ޔޫރަޕްގެ ހުށަހެޅުންތަކަށް ގްރީސްގެ ރައްޔިތުން "ނޫނެކޭ" ބުނެފި

ގްރީސްގެ ދަރަނީގެ މައްސަލަ ހައްލުކޮށްދިނުމަށް އީ.ޔޫ – އައި.އެމް.އެފުން އަލަށް ކުރިމަތި ކުރި ޝަރުތުތަކަށް ގްރީސްގެ ރައްޔިތުން "ނޫނެކޭ" ބުނެފިއެވެ.
މިހާތަނަށް ވޯޓްގެ ރަސްމީ ނަތީޖާގެ %50 ހާމަކޮށްފައިވާއިރު %61 މީހުން ވަނީ ނޫނެކޭ ބުނެފައެވެ. އިދިކޮޅަށް ލިބިފައިވަނީ %39 ވޯޓެވެ. މިއާ ގުޅިގެން، ގްރީސްގެ ވެރިރަށް އެތެންސްގެ ސިންޓަމާ މައިދާނަށް އެތައްހާސް ބަޔަކު އެއްވެ އުފާ ފާޅުކުރަމުން އެބަދެއެވެ. މިރިޕޯޓާއެކު، ޔޫރޯގެ އަގުވެސް ބަޒާރުގައި ވެއްޓެން ފަށައިފި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގްރީސްގައި މިއަދު ނެގި ފެންނަ ނުފެންނަ ވޯޓްގައި، ޔޫރަޕްގެ މާލީ އިދާރާތަކުގެ ހަރުކަށި ހުށަހެޅުމަށް ގްރީސްގެ ރައްޔިތުން ނޫނެކޭ ބުނެފިނަމަ މިއީ، ޔޫރަޕަށް ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނޭ ކަމެކެވެ. ޔޫރޯ ޒޯނުން ގްރީސް ވަކިވާނެ ނަތީޖާއަކަށް ވާނެއެވެ.
ޚަބަރު ލިބޭގޮތުގައި، ވޯޓްގެ ނަތީޖާއާ ގުޅިގެން ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސްއާއި، ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މަރްޚެލް ކުއްލި ގޮތަކަށް މަޝްވަރާ ކުރައްވަމުން އެބަ ގެންދަވައެވެ. ބޮޑުވަޒީރު އެލެކްސިސްއާއި އޭނާގެ ސަރުކާރުން ކެމްޕެއިން ކޮށްފައިވަނީ ޔޫރަޕްގެ ހުށަހެޅުންތަކަށް "ނޫނެކޭ" ބުނުމަށެވެ.
ގްރީސްގެ މައްސަލާގައި ޔޫރަޕްގެ ގައުމުތަކުގެ ވެރިން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައި ގެންފައިވާއިރު، ގްރީސްގެ ވޯޓާ ބެހޭގޮތުން ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މަރްޚެލްއާއި، ފަރަންސޭސި ރައީސް ފްރެކޮއިސް އޮލާންޑޭ މާދަމާރޭ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. ޔޫރޯޒޯންގެ ވެރިން މާދަމާ އެތެންސްގައި ގްރީސްގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވެއެވެ.
ގްރީސްއަށް ދިމާވެފައިވާ މާލީ މައްސަލަތަކަށް އެހީވުމުގެ ގިނަ ވާހަކަތަކެއް ތާވަލް ކުރެވިފައިވާއިރު، ރައްޔިތުން "ނޫނެކޭ" ބުނުމަށްފަހު ދެން ބާއްވާ ވާހަކަތައް ކުރިއަށް ދާނޭގޮތް ވަޒަން ކޮށްލަންވެސް އުދަގޫކަމަށް ޖަރުމަނުގެ ޑެޕިއުޓީ ޗާންސެލަރ ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވެފައިވަނީ، ޔޫރަޕާއި ގްރީސްއާ ދެމެދު ގޮތް ގުޅުން ގްރީސްގެ ބޮޑުވަޒީރު "ފުނޑުފުނޑު" ކޮށްލައްވައިފި ކަމަށެވެ.
އަނެއްކޮޅުން، ޔޫރަޕްގެ ހަރުކަށި ހުށަހެޅުންތަކަށް ގްރީސްގެ ރައްޔިތުން ނޫނެކޭ ބުނުމަކީ ޑިމޮކްރަސީއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ސްޕެއިންގެ ޕޮޑެމޯސް ޕާޓީގެ ލީޑަރ ޕަބްލޯ އިގްލޭސިއާސް ވިދާޅުވެފައި ވެއެވެ.
ގްރީސްގައި ނެގި ޚިޔާލު ހޯދުންތަކުންވެސް ދައްކާފައިވަނީ، ވޯޓް ބުރަވާނީ "ނޫނެކޭ" ބުނާ މީހުންނަށް ކަމުން، މިއަދުގެ ފެންނަ ނުފެންނަ ވޯޓްގެ ނަތީޖާއަކީވެސް އެއީ ކަމަށް އެންމެންވެސް މިހާރު ވަނީ ލަފާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ