ޓެރަރިޒަމާ ރާއްޖެއާއި ގުޅުވައިގެން ވާހަކަ ފަތުރަނީ ދިވެހި ރައްޔިތުން ބަނޑަށް ޖައްސުވަން ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ހުޅުމީދޫގައި ބަސް ދަތުރުތައް ފެށުން އިފްތިތާޙްކުރުމަށް ރޭ ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތުގައި އިބްރާހީމް ދީދީ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ސަރުކާރުން ލޯނެއް ނަގަން އުޅުނު ނަމަވެސް އަދި އިންވެސްޓަރަކު ރާއްޖޭގައި އިންވެސްޓްކުރަން އުޅުނު ނަމަވެސް އިނގިރޭސިވިލާތުގައި ތިބި "ޚާއިނުން" ގެންދަނީ އެކަންކަމަށް ހުރަސް އަޅަމުން ކަމަށެވެ.
"އަވަހަށް ގޮސް އެބަބުނޭ ތިކަން ކުރާކަށް ހެޔޮނުވާނޭ. ތި ލޯނު ދޭކަށް ނުވާނޭ، އެމީހުން ތިފައިސާ ބޭނުން ކުރާނީ އައިއެސްއަށް މީހުން ތަމްރީނުކުރުމަށޭ. ތިތިއްބެވީ ތަމްރީނު ހޯއްދަވައިގެން ތިއްބެވި ޓެރަރިސްޓުންތޯ؟ ކޮބައިތޯ ރާއްޖޭގައި ޓެރަރިސްޓުން؟ ރާއްޖެއަކީ ޓެރަރިސްޓުން ތަމްރީނުކުރާ ޤައުމެއް ނޫން. މިބަސްތަކާ ނަރުދަމާ އާ ބޯފެނާ މިހެންގޮސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ސަރުކާރުުން މިކުރާ ޚަރަދަކީ ޓެރަރިސްޓުން އުފައްދަން ކުރާ ޚަރަދުތޯ؟"
އިބްރާހީމް ދީދީ ވިދާޅުވީ ރާއްޖޭގައި ތިބީ ޓެރަރިސްޓުން ނޫން ކަމަށާއި ރާއްޖޭގައި ތިބީ ލޮބުވެތި ދިވެހި ރައްޔިތުން ކަމަށެވެ. އެހެންކަމުން "ޚާއިނުންތައް" މަސައްކަތް ކުރަނީ ދިވެހި ލޮބުވެތި ރައްޔިތުން ބަނޑަށް ޖެއްސުމަށް ކަމަށެވެ.
އިބްރާހީމް ދީދީ ވިދާޅުވީ އިނގިރޭސި ވިލާތުގައި ޖަމާއަތް ހަދައިގެން ތިބެ ދިވެހި ރައްޔިތުން ބަނޑަށް ޖައްސުވަން މަސައްކަތްކުރާ ބައަކު އެބަ އުޅޭ ކަމަށާއި އެމީހުންނަށް 2018 ވަނަ އަހަރު އެއްވެސް ފުރުޞަތެއް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ނެތް ކަމަށެވެ.
އިބްރާހީމް ދީދީ ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ކުރިއެރުން ހޯދަމުން ގެންދަނީ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްތައް ކޮށްދީގެން ކަމަށާއި ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކޮށްދީގެން ކަމަށެވެ.
"މިސަރުކާރަކީ ރައްޔިތުންނަށް އޮޅުވާލައި ހުވަފެން ދައްކާ ސަރުކާރެއް ނޫން. ކަންކަން ކޮށްފަ މިދައްކަނީ. އެހެންވީމާ މިސަރުކާރަށް 2018 ގައި ވެސް ރައްޔިތުން ތާއީދުކުރަންވީ."
އިބްރާހީމް ދީދީ ވިދާޅުވީ ރައްޔިތުންގެ ހޯދޭނީ ރައްޔިތުންނަށް ގެއްލުންދީ އަނިޔާކޮށް ބަނޑަށް ޖައްސުވައިގެން ނޫން ކަމަށެވެ. ރައްޔިތުންގެ ތާއީދު ހޯދޭނީ ވީހައި ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދީގެން ކަމަށެވެ. "އަޅުގަނޑު ގޮވާލަން ރައްޔިތުން ބަނޑަށް ޖައްސަން ކުރާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓައިލުމަށް." އިބްރާހީމް ދީދީ ވިދާޅުވިއެވެ.
ޓެރަރިޒަމާ ރާއްޖެއާއި ގުޅުވައިގެން ވާހަކަ ފަަތުރަނީ ރައްޔިތުން ބަނޑަށް ޖައްސުވަން: އިބްރާހީމް ދީދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ