ދުވަސްވީ މައްސަލަތައް ނިންމުމަށް ކްރިމިނަލް ކޯޓުން މައްސަލަ ބަލާ ވަގުތު އިތުރުކޮށްފި

ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިހުރި މައްސަލަތައް ނިންމުމަށްޓަކައި އެކޯޓުން މައްސަލަ ބަލާ ވަގުތު އިތުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯޓުގައި ނުނިމި ހުރި މައްސަލަތައް އިތުރުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ކޯޓުގައި މައްސަލަ ތާވަލުކުރާ ވަގުތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ކޯޓުގެ ބެކްލޮގް ނިންމުމަށްޓަކައި މިހާރު ކޯޓުގައި މައްސަލަތައް ތާވަލް ކުރަމުންގެންދާ ވަގުތުގެ އިތުރުން، މެންދުރުފަހު 14:00 އިން 17:00 އަށް މައްސަލަ ތާވަލްކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޯޓުން ބުނެއެވެ.
ކްރިމިނަލް ކޯޓުގައި ހުރި ދުވަސްވީ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ޖޭއެސްސީއާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ސުވާލުކޮށްފައެވެ. އެ އިދާރާތަކުން އޭރު ބުނެފައިވަނީ އެކޯޓުގައި މިހާރު ނުނިމި ހުރި ހުރިހައި މައްސަލައެއް ނިންމަން ސޯޅަ އަހަރު ނަގާނެ ކަމަށެވެ.
ޖޭއެސްސީގެ ރައީސް، ހިސާން ހުސައިން ވިދާޅުވީ 2019 ވަނަ އަހަރު މިހާރު އޮތް ޖޭއެސްސީ އެކުލަވައިލިއިރު، ކްރިމިނަލް ކޯޓުގައި 2022 މައްސަލައެއް ނުނިމި އޮތް ކަމަށެވެ.
އާންމުކޮށް ކޮންމެ އަހަރަކު 900 އައު މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައެވެ.
މީގެކުރިންވެސް ނުނިމި ހުރި މައްސަލަތައް ނިންމަން ކުރެވޭނެ ކަމެއްކަމަށް ޖޭއެސްސީން ފާހަގަކުރީ ކޯޓުގެ މަސައްކަތުގެ ވަގުތު އިތުރުކުރުމެވެ.
ކްރިމިނަލް ކޯޓުން ބުނީ މިމައްސަލަތައް ނިންމުމަށްޓަކައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 1 ޖޫން 2022 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ