމުން އަންނަ ފޯމުތަކެއް ކަމަށެވެ. އަދި އެ ފޯމުތައް ހުރީ ޒަމާނާ ގުޅޭ ގޮތަކަށް ނޫން ކަމަށާއި އެހެންކަމުްނ އެ ފޯމުތައް ޒަމާނާ ގުޅޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، ކުންފުނީގެ މެނޭޖްމެންޓަށްވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، އެ ކުންފުންޏަށް އިތުރު ދެ ޑިޕާޓްމެންޓް އިތުރުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައަށް ހާއްސަ ޑިޕާޓްމެންޓެއް އުފައްދާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ކަރަންޓު ބިލު ނުދެއްކިގެން އަރާ ޖޫރިމަނާ މާފު ކުރެވޭނެ އުސޫލެއް ގާއިމުކުރަކީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ